25 ޑިސެމްބަރ 2016 - 06:28

އެމެރިކާގެ ޓީވީ ސިލްސިލާ "ކުއަންޓިކޯ"ގެ ދެ ވަނަ ސީޒަންގެ އެއް ބައިގެ ޝޫޓީން ފުރިހަމަ ކުރުމަށް ފަހު ބޮލީވުޑް ތަރި ޕްރިޔަންކާ ޗޯޕްރާ މިވަގުތު ހުރީ އިންޑިޔާގަ އެވެ. އޭނާ ސޮއިކޮށްފައިވާ ބައެއް އިޝްތިހާރުތަކާއި އެނޫން ވެސް ކަންތައްތައް ކުރުމަށް ޓަކަ އެވެ.
މިފަހަރު އިންޑިޔާއަށް އެނބުރި އައިސް ޕްރިޔަންކާ ވަނީ ކަރަން ޖޯހަރްގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގައި ބައިވެރިވެ އެޕިސޯޑެއް ޝޫޓްކޮށްފަ އެވެ. މި ޝޯގައި ޕްރިޔަންކާ ވަނީ އޭނާގެ ހޮލީވުޑް ތަޖުރިބާ ވެސް ހިއްސާކޮށްފަ އެވެ.
ޕްރިޔަންކާ، 34، ބުނީ ހޮލީވުޑްގައި ވެސް ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ނަމަވެސް އެއީ ފިލްމު ސްޓޫޑިއޯ ތެރޭގައި ނޫން ކަމަށާއި ސްޓޫޑިއޯ އިން ބޭރުގައި ކަމަށް ޕްރިޔަންކާ ބުންޏެވެ.
މިފަދަ އެއް ހާދިސާއެއް ކިޔައިދެމުން އޭނާ ބުނީ އެތާގެ އެއާޕޯޓުގައި ފަސްޓް ކްލާސް ފަސިންޖަރުންނަށް ޚާއްސަކޮށްފައިވާ ލައުންޖުގައި އޭނާ އިށީނދެލައިގެން އިންސާ އެއާޕޯޓުގެ ގްރައުންޑް ސްޓާފަކު އައިސް ވަރަށް ބޭއަދަބީކޮށް ވާހަކަ ދެއްކި ކަމަށެވެ.
އޭނާ އިނީ ރަނގަޅު ތަނުގައި ނޫން ކަމަށް ބުނެ އެތަނުން ތެދުވާން އެންގި އެވެ. އޭނާ އަކީ ފަސްޓް ކްލާސް ފަސިންޖަރެއްކަން ވިސްނައިދެވުނީ ޒުވާބުތަކެއް ހިނގައި، ގިނަ އިރުތަކެއް ވުމަށް ފަހު ކަމަށް ވެސް ބުންޏެވެ.
ހޮލީވުޑަށް ދާން އުންމީދުކުރާ ބޮލީވުޑް އެކްޓަރުންނަށް ވެސް ޕްރިޔަންކާ އޭނާގެ ތަޖުރިބާގެ އަލީގައި އިރުޝާދު ދިނެވެ. އެގޮތުން ޚިޔާރުކުރާ ރޯލުތަކާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން އޭނާ އެދުނެވެ.