16 އެޕްރީލް 2022 - 05:09

މިލާން (އޭޕްރީލް 16) އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނުން ޖެނޮއާ ބަލިކޮށް ލީގު އެއްވަނައިގައި އޮތް ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ވެސް ރޭ ސްޕެޒިއާ ބަލިކޮށް, ލީގު ދިފާއުކުރަން ކުރަމުންދާ މަސައްކަތުގެ އުންމީދު ދަމަހައްޓައިފި އެވެ.

އޭސީ މިލާން އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 33 މެޗުން ހޯދި 71 ޕޮއިންޓާ އެކު އެވެ. އަދި އިންޓަ މިލާން ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ 69 ޕޮއިންޓް ހޯދައިގެންނެވެ. އޭސީ މިލާނަށް ބާކީ ފަސް މެޗު އޮތް އިރު އިންޓަ މިލާނަށް ބާކީ ހަ މެޗު އެބަ އޮތެވެ.
އިންޓަ އާއި އޭސީ މިލާން ލީގުގައި ބައްދަލުކުރަން ޖެހޭ ދެ މެޗު ވަނީ ކުޅެފަ އެވެ. ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު، ފެބްރުއަރީ މަހު ކުޅުނު ދެވަނަ މެޗު 2-1 އިން ކާމިޔާބު ކުރީ އޭސީ މިލާނެވެ. އޭސީ މިލާނަށް އެއްވަނައިގައި ލީޑު ފުޅާކުރަން ފުރުސަތު ލިބުނު ނަމަވެސް ރޭގެ މެޗުގެ ކުރިން އެޓީމު ލީގުގައި ކުޅުނު ދެ މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ރޭ ފުރަތަމަ ކުޅުނީ އިންޓަ މިލާނެވެ. ރަށުން ބޭރުގައި އިންޓަ އިން ސްޕެޒިއާއާ ބައްދަލުކުރި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި މެޗުގެ 31 ވަނަ މިނިޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ މާސެލޯ ބްރޯޒޮވިޗް އެވެ. އަދި އިވާން ޕެރިސިޗް ނަގައިދިން ހުރަހަކުން މެޗުގެ 73 ވަނަ މިނިޓުގައި އިންޓަގެ ދެވަނަ ލަނޑު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ.
ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ސްޕެޒިއާ އިން ލަނޑެއް ޖަހައި ފަރަގު ކުޑަ ކުރި އެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި މާޓިނޭޒް ހުސް ކޮށްލާފައި ދިން ބޯޅައަކުން އިންޓަގެ ތިންވަނަ ލަނޑު ޖަހައި، މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ.
މި ނަތީޖާއާ އެކު އޭސީ މިލާނާ އެއްވަރަށް މެޗު ކުޅެ، އެއް ޕޮއިންޓް އިތުރަށް ހޯދައިގެން އިންޓަ ލީގުގެ އެއްވަނައަށް ޖެހިލި ނަމަވެސް ފަހުން އޭސީ މިލާނުން ވަނީ ސެން ސީރޯގައި، ރެލިގޭޝަން ޒޯނުގައި އޮތް ޖެނޮއާއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް އަލުން އެއްވަނައަށް ޖެހިލައިފަ އެވެ.
މެޗުގެ 11 ވަނަ މިނިޓުގައި ޕިއޭރޭ ކުލޫލޫ ނަގައިދިން ބޯޅައެއް ގޯލުތެރެއަށް ފޮނުވާލައިގެން އޭސީ މިލާންގެ ފުރަތަމަ ލަނޑު ޖަހައިދިނީ ރަފައެލް ލެއާއޯ އެވެ. އޭގެ ފަހުން އެލެކްސިސް ސަލެމޭކާސް އަށް ލިބުނު ފުރުސަތުގައި މާ ރަނގަޅަށް ބޯޅަ ފޮނުވާ ނުލެވުނެވެ. އޮލިވިއޭ ޖިރޫ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި ލެއާއޯ ފޮނުވާލި ހަމަލާއެއް ޖެނޮއާގެ ކީޕަރު މަތަކުރި އެވެ.
އޭސީ މިލާނުގެ ދެވަނަ ލަނޑު 87 ވަނަ މިނިޓުގައި ޖެހީ ޖޫނިއާ މެސިއަސް އެވެ. އަންޓޭ ރެބިޗް ގޯލު ކުރިމައްޗަށް ހުސްކޮށް ވައްޓާލި ބޯޅަ މެސިއަސް ވެއްޓިގެންފައި ފޮނުވާލުމުން ކީޕަރު ސަލްވަޓޯ ސިރިގު ލައިން މަތިން ދިފާއު ކުރި އެވެ. ނަމަވެސް މެސިއަސް ވަނީ ތެދުވެ އަވަހަށް ރީބައުންސް ބޯޅަ ހޯދައި ގޯލު މަތީ ދާގަނޑަށް ފޮނުވާލައިފަ އެވެ.
އޭސީ މިލާނާއި އިންޓަ މިލާނުގެ ފަހަތުގައި ލީގު ތިންވަނައިގައި އޮތީ 32 މެޗުން 66 ޕޮއިންޓް ހޯދާފައިވާ ނަޕޯލީ އެވެ. އަންނަ ހޯމަ ދުވަހުގެ ރޭ ނަޕޯލީ ނުކުންނާނީ އަމިއްލަ ދަނޑުގައި، ފަސްވަނައިގައި އޮތް ރޯމާއާ ދެކޮޅަށެވެ. ހަތަރު ވަނައިގައި އޮތް ޔުވެންޓަސް މިރޭ ނުކުންނާނީ ބޮލޯނިއާއާ ދެކޮޅަށެވެ.