ކޭޖީއެފްގެ ދެވަނަ ބަޔަށް ބޮޑު ތަރުހީބެއް
ކޭޖީއެފްގެ ދެވަނަ ބަޔަށް ބޮޑު ތަރުހީބެއް

ޕްރަޝިންތު ނީލް ޑައިރެކްޓްކޮށް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އެކްޝަން ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ހިންދީ، ތަމަޅަ، ތެލުގޫ، ކަނަންޑާ އަދި މަލަޔާޅަމް ބަހުން ނެރުނު އެ ފިލްމުގެ ހިންދީ ވާޝަން އަށް ލިބުނީ ހީނުކުރާހާ ވަރުގެ ބޮޑު ތަރުހީބެއް ކަމަށް ފިލްމު އެނަލިސްޓުން ބުންޏެވެ. ހިންދީ ބަހުން ނެރުނު ފިލްމަށް އެކަނި ވެސް ބޮކްސް އޮފީހުގައި 53.35 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

އެއާ އެކު އެ ފިލްމުވެފައި ވަނީ ހިންދީ މާކެޓްގައި އެންމެ ފެށުން ރަނގަޅު ފިލްމަށެވެ.

ކޭޖީއެފް އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އެ ފިލްމަށް ވަނީ، ފިލްމު ބެލުމަށް އެޑްވާންސްކޮށް އެންމެ ގިނައިން ބުކިން ހެއްދި ފިލްމުގެ ރިކޯޑް ވެސް ލިބިފަ އެވެ. ކުރިން އެ ރިކޯޑް ހިފެހެއްޓީ އެސްއެސް ރާޖަމޯލީ ޑައިރެކްޓްކޮށް ނެރުނު ފިލްމު "ބަހޫބަލީ 2" އާއި ހޮލީވުޑްގެ ސުޕަހީރޯ ފިލްމު "އެވެންޖާސް: އެންޑްގޭމް" އެވެ.

އޮންލައިންކޮށް އެޑްވާންސް ބުކިން ހައްދަން ހުޅުވާލުމާ އެކު، އެ ފިލްމުގެ ޓިކެޓް 2.9 މިލިއަން މީހުން ގަތް ކަމަށްވެ އެވެ.

އެ ފިލްމު ރިލީޒްކުރީ އިންޑިއާގެ 10،000 ސްކްރީންގަ އެވެ. އެ ދުވަހު އެކަނި ވެސް 50،000 ޝޯ އެޅުވި އެވެ.

ކޭޖީއެފް ދެވަނަ ބަޔާ އެކު، ކަނަންޑާ ފިލްމީ ދާއިރާގައި މަޝްހޫރު ޔަޝްގެ މަގުބޫލުކަން ވެސް އައްލޫ އަރްޖުން އާއި ޕްރަބާސްއެކޭ އެއްގޮތަށް އިތުރުވާނެ އެވެ.