ކުރު ވާހަކަ: މުޑުދާރު
ކުރު ވާހަކަ: މުޑުދާރު

އުސް އިމާރާތްތަކާއި ބައިވަރު މީހުންނެވެ. ކާރާއި ޕިކަޕާއި ސައިކަލާއި އެކި ވައްތަރުގެ އެކި ކޮޅުކޮޅަށް ދުއްވަމުން ގެންދާ އެއްޗެއްސެވެ. ކުދިކުދި އެކި ޒާތްޒާތުގެ ސާމާނު އުނގަށް ލައިގެން ހިނގާ މަގުގެ ހިޔަލުގައި މަޑުކޮށްލައިގެން ތިބި މީހުންނާއި ފާޑުފާޑުގެ އެއްޗެހި ކޮނޑަށާއި ބޮލަށް ލައިގެން ދެކޮޅު ބެލުމެއް، ޖެހިލުމެއް ނެތި މަގު ހުރަސްކުރަމުން ގެންދިޔަ މީހުންނެވެ. އަދި ނިކަން ބާރަށް ވާހަކަ ދައްކާ މީހުންނެވެ. އެކަމަކު އިސްލާމީ މަރުކަޒު ކޮބައި ހެއްޔެވެ؟ ވިހުރުވޭ އެ ބޮޑު ދިދަ ކޮބައި ހެއްޔެވެ؟ މިތަން އެހާ ރީއްޗެއް ނޫނެވެ. މިތަނުގައި އެންމެން ވެސް ހީވަނީ ރުޅިއައިސް ތިބޭހެންނެވެ.

ކައްޕީގެ ގެގަނޑަށް ވަދެ ކުޑަދޮރަކުން ބޯދިއްކޮށް މާލޭގެ ބަނދަރުމަތީގެ ހަލަބޮލި މާހައުލުގައި ހިނގަމުން ދިޔަ ކަންކަމަށް ނަޒަރު ހުއްޓުވާލައިގެން ޝައުގުވެރިވެފައި އޮތް ޒާޔާގެ ހިތަށް އަރައި ފައިބަމުންދިޔަ ހިޔާލުތަކަކީ މިއެވެ. މިއީ ފޮޓޯއަކުން ދުވަހަކުވެސް އޭނާ އަށް ފެނުނު މާލެއެއް ނޫނެވެ. އަދި މީހަކު ދުވަހަކުވެސް އޭނާ އަށް މާލެ ސިފަކޮށްދިން ގޮތެއް ވެސް ނޫނެވެ.

ކުއްލިއަކަށް ޒާޔާގެ ސަމާލުކަން ދަމައިގެން ގޮސް ހުއްޓުނީ މާރުކޭޓާ ދިމާލުގައި ފަތިވަރު ގުނަމުން ހޯބޯލަވަމުން މުންޑުގަނޑު ކޮށިކުރަމުން ގޮސް ޒުވާނަކާ ކުރިމަތިލައި ވަރަށް ހުތުރު ވައްތަރު ޖައްސަން ފެށި މުސްކުޅި ފިރިހެނަކަށެވެ. ބޮލުގައި އޮތް ތޮފިގަނޑު ނަގައި ރުޅިއައިސްގެން ބިންމައްޗަށް ޖަހާލައި ފުންމައިގެން ގޮސް އެ ޒުވާނާގެ ކަރުގައި އެލިގަތުމުން މުސްކުޅި މީހާ ނަގައި ފާރުބުޑަށް ޖަހާލައި އެ ޒުވާނާ އެތަނުން ފެއްސިގެންދިޔައީ އަދި އެ ބެއްޔާގެ މޫނަށް ކުޅެއް ވެސް ޖަހާލައިފައެވެ.

ޒާޔާއާ އެކު އޭރު އެންމެން ވެސް ތިބީ މި މަންޒަރެއް ބަލާށެވެ. މުސްކުޅި މީހާ އެތަނުން ތެދުވިގެން ގޮސް ތޮފިގަނޑު ނަގައި އޭނާގެ ނުރަބޮލުގައި އަޅައި ޓީޝާޓުގަނޑު ގަޔަށް ހެޔޮވަރުކުރަމުން ގޮސް ހުއްޓުނީ ތަޅައިގެންގޮސްފައި އޮތް ދެ ފުޅިއެއް ކައިރިއަށެވެ. އެ ދިމާލަށް ހޫރާލާފައިވާ އިތުރު އެހެން ފުޅިތައް ވެސް އޭރު ފެނެއެވެ. ހީވާ ގޮތުން އެއީ ސެންޓު ފުޅިއެވެ. އަދި އެ ޒުވާނާ އެ ދިޔައީ ކަރުދާސްފޮށިގަނޑެއްގެ މަތީގައި އަތުރާފައި ހުރި މި މުސްކުޅި ބެއްޔާގެ އުނގުވިޔަފާރި ފިހާރަގަނޑުގައި ކޮޅުފައިން ޖަހައި މުޅި ހިސާބުގަނޑަށް ސެންޓުފުޅިތައް ހޫރުވާލައިފައެވެ.

ފުޅިތައް އަލުން ފޮށިގަނޑުމަތީގައި އަތުރައި މި ބެއްޔާ ބިންމަތީގައި ހަމަޖެހިލިތަނުން އެތަނަށް ގޮސް މަޑުކުރީ ވަރަށް ރީއްޗަށް ހެދުން އަޅައިގެން ހުރި ދެބައިއުމުރުގެ ފިރިހެނެކެވެ. އަތުކުރި އުޅަނބޮށިއާ ހަމަ އަށް އޮޅައި ބެގީކޮށް ބޮލުގައި އޮތް ކަޅު އިސްތަށިގަނޑުގައި ވަރަށް ރީއްޗަށް ފުނާއަޅައި ނަލަނަލަ ބޫޓަކަށް އަރައިގެން ހުރި މީހެކެވެ.

އެ މީހާ އެތަނުން ސެންޓުފުޅިއެއް ގަނެގެން މުސްކުޅި ބެއްޔާގެ އަތަށް ލާރި ދީފައި އެ ފުޅި ޖީބަށް ލައިގެން އެނބުރުނީ މި ހުރިހާ މަންޒަރެއް ބަލަން ޒާޔާ އަރައި އޮތް 'އުއްމީދު' ބޯޓާ ދިމާލަށެވެ. ލޮލުގައި އޮތް އަވިއައިނު ހެޔޮވަރުކޮށްލުމަށް ފަހު މަގުހުރަސްކޮށް އައިސް އެމީހާ އެރީ އުއްމީދަށެވެ.

އެހިސާބުން އެއީ ކާކުކަން ގާތްގަނޑަކަށް ޒާޔާ އަށް ޔަގީންވިއެވެ. އޭނާގެ މައުސޫމު މޫނު މައްޗަށް ބަންޑުންވި އުފާވެރިކަމާ އެކު ދެން އިވުނީ ކައްޕި ގޮވާލި އަޑެވެ. ޒާޔާއަށެވެ.

ހެވި ދިއްލި ޒާޔާ އަވަސްއަވަހަށް ތިރިއަށް ފޭބިއިރު އެއްކަލަ ރީއްޗަށް ހެދުން އެޅި ފިރިހެން މީހާ އެ ހެރީ އޭނާގެ އިންތިޒާރުގައެވެ. ކިތަންމެ ފޯރިއަކާއި ޖޯޝެއް ހިތު ތެރޭގައި ބޮކިޖަހަމުން ދިޔަ ނަމަވެސް ކައްޕި ކައިރިއަށް ގޮސް މަޑުކޮށް ޒާޔާ އަށް ހުރެވުނީ އިސްދަށަށް ޖަހައި ބަސްއަހައިގެންނެވެ. ކައްޕި އާއި އެމީހާ ދެއްކި ވާހަކައެއް ވެސް ޒާޔާ އަކަށް ސާފެއް ނުވިއެވެ. އަޑުއިވުނު ކަމެއް ވެސް ނޭނގެއެވެ.

ޒާޔާ އިސް އުފުލައި ބަލައިލީ ކައްޕި އޭނާއާ ދިމާލަށް އެނބުރި ކޮންމެވެސް އެއްޗެކޭ ކިޔާހެން ހީވެގެންނެވެ. ޒުހުރީއެވެ. ޒުހުރީބެއެވެ. މިއީ ޒުހުރީބެއެވެ. ޒުހުރީބެ އެ އައީ ޒާޔާ ބަލައެވެ.

ޒުހުރީބެ ބޯޓުން ފޭބީ ޒާޔާ އުރާލައިގެންނެވެ. ޒާޔާ އިނީ ވަރަށް ލަދުންނެވެ. އެކަމަކު ޒުހުރީބެގެ ބޮލުގައި ފުނާއަޅައި އޮމާންކޮށްފައި އޮތް ނަލަ އިސްތަށިގަނޑަކީ އަސްލު އިސްތަށިގަނޑެއް ނޫންކަން ޒާޔާ އަށް އެނގުނީ ޒުހުރީބެގެ އުރުގައި ހޭދަކުރި އެ ހަތަރު ސިކުންތުގައެވެ.

ޒާޔާ ބިމަށް ބޭލުމަށް ފަހު ޒުހުރީބެ އޭނާގެ ބޮލުގައި އޮތް އިސްތަށިގަނޑު ދެ އަތުން ރީތިކޮށްލައި ދަތްތައް ފެންނަގޮތަށް ހިނިތުންވެ ހީލިއެވެ. އެ ދަތްޕިލަ ވަރަށް ވެސް ހުދެވެ. އަނެއްކާ އެއީ އަސްލު ދަތްޕިލައެއް ހެއްޔެވެ؟ ޒާޔާގެ ހިތަށް އެރީ މިހެންނެވެ.

ކޮންމެއަކަސް ޒުހުރީބެގެ މި އާދަޔާހިލާފު އަދި އެވަރަށް ޝައުގުވެރިކުރުވަނިވި ސިފަތަކަށް ގެއްލި އުފާވެފައި ހުއްޓައި ކައްޕި ބޯޓުން ފައިބައިގެން އައިސް ދިއްކޮށްލި ތަންމަތިގަނޑު އަތުލައިގެން ޒާޔާގެ އަތުގައި ހިފައި ދަމަމުން ޒުހުރީބެ މީހުންތަކުގެ ތެރެއިން ކުރިއަށް ހިނގައިގަތެވެ.

މާކަ ދުރަކަށް ނޫނެވެ. އެކަމަކު ބަލާލައިގެން ހިނގައްޗެވެ. ޒުހުރީބެއާ އެއްވަރަކަށް ހިނގޭތޯ ބަލައްޗެވެ. ޒުހުރީބެގެ މި ހުރިހާ އިރުޝާދަކާ އެއްވަރަކަށް ދާން ޒާޔާ ތެޅެމުންފޮޅެމުންދިޔައިރު އޭނާ ހީވަނީ ނަށަމުން ފުމެމުން ބަނޑިބަނޑިލައްވަމުން ދިޔަހެންނެވެ.

ހިސާބަކަށް ދެވުނު ފަހުން ޒުހުރީބެ މަޑުކޮށްލިއެވެ. ޒާޔާ ވަރުބަލިވެގެނެއް ނޫނެވެ. ހީވަނީ ޒުހުރީބެ ވަރުބަލިވެގެންހެންނެވެ. ގަހެއްގެ ހިޔަލުގައި ޒާޔާ ބަހައްޓާފައި ބާލީހުގެ ތަންމަތިކުނާގަނޑު ފާރަށް ލައްގާލާފައި ގޮސް ޒުހުރީބެ ވަނީ އެދިމާލު ކަންމަތީގައި ހުރި އައިސްކްރީމް ވިއްކާ ތަނަކަށެވެ. ނުކުމެގެން އައީ ދެ އަތުން ދެ އައިސްކޯނު ހިފައިގެންނެވެ.

ޒުހުރީބެ ޒާޔާގެ އަތަށް ދިއްކޮށްލީ ސްޓްރޯބެރީ އައިސްކޯނެވެ. ދެން ބުނެލީ ކޮންމެވެސް ސްކޫޕެއްގެ ވާހަކައެވެ. އައިސްކޯނު ބޮމުން ތަންމަތިގަނޑު ކޮނޑަށް ލައިގެން ޒުހުރީބެ ހިނގައިގަތްއިރު ވެސް ޒާޔާ އަށް ހުރެވުނީ އެ ބުނި ސްކޫޕަކާ ދިމާލަށް ބަލަހައްޓައިގެން އެތަނުގެ ބޭރުގައި ނިވި ދިއްލެމުން ދިޔަ ބޮކިތަކަށް ގެއްލިފައެވެ. ވިރިގެން އަތަށް ފޭބި އައިސްކްރީމުގެ ފިންޏާއި ޒުހުރީބެގެ އަޑު އައީ ތަތްވެގެންނެވެ.

އައިސްކޯނުގައިވީ އައިސްކްރީމުގެ ބޯޅައިގައި ދޫލައި މުޅި ދެ ތުންފަތުގެ ބޭރުގައި ދޫލަމުން ޒާޔާ ޒުހުރީބެގެ ފަހަތުން ދުއްވައިގަތެވެ.

އައިސްކޯނު ހުސްކޮށް، ލައިގެން ހުރި ޖިންސުގަނޑުގައި ދެ އަތް ހާކައި އައިސްކްރީމުގެ ތަތްކަން ފިލުވަމުން ގޮސް ޒުހުރީބެއާ އެކު ޒާޔާ ވަނީ ހަނި ގޯޅިގަނޑަކަށެވެ. ވަށައި ބަލައި ހޯދަމުން ދަނިކޮށް އިރުކޮޅަކަށް ޒުހުރީބެ ގެއްލިއްޖެއެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުއްޓައި ކުއްލިއަކަށް ކުރިއަށް ދުއްވައިގަނެވުނީ އެތެރޭގައި ހުރި ގެއަކުން ބޯދިއްކޮށް ޒުހުރީބެ އޭނާގެ ހުދު ދަތްޕިލަ ދިއްލާލުމުންނެވެ.

ކުރު ފިޔަވަޅުތަކެއްގައި ދުވެފައި ގޮސް ޒާޔާ އެގެއަށް ވަނުމާއެކު އޭނާ ހުއްޓުން އަރުވާލީ ބޮލުގައި ފުނާ އަޅަން އިނދެފައި އުނދޯލިން ފައިބައިގެން އައި ދެބައި އުމުރުގެ އަންހެނެކެވެ. ކަރުބޮޑު ބޯވަޅު އެޅި ލިބާހެއް ލައިގެން ހުރި ވަރަށް ދޮން އަންހެނެކެވެ. ބޮލުގައި އޮތް ފަން ދިގު އިސްތަށިގަނޑު އެއް ފަރާތަކުން ގެނެސް ކޮނޑު މައްޗަށް ވައްޓާލާފައި އޮތްއިރު އެ އިސްތަށިގަނޑު ވިދައި ބަބުޅަމުންދިޔައީ ކޮން ކަހަލަ ތެލެއް އޭގައި ލައި އުނގުޅައިގެން ކަމެއް ނޭނގުނަސް މުޅިތަން އެއްވަސްކޮށްފައި ވަނީ ކާށިތެލުގެ ވަސްގަނޑެވެ.

އެމީހާ ކައިރިއަށް އައިސް ހުއްޓި ޒާޔާއާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ކޮނޑުމަތީގައި އޮތް އިސްތަށިގަނޑުގެ ތެރެއިން އަނެއްކާވެސް މަޑުމަޑުން ފުނަލުގެ ފައިތައް ދުއްވާލިއެވެ. ނަމަވެސް ޒާޔާގެ ލޮލުގައި އަޅައިގަތީ އަންހެން މީހާގެ ކަރުގައި އަޅާފައި އޮތް ރަން ހާރެވެ. އޭނާގެ ދެ އަތުކުރީގައި އަޅާފައިވީ ރަން އުޅާތަކެވެ. އިނގިލިތަކުގައި އަޅާފައިވީ ރަން އަނގޮޓިތަކާއި އޭގައި ޖަހާފައިވީ ކުލަކުލައިގެ އެސްތަކެވެ.

މި އަންހެން މީހާގެ ހާޒިރުގައި ޒުހުރީބެ ވެސް ހުރީ ޒާޔާއާ އެއް ހަމައަކަށް ތިރިވެ ކުޑަވެފައެވެ. ނުވަތަ ޒާޔާގެ ކަންފަތްދޮށަށް ގުދުވެލާފައި ޒުހުރީބެ އެ ބުނެލީ މި ދައްތަގެ ނަމެވެ. ހަލީމާ އެވެ. މިއީ ހަލީމައްތައެވެ.

ޒުހުރީބެ ތެދުވުމުން ޒާޔާ އިސް އުފުލައި ހަލީމައްތަގެ މޫނަށް ބަލައިލިއެވެ. ލަދުރަކިވެ ހީލެވުނެވެ. ނަމަވެސް ހަލީމާއްތަގެ މޫނުމަތިން ފެނުނު އުފާވެރި ކަމެއް ނެތެވެ. ޒާޔާ ގޮވައިގެން ގޮސް އޭނާ ނިދާތަން އޭނާ އަށް ދައްކާށޭ ބުނެ ހަލީމައްތަ އެނބުރިގެން ހިނގައިގަތުމުން ޒުހުރީބެ އަދަބުވެރިކަމާ އެކު ގޮވާލިއެވެ.

ހަލީމައްތަ މަޑުކޮށް ބަލައިލުމުން ޒުހުރީބެ އޭނާގެ ބޮލުގައި އޮތް އިސްތަށިގަނޑު ރީތިކުރަމުން ގޮސް ހަލީމައްތަ އަށް ދިއްކޮށްލީ ޖީބުން ނެގި ކުޑަ ސެންޓުފުޅިއެކެވެ. އެ ފުޅި ޒުހުރީބެގެ އަތުން އަތުލައި ރަނގަޅަށް ބަލައިލުމަށް ފަހު ދޮންއަތުކުރިން ފާޅުވަމުން ދިޔަ ނާރުތަކާ ދިމާލަށް ސެންޓުފޮދެއް ޖަހައި ވަސްބަލައިލިއެވެ. ހަމަ އެއާއެކު ހަލީމައްތަގެ މޫނަށް ޖެއްސި ހުތުރު ވައްތަރަކުން ހީވަނީ އެ ސެންޓުގައި ދިން ވަސް އޭނާ އަށް ކަމުނުދިޔައީހެނެވެ.

ސެންޓުފުޅި ޒުހުރީބެގެ އަތަށް ޖަހާލާފައި ހަލީމައްތަ އެތެރެއަށް ވަދެގެން ދިޔަ ގޮތަށް ގެއްލުނީއެވެ. އެ ސެންޓުފުޅި ޒުހުރީބެ އައިސް ދެން ދިއްކޮށްލީ ޒާޔާ އަށެވެ. ހެވި ދިއްލި ޒާޔާ އެ ފުޅި އަވަސްއަވަހަށް އަތުލައިފިއެވެ. ދުވަހަކުވެސް އެހާ ބޮޑު ހަދިޔާއެއް އޭނާ އަށް މީހަކު ކުރިން ދީފައިނުވާތީ އެވެ.

ސެންޓު ފޮދެއް، ހަލީމައްތަވެސް ޖެހި ގޮތަށް އަތުކުރި އަށް ޖަހައި އެތަނުން ވަސްބަލަމުން ޒުހުރީބެގެ ފަހަތުން ޒާޔާ ދުއްވައިގަތެވެ.

ޒުހުރީބެ އޭނާ ގޮވައިގެން ދިޔައީ ހަނިހަނި ގޯޅިއަކުން އަނެއްކާވެސް ވަރަށް އެތެރޭގައި ހުރި ކޮޓަރިއަކާ ދިމާލަށެވެ. މި ހަނި ގޯޅިގަނޑުގެ ތެރޭގައި ދޮންނަމެޝިނާއި ފައި ބިނދި ހަލާކުވެފައިވާ ދެ ތިން ގޮނޑިއަކާއި ފެންބާލިދީތަކެއް ހުއްޓެވެ. ގޯޅިގަނޑުގައި ދިއްލާފައި އޮތީ ރީނދޫކުލައިގެ ކުޑަ ވަށު ބޮއްކެކެވެ. އަދި ޒުހުރީބެ ކުރިއަށް ޖެހެމުން ގޮސް ހުޅުވާލި ކޮޓަރި ތެރެ ވެސް ދިއްލިފައި އޮތީ ހަމަ އެ ރީނދޫކުލައިންނެވެ.

ދޮރުހުޅުވައި ޒުހުރީބެ އެތެރެއަށް ވަދެއްޖެއެވެ. ކުރު ފިޔަވަޅުތަކެއްގައި ގޮސް ޒާޔާ ވެސް އެތެރެއަށް ވަދެއްޖެއެވެ.

އެއީ ފުދޭވަރެއްގެ ބޮޑު ކޮޓަރިއެކެވެ. ނަމަވެސް އެތަން އޮތްގޮތުން ހީވަނީ އެތަނުގައި ޒާޔާ ކަހަލަ ކުޑަކުޑަ އަންހެން ކުއްޖަކު ނިދާލާން ބުރަކަށި ޖައްސާލާނެ ތަންކޮޅެއް ވެސް ނެތް ހެންނެވެ. ކޮޓަރި ތެރެއަށް ވަންގޮތަށް ޒާޔާ އަށް ހުރެވުނީ ކުރިއަށް ފިޔަވަޅެއް އަޅާލަން ނުކެރި ހުއްޓުން އަރައިފައެވެ. ނުވަތަ ކުރިއަށް ފިޔަވަޅެއް އަޅާނެ ގޮތެއް ނޭނގިފައެވެ.

އޭރު ޒާޔާގެ ތަންމަތި ނިއުޅުވާލައި ޒުހުރީބެ ބާލީހުގައި ތަޅާލި އަޑު އިވުނެވެ. އެކަމަކު ދެން ވެސް ޒާޔާ އަށް ހުރެވުނީ އެ ކޮޓަރީގެ ބިންމަތީގައި ހަމައެގޮތަށް ކުނާއަޅައިގެން ނިދައި މަރުވެފައި ތިބި ކުދިންނާއި ލޯހުޅުވައި ދެ ލޯ ބޮޑުކޮށް ޒާޔާއާ ދިމާލަށް ބަލަހައްޓައިގެން ތިބި ކުދިންނާ ދިމާލަށް ބަލަހައްޓައިގެން ހަދާނެ ގޮތެއް ނޭނގިފައެވެ.

ބާލީހުގައި ތަޅާލައި ޒުހުރީބެ އަނެއްކާވެސް ޒާޔާ އަށް ގޮވާލިއެވެ. އޭނާގެ ހުދު ދަތްޕިލަ ދައްކާލިއެވެ. ޒާޔާ މަޑުމަޑުން ފަރުވާތެރިކަމާ އެކު ފިޔަވަޅު ނަގަމުން އެތެރެއަށް ވަދެގެން ގޮސް އޭނާގެ ތަންމައްޗަށް ތިރިވެއްޖެއެވެ. ދެން ވެސް ބަލަހައްޓައިގެން ހުރެވުނީ ކޮޓަރި ތެރޭގައި ތިބި އެހެން ކުދިންނާ ދިމާލަށެވެ. ހުސް، ޒާޔާއާ އެއް އުމުރެއްގެ ކުޑަ އަންހެން ކުދިންނެވެ.

ޒުހުރީބެ ތެދުވިގެން ގޮސް ކޮޓަރިން ނުކުމެ ދޮރު ލެއްޕުމާއެކު ޒާޔާގެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވެރިވެ އޭނާ ވަށާލިއެވެ. ބާލީހުގައި ބައްދައިގަނެ ކުނަލުގައި ޒާޔާ ކުރުގެޅިގަތެވެ. ރަށުގެ އަތިރިމަތީގައި އޭނާގެ ގައިގައި ބައްދަބައްދާފައި ދެ ކޮލަށް ދޮންދެމުން ނަސޭހަތް ދެމުން ގެންދިޔަ މަންމަ މަތިން ކުއްލިއަކަށް ހަނދާންވެ ލޮލުން ކަރުނަ ހިލިގަތެވެ.

އެކަމަކު މާދަން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއެވެ. މާދަން ޒާޔާ ކިޔަވަން ސްކޫލަށް ދިޔައީމަ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއެވެ. މަންމަގެ ދަރިފުޅު ކިޔަވައިގެން މޮޅުވީމަ މަންމަ ވެސް ކިހާ އުފަލެއް ވާނެ ހެއްޔެވެ. ޔުނީފޯމެއް ލައިގެން މަދަރުސާއަކަށް ކިޔަވަން ދެވުމަކީ ކިހައި ބޮޑު އުފަލަކާއި ޝަރަފެއް ހެއްޔެވެ.

މި ހިޔާލުތަކެއްގެ ތެރޭގައި ޒާޔާގެ ޅަ ސިކުނޑި އެނބުރެމުން ގޮސް ލޮލުފިޔަ ޖެހުނު އިރެއް ނޭނގެއެވެ. ސިއްސައިގެން ގޮސް ހޭލެވުނީ ހަލީމައްތަގެ އެންމެ ހުތުރު އަޑަށެވެ. ރަނުގެ ގަހަނާތަކުން ޒީނަތްތެރިވެ ކިތަންމެ ނަލައެއް ވެގެން ހުއްޓަސް ހަލީމާ މިހާރު އެހެރީ ރުޅިއައިސް ރަތްވެފައެވެ. ހެއްދެވި ނެހެއްދެވި އަށް ގޮވައި ޒާޔާގެ ކަންކަށި މަތީގައި އެތިފަހަރެއް އަޅުވާލާފައި ފަތިވަރު ގޮވަމުން އަމުނަމުން ނުކުމެގެންދިޔައިރު ވެސް ޒާޔާ އަށް އިނދެވުނީ ފުންމައިގެން ތެދުވި ގޮތަށް ހިރިވެސްނުލެވިފައެވެ.

ކޮޓަރި ތެރޭގައި އެއިނީ އޭނާ އެކަންޏެވެ. ފާރުގައި ހަރުކޮށްފައިވާ ގަޑިން އެ އޮތް މެންދުރުވަނީއެވެ. އެ ގަޑިއާ ދިމާލަށް ބަލަހައްޓައިގެން އިނދެފައި ކުއްލިއަކަށް ތެދުވިގަތްބޮނޑީގައި ޒާޔާގެ ބޯޖެހުނީ ބަންކުބެޑްގެ ދަގަނޑު ފަޑިއެއްގައެވެ. ވީތަދާއެކު އަނެއްކާވެސް ހުއްޓުންއަރައި އިނދެފައި ކުއްލިއަކަށް ފުންމައިގެން ގޮސް އޭނާ ވަނީ ފާހާނައަށެވެ.

ހަލީމާގެ މި ކޮއްޓެއްގައި ޒާޔާ ދިރިއުޅޭތާ މިހާރު 12 އަހަރުވީއެވެ. އޭނާ މި ކޮޓަރިއަށް އައިސް ވަން ފުރަތަމަ ރޭގެ ހަނދާންތައް އަދިވެސް އޭނާ އަށް ކޮންމެ ރެއަކު ނިދީގައި ފެނެއެވެ. މިތަނުގައި އެރޭ އޭނާއާ އެއް އުމުރެއްގެ ވިއްސަކަށް ކުދިން ފުނިޖެހިގެން ތިއްބެވެ. ފުނިޖެހި، ނޭވާނުލެވި، ނުނިދި ހާސްވެފައެވެ. އެކަމަކު މާދަމާ ސްކޫލަށް ކިޔަވަން ދެވޭނެ ކަމުގެ އުއްމީދުގައެވެ. ހުރިހާ ކަމެއް ރަނގަޅުވާނެ ކަމުގެ ހުވަފެނުގައެވެ.

އެކަމަކު އެ ދުވަސް ނައިސް ޒާޔާގެ އުމުރުން މިއަދު 17 އަހަރެވެ. އޭނާއާ އެކު މި ކޮޓަރި ތެރެއަށް ބޮޑުވި އެހެން ކުދިން ވެސް ކިޔަވަން ދިޔަ މަދަރުސާއެއް ނެތެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ކުދިން އެމީހުންގެ އަމިއްލަ އިހުތިޔާރާއި ބާރުގައި މި ކޮށިން އަބަދުގެ އަބަދަށް ސަލާމަތްވެގެން ދިޔައީއެވެ. އެ ހިތްވަރު ދެއްވާތޯ އެދި ޒާޔާ ވެސް ކޮންމެ ދުވަހަކު ދުއާކުރެއެވެ. ނަމަވެސް ފަންކާގައި އެލިގަނެ ދަންޖެހި މަރަށް ތެޅޭނެ ހިތްވަރެއް އޭނާގެ ނެތެވެ. އަތުގެ މައި ނާރުގައި ކަޓަރު އަޅައި ބަންކުބެޑު ލެއިން ފޯކޮށް އެ ކޯރަކަށް ގެނބި މަރުވުމުގެ ހިތްވަރެއް އޭނާގެ ނެތެވެ. ފާހާނަށް ވަދެ ލައްފިލުވާބޭސްފުޅި ބޮއެގެން ފުރާނަ ކޮށިއަރުވައި ނެތި ނިމިދާނެ ހިތްވަރެއް އޭނާގެ ކިބައިގައެއް ނެތެވެ. އެހެންކަމުން ހަލީމާގެ މި ކޮށިން ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް އަމުދަކުން ޒާޔާއަކަށް ނެތެވެ.

އެކަމަކު ކޮންމެ ރެއަކު ޒާޔާ ދެކިލަން، ޒާޔާއާ ބައްދަލުކުރަން ނުވަތަ ޒާޔާގެ ކިބައިން އުފާ ލިބިގަތުމަށް އެ އަންނަ މީހުންގެ ތެރެއިން ސާފުތެދުވެރި ހިތަކާ ބައްދަލުނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު ކުޑަ އަންހެން ކުދިންގެ ގަޔަށް އަރަން އަންނަ ފިރިހެނެއްގެ އެފަދަ ހިތެއް އޮވެދާނެ ކަމަށް ވިސްނުން ވެސް އެއީ އަދި އެއަށްވުރެން މާ މުޑުދާރު އަމަލެކެވެ.

ނަމަވެސް ބޮކްރީ ނަމަކަށް ކިޔާ މި ޒުވާނާއާ ޒާޔާ ބައްދަލުވީ އޭނާގެ ހަޔާތް ކިލާކޮށްލި މި މުޑުދާރު ހާލީގެ ތެރެއިންނެވެ. އަދި ބޮކްރީ އަކީ ސާފުތެދުވެރި ހިތަކާއި ރަހުމް އޭނާ އަށް ދެއްކި ފުރަތަމަ އިންސާނާއެވެ.

"ހަޔާތަކީ ހަމަ އަސްލަށް ވެސް އަޖާއިބެކެވެ. އޭގައި ކިތަންމެ ކުލައެއް ޖެހިފައިވިޔަސް އަދި އޭގައި އެއްވެސް ކުލައެއް ނެތަސް ހަމަ އަސްލަށް ވެސް އަޖާއިބެކެވެ."

ޒުހުރީބެ ގެނެސް އަތުރާފައި ހުރި ސެންޓުފުޅިތަކުގެ ތެރެއިން ފުޅިއެއް ނަގައި ޒާޔާ އޭނާގެ ކަރުދޮށުގެ ދެ ފަރާތަށާއި ފަލަމަސްގަނޑުގެ ދެ ފަރާތަށް ސެންޓު ޖަހައި ފަރިވެ ލޯގަނޑުކުރިމަތީގައި ހުއްޓިގަތެވެ. އޭނާ މިރޭ އެހެރީ އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެންނެވެ. އޭނާގެ ގާތަށް ކޮންމެ ހުކުރުވިލޭރެއަކު އަންނަ ހާއްސަ މުސާފިރަށްޓަކައެވެ.

ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޮކްރީ އެތެރެއަށް ވަދެގެން އައިއިރު ޒާޔާ އޮތީ އެނދުމަތީގައި އޮށޯވެލައިގެންނެވެ. ކޮޓަރި ތެރެއަށް ވެރިވެފައި އޮތް އޭސީގެ ފިނިކަމާއި މަޑު ނޫ ކުލައިގެ ފުސްކަމުގެ ތެރެއިން ކުރިއަށް ޖެހެމުން އައިސް ޒާޔާ ބޯލައިގެން އޮތް ކޮޅަށް ގޮސް ކައިރީގައި ހުއްޓިގަތެވެ.

ޒާޔާ އޭނާގެ ބޮޑު ދެ ލޮލުން ބޮކްރީގެ މޫނަށް ބަލައިލިއެވެ. އަދި ބޮކްރީގެ އަތުގައި ހިފައި ދަމައިގަތެވެ. ނަމަވެސް ޒާޔާގެ އެ އަތް ފޮޅާލާފައި ގޮސް ބޮކްރީ ދިއްލާލީ ހުދުއަލީގެ ގަދަ ބޮއްކެވެ. އެއާއެކު ޒާޔާ އޭނާގެ ދެ ލޯ މަރައިގަތެވެ. އަދި ފުންމައިގެން ތެދުވެ އެނދުމަތީގައި އިށީނެވެ. ބޮކްރީ ވެސް އައިސް އެނދުމަތީގައި އިށީނެވެ. ޒާޔާގެ ލޭގައިވީ ހޫނާއި ފޯރި އިހުސާސުވާހާ ގާތުގައެވެ.

ނަމަވެސް ޒާޔާ ގޮވައިގެން އެ އުފާކުރުމުގެ ދަރުބާރަކަށް ދާން ބޮކްރީ ބޭނުންނުވާކަން ޚުދު ޒާޔާ އަށް ވެސް ވަރަށް ރަނގަޅަށް އެނގެއެވެ. ކޮންމެ ހުކުރުވިލޭރެއަކަށް ބޮކްރީ ޒާޔާއާ އެކުގައި ވުމަށް ހާސް ނޫޓުތަކުން ބުރުވަމުން އެ ގެންދަނީ އެއްގޮތަކަށް ވެސް ޒާޔާގެ ކިބައިވީ ރީތިކަމުން ބަނޑުފުރުމުގެ އެދުމުގައެއް ނޫނެވެ. ޒާޔާ އާއި ބޮކްރީގެ އެއްބަސްވުމަކީ މުޅިން އެހެން އެއްބަސްވުމެކެވެ. ދެ މީހުންގެ ދެމެދުގައި އެކުވެރި ގާތް ގުޅުމެއް އުފެދި ހިތާއި ހިތުގެ ޝައުގުވެރިކަމެއްގައި ބޮކިޖަހަމުން ގެންދިޔަޔަސް ބޮކްރީ، ޒާޔާއާ ހަވާލުކޮށްފައި އޮތީ އެހެން މަސައްކަތެކެވެ.

ނަމަވެސް ބޮކްރީ އަށް ދޭނެ ޖަވާބެއް މިރެއަކު ވެސް ޒާޔާގެ އަތުގައެއް ނެތެވެ. އަދި ބޮކްރީ ހޯދަން ބޭނުންވެގެން އުއުޅޭ ކުއްޖާ ހަލީމާގެ މި މުޑުދާރު ކޮށީގައި ނެތްކަން ވެސް ޒާޔާ އަށް މިހާރު ޔަގީނެވެ. ނުވަތަ އެހެން އަންހެން ކުއްޖަކަށް ބޮކްރީގެ ހިތުގައި އުފެދިފައި އޮތް އެ ހާއްސަކަމުގައިވީ ސިއްރެއް ނޭނގޭތީ ޒާޔާގެ ހިތުން ހަސަދަ އާއި ވަސްވާސް އުފައްދަނީއެވެ. އެކަމަކު އެ ހަގީގަތް ކިޔައިދީފި ނަމަ ބޮކްރީގެ މި ބައްދަލުވުންތައް އޭނާ ހުއްޓާލާނެއެވެ. އަދި އެކަންވާނީ ޔަގީނަށް ވެސް ޒާޔާގެ ހިތަށް ދެވޭ މާ ބޮޑު އަނިޔާއަކަށެވެ.

ބޮކްރީ މިރޭ އައީ ޒާޔާގެ މަސައްކަތް އޭނާ އަށް ފަސޭހަކޮށްދޭނެ އެހެން މަންޒަރެއް ވެސް ހިފައިގެންނެވެ. އެއީ ކުޑައިރުގެ ފޮޓޯގަނޑެކެވެ. ފިލްމުގެ ކުލަތައް ފޮޓޯގަނޑުން ވެއްޓި ބައުވެފައިވާ ވަރަށް ކުރީގެ ހަނދާނެކެވެ. އެ ފޮޓޯގަނޑުން ފެންނަ ކުޑަ ފިރިހެން ކުއްޖާ އަކީ ފަސް އަހަރުގެ ބޮކްރީ އެވެ. އޭނާގެ އެއް އަހަރުގެ އަންހެން ކޮއްކޮ އުރާލައިގެންނެވެ. ދެ މީހުން ވެސް ތިބީ ހުސްގަޔާއެވެ. ކޮންމެވެސް ގެއެއްގެ މެދުގޯތި ތެރޭގައި ހައްދާފައިވީ ފިނިފެންމަލުގެ ބަގީޗާއެއްގެ ކުރިމަތީގައި ހުއްޓި ހެވި ދިއްލިފައެވެ. އެކަމަކު އެންމެ ދަތެއް ވެސް ނެތެވެ.

ބޮކްރީ ހޯދަން ބޭނުން ވެގެން އުޅޭ އަންހެން ކުއްޖާ އަކީ އެއީކަން އެނގުމުން އެ ފޮޓޯގަނޑު ޖަހައިގަނެ ޒާޔާގެ ދެ ލޮލުން ކަރުނަ ހިލިގަތެވެ. އެ ފޮޓޯގަނޑުން އެ ފެންނަ ކުޑަ އަންހެން ކުއްޖާ އަށް ޖެހުނު ހާލާތު ހިތަށް އަރައެވެ. އަދި ވަކިން ބޮޑަށް ދެރަވެ ބަޑިފަޅައިގެން ދިޔައީ ޒާޔާވީ ތަނެއް ހޯދަން އަންނާނެ އެއްވެސް މީހަކު ނެތުމުންނެވެ. އޭނާގެ ހަޔާތުގައި ބޮކްރީ ކަހަލަ ބޭބެއަކު ނެތުމުންނެވެ.

ފޮޓޯގަނޑަށް ބަލަހައްޓައިގެން އިނދެ ކަރުނަތައް ފޮހެލުމަށް ފަހު ޒާޔާ އެ ފޮޓޯގަނޑު ބޮކްރީ އަށް ދިއްކޮށްލިއެވެ. އެތައް އަހަރެއްވެ ބައުވެފައިވާ ފޮޓޯގަނޑަކުން ވާނެ ފައިދާއެއް ވެސް ނެތެވެ. އޭގައި އެ އިން ތުއްތު އަންހެން ކުއްޖާގެ މިހާރުގެ ސިފަ އެނގޭ މީހަކު ވެސް ނެތެވެ. އަނެއްކާ އެ ކުއްޖާ އެއީ ހަލީމާގެ މި ކޮށިން ސަލާމަތްވުމަށް އަމިއްލަ ފުރާނަ ދެ އަތުން ކޮށާލި ކުދިންގެ ތެރެއިން ކުއްޖެއް ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އިރާދަކުރެއްވިއްޔާމު ބޮކްރީއާ އަދި އެ ކޮއްކޮއާ ބައްދަލުވާނެއެވެ. ޒާޔާގެ ހިތަށް އެރީ މިހެންނެވެ.

އެންމެފަހުން ބޮކްރީ އާއި ޒާޔާގެ ރޭގަނޑަށް ހާއްސަވެފައިވީ ވަގުތު އައިސް އެ ދެމީހުންގެ ދެމެދަށް ވަދެ މަޑުމަޑުން ދެ މީހުން ދުރަށް ޖައްސަން ފެށިއެވެ. އެކަމަކު ކޮޓަރިން ނުކުމެގެން ދަންދެން ވެސް ބޮކްރީ ދިޔައީ އޭނާގެ ހަނދާނުން ކޮއްކޮގެ ސިފަތައް ޒާޔާ އަށް ކިޔައިދެމުންނެވެ. އަދި އެންމެ ފަހުން ބުނެދިން ހާއްސަ ސިފަވެގެން ދިޔައީ ޒާޔާގެ ސިކުނޑި އަށް ވެސް ނަގައިގަންނަން ފަސޭހަވި ރައްޓެހި މަންޒަރަކަށެވެ.

ބޮކްރީ ކޮޓަރިން ނުކުމެގެން ދިއުމާއެކު ޒާޔާ ގޮސް އަވަސްއަވަށް ދޮރުގައި ތަޅުލިއެވެ. ބޮކްރީ ބުނި ވާހަކައަކުން މިހާރު އޭނާ އެހެރީ ހާސްވެ ބިރުގެންފައެވެ. ކޮޓަރި ތެރޭގައި ދިއްލާފައި އޮތް ގަދަ އަލީގެ ތެރެއިން ގޮސް ޒާޔާ ދެން ހުއްޓުނީ އަލަމާރީގެ ދޮރުފަތުގައި ހުރި ބިޔަ ބޮޑު ލޯގަނޑުގެ ކުރިމަތީގައެވެ. ލައިގެން ހުރި ރަތް ކުލައިގެ ހެދުން ބާލައި އޭނާ ލޯގަނޑާ ކުރިއަށް ވުރެ ގާތްވެލިއެވެ. އަދި ކަނާތު އަރިކަށި ރީއްޗަށް ފެންނަ ގޮތަށް އެނބުރިލިއެވެ.

މުޅި ގަޔަށް ހީބިހިގަނޑެއް އަރައިގެން ދިޔައިރު ހިރިވެސް ނުލައި ޒާޔާ އަށް ބަލަހައްޓައިގެން ހުރެވުނީ އޭނާގެ އަރިކަށީގައި ހިތެއްގެ ސިފަ ޖެހިފައިވާ ބޮޑު އުފަންލަފަށެވެ. ކޮއްކޮގެ އަރިކަށީގައި ހުންނާނެ ކަމަށް ބޮކްރީ އެ ބުނި އުފަންލަފަކީ އަނެއްކާ މި ލަފު ހެއްޔެވެ؟

ޒާޔާގެ ހިތް ބާރަށް ތެޅިގަތެވެ. ކޮޓަރީގެ ދޮރުގައި ބޭރުން މީހަކު ބާރަށް ތަޅައިގަތެވެ.

"ކާކު ހެއްޔެވެ؟ އަނެއްކާވެސް ބޮކްރީ ހެއްޔެވެ؟ ނުވަތަ ތިއީ އަހަރެންގެ ބޭބެ ހެއްޔެވެ؟"

ހަދާނެ ގޮތެއް ޒާޔާއަކަށް ނޭނގުނެވެ. އޭނާ އަށް ބަލައިލެވުނީ ބޯމަތީގައި ހުއްޓި ހުރި ފަންކާއަށެވެ.