14 އެޕްރީލް 2022 - 16:10

ކޮންމެ ރޯދަ މަހަކު އެންމެ ފޯރިގަދަކޮށް ކުރިއަށްގެންދާ އެއް މުބާރާތް ކަމަށްވާ އުރީދޫ މަސްރޭހުގައި މިހާތަނަށް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ މަގާމު ހޯދައި "ސްޓެލްކޯ ކަނބަލުން" ގެ ޓީމުން ރެކޯޑް ހަދައިފި އެވެ.
މި އަހަރު ބާއްވާ އުރީދޫގެ 11 ވަނަ މަސްރޭހުގައި އަންހެނުންގެ ޓީމުތަކާއި ފިރިހެނުންގެ ޓީމުތަކާއި ދެ ޖިންސު އެއްކޮށް ހިމެނޭ ޓީމުތަކާ އެކު 23 ޓީމެއް ބައިވެރިވެ އެވެ.
މިއަހަރުގެ މުބާރާތް މިދިޔަ ހަފުތާގައި ފަށައި އަންގާރަ ދުވަހުގެ ރޭ މުބާރާތުގެ ދެވަނަ ބުރު ވަނީ ބާއްވާފަ އެވެ. އެ ބުރުގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު "ސްޓެލްކޯ ކަނބަލުން"ގެ ޓީމަކީ މުޅިން އަންހެނުން ބައިވެރިވި ހަމައެކަނި ޓީމެވެ.
ސްޓެލްކޯ ކަނބަލުންގެ ޓީމުގައި ކޯޗާއި މެނޭޖަރު ހިމަނައިގެން 12 މީހުން ތިބެ އެވެ. އެ ޓީމުގެ ކޯޗާއި މެނޭޖަރަކީ ފިރިހެނުންނެވެ. ނަމަވެސް ޓީމުގައި މަސް ބޭނުމުގައި ހަރަކާތްތެރިވާން ދެން ތިބި ހުރިހާ ބައިވެރިންނަކީ އަންހެނުންނެވެ.
އެ ޓީމުން ވަނީ އެ ބުރުގައި 837.90 ޕޮއިންޓް ހޯދައި މަސްރޭހުގެ ތާރީހުގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމަށްވެފަ އެވެ. މި ފަހުރާ އެކު ދެވަނަ ބުރުގައި ފައިނަލް ރޭހުގައި ވެސް ސްޓެލްކޯ ކަނބަލުންގެ ޓމު ވާދަކުރާނެ އެވެ.
އެ ޓީމުގެ އިސްކޮށް ހަރަކާތްތެރިވާ އައިމިނަތު ޝިފާޒާ "މިހާރު" އަށް ބުނީ އަންހެނުންގެ ޓީމެއް ނުކުތުމުން މަލާމާތާ ވެސް ކުރިމަތިވި ކަމަށެވެ. ނަމަވެސް ހިތްވަރާ އެކު އަޒުމު ކަނޑައެޅީ އަންހެނުންނަށް ވާނެކަން ދައްކަން ކަމަށާއި އެކަން ވެއްޖެ ކަމަށް އޭނާ ބުންޏެވެ.
"މި ޓީމުގައި ހުސް އަންހެނުން ތިބީމަ ކިޔާ އަޑު އިވުނު އަންހެނުން ގޮވައިގެން ގޮސް ބޭނޭނެ މަހެއް ނޯންނާނެއޭ. އެކަމަކު ވެސް މަސް ބޭނެން ފެށުމުން ހިތްވަރު ގަދަވީ. ވަރަށް އުފާވި ރެކޯޑެއް މުގުރާލި ވާހަކަ އިއުލާން ކުރީމަ،" ޝިފާޒާ ކިޔައިދިނެވެ.
ޝިފާޒާ ބުނީ ގިނައިން ފެންނަނީ މަސް ރޭހުގައި ފިރިހެނުންގެ ޓީމުތައް ކަމަށާއި އެކަން ބަދަލުވާތަން ދެކެން ބޭނުންވާ ކަމަށެެވެ. ކުރިއަށް އޮތް ތަނުގައި އަންހެނުންގެ އިތުރު ޓީމުތައް އޮފީސްތަކުން ނެރޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ވަރަށް އެދެން އޮފީސްތަކުން ޓީމުތައް ނެރޭއިރު އަންހެނުންގެ ވަކި ޓީމުތައް ނެރެން. އަންހެނުންނަށް ވާނެކަން އަޅުގަނޑުމެން މިއޮތީ ދައްކައިދީފައި،"
ސްޓެލްކޯ ކަންބަލުންގެ ޓީމުން އުރީދޫ މަސް ރޭހުގައި ބައިވެރިވި މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ވެސް އެ ޓީމު ވަނީ ފައިނަލުގައި ވާދަކޮށް މުބާރާތުގެ ތިންވަނަ ހޯދައިފަ އެވެ.
އެ ޓީމުގެ އުއްމީދަކީ މިއަހަރުގެ މުބާރާތުގައި ސްޓެލްކޯގެ ފިރިހެން ޓީމު ވެސް ބަލިކޮށް ޗެމްޕިއަންކަން ހާސިލް ކުރުމެވެ.