15 އެޕްރީލް 2022 - 15:25

މޮސްކޯ (އެޕްރީލް 15) - މިދިޔަ ބުދަ ދުވަހު ބާރުގަދަ އެއްޗެއް ގޮވި ރަޝިޔާގެ ހަނގުރާމަ މަތީ މަނަވަރު ކަޅު ކަނޑަށް މިއަދު ފެތިފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ރަޝިޔާގެ ބްލެކް ސީ ފްލީޓުގައި ހިމެނޭ މޮސްކްވާ މަނަވަރު ފެތިފައި ވަނީ ގަދަ ކަނޑުގައި ކަފު ޖަހައިގެން ބަނދަރަކަށް ގެންދަނިކޮށެވެ.
ފެތުނު މަނަވަރަކީ ރަޝިޔާގެ އަސްކަރީ ބާރުގެ ރަމްޒެކެވެ. ޔުކްރޭނަށް ކަނޑުން މިސައިލް ފޮނުވާލުމުގައި ވެސް އެ މަނަވަރު ބޭނުންކޮށްފައިވެ އެވެ. އަދި މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ފެތުނު ރަޝިޔާގެ އެންމެ ބޮޑު މަނަވަރެވެ. ގާތްގަނޑަކަށް 12،490 ޓަނުގެ މަނަވަރުގައި 510 ފަޅުވެރިން އުޅެ އެވެ.
ޔުކްރޭނުން ބުނެފައި ވަނީ މަނަވަރަށް ގެއްލުން ދިނީ އެ ގައުމުން ފޮނުވާލި މިސައިލަކުން ކަމަށެވެ. ނަމަވެސް ރަޝިޔާ އިން އެކަމަށް އެއްބަހެއް ނުވެ އެވެ. އެ ގައުމުން ބުނެފައި ވަނީ މަނަވަރު ފެތުނީ އަލިފާނުގެ ހާދިސާއެއްގައި ކަމަށެވެ. އަލިފާން ރޯވެފައި ވަނީ މަނަވަރުގައި ހުރި ގޮވާތަކެތީގައި ކަމަށް ރަޝިޔާ އިން ބުނެ އެވެ. މަނަވަރުގައި ތިބި ފަޅުވެރިން ވަނީ ކަޅު ކަނޑުގައި ދަތުރުކުރި ރަޝިޔާގެ އެހެން މަނަވަރަކަށް ބަދަލުކޮށްފަ އެވެ.
ޔުކްރޭނުގެ އަސްކަރީ އޮފިޝަލުން ބުނެފައި ވަނީ މޮސްކްވާ މަނަވަރަށް ހަމަލާދީފައި ވަނީ ޔުކްރޭނުގައި އުފައްދާފައިވާ ނެޕްޓޫން މިސައިލުން ކަމަށެވެ.
ރަޝިޔާގެ މަނަވަރު ފެތުން އެމެރިކާ އިން ސިފަކޮށްފައި ވަނީ މޮސްކޯގެ އޮޕަރޭޝަނަށް ލިބުނު ބޮޑު ދަރައެއްގެ ގޮތުގަ އެވެ.
ސޯވިއެޓް ދުވަސްވަރު ބަނދެފައިވާ 186.4 މީޓަރުގެ ދިގު މަނަވަރު ޚިދުމަތަށް ނެރެފައި ވަނީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު އެވެ. ސީރިއާގެ ހަނގުރާމައިގެ ދުވަސްވަރު ވެސް ރަޝިޔާއިން ވަނީ އެ މަނަވަރު އެ ސަރަހައްދަށް ފޮނުވައިފަ އެވެ. އެ މަނަވަރުގައި 16 ވަލްކަން އެންޓި-ޝިޕް މިސައިލް އާއި އެންޓި-ސަބްމެރިން އަދި މައިން-ޓޯޕީޑޯ ހަތިޔާރު ހަރުކޮށްފައިވެ އެވެ.