ދޮގު ހަދަނީ ޑެޕްތަ؟ ނޫނީ ހާޑްތަ؟
ދޮގު ހަދަނީ ޑެޕްތަ؟ ނޫނީ ހާޑްތަ؟

ހޮލީވުޑްގައި އެއްއިރަކު އެންމެ ބޮޑު "ޕަވާ ކަޕުލް"ގެ ގޮތުގައި މަޝްހޫރު، ޖޮނީ ޑެޕާއި އެމްބާ ހާޑްގެ ބޮޑު މައްސަލަގަނޑުގެ އަޑުއެހުންތަކެއް މިހާރު ކޯޓުގައި އެބަ ކުރިއަށްދެ އެވެ. މީގެ ކުރިން ކުރިއަށް ގެންދިޔަ އެ މައްސަލަ މިހާރު އެހެން ކޯޓެއްގައި އަލުން ފަށާފައިވާއިރު، ދެ މީހުންގެ ފަރާތުން ވެސް ތަފާތު ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އެއާއެކު މިކަމުގެ ތެދުދޮގު ބަލަން ބައެއް މީހުންނަށް އުނދަގޫވެ އެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ފެށުނީ ވޮޝިންޓަން ޕޯސްޓުގައި ހާޑް ލިޔުން އާޓިކަލްއަކާ ގުޅިގެންނެވެ. އެ ލިޔުމުގައި ހާޑް ވަނީ އޭނާ އަށްް، ޑެޕްގެ ފަރާތުން ޖިސްމާނީ އަދި ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ އަނިޔާތައް ލިބުނީ ކައިވެނީގެ ތެރެއިން ކަމަށް ވެސް ހާޑް ބުންޏެވެ. އެ ލިޔުމުގައި ސީދާ ޑެޕްގެ ނަން ބޭނުންކޮށްފައި ނުވިޔަސް، އޭނާ އިޝާރަތްކުރީ ޑެޕަށް ކަން ކިޔުންތެރިންނަށް އެނގުނެވެ.

އެހާ ހިސާބުން މައްސަލަ ދެން ގެންދިޔައީ ކޯޓަށެވެ. ޑެޕްގެ އަގު ވައްޓާލި ކަމަށް ބުނެ އޭނާ ހުށަހެޅީ "ޑިފެމޭޝަން" މައްސަލައެކެވެ. އެއަށް ރައްދުދެމުން ހާޑް، ޑެޕާ ދެކޮޅަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ އެންމެ ފަހުން ނިމުނީ ހާޑުގެ ކޮޅަށް ކާމިޔާބުވެގެންނެވެ.

ނަމަވެސް އިންސާފު ހޯދަން ބޭނުންވާތީ ޑެޕް އަނެއްކާ ވެސް އެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. މިފަހަރު ޑެޕް މައްސަލަ ހުށަހެޅީ ވާޖިނިއާގެ ކޯޓަކަށެވެ. މިހާރު އެ ކޯޓުގައި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާ އިރު، ދެކޮޅުން ވެސް ވަނީ ތަފާތު ތުހުމަތުތަކެއް ކޮށްފަ އެވެ.

ޑެޕްގެ ފަރާތުން ވަކީލުން އެންމެ ބޮޑަށް މަސައްކަތްކުރީ ހާޑް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރުމުގެ މަސައްކަތެވެ. އެއަށްފަހު ބާރު ދިނުމުގެ ގޮތުން އެކި ހެކިން ގެނައުމުގެ މަސައްކަތެވެ. މިހާތަނަށް ޑެޕްގެ އަވަށްޓެރިއެއް ހެކިބަސް ދިން އިރު، މަޝްހޫރު ބިލިއަނަރު އަދި ހާޑްގެ ކުރީގެ ފިރިމީހާ އީލޮން މަސްކް ވެސް ހެކި ބަސް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ޑެޕް ތުހުމަތު ކުރަނީ ހާޑް އަކީ އެކި ގޮތްގޮތުން ބޮޑެތި ދޮގުތައް ހަދާ މީހެއް ކަމަށެވެ. ދުވަހަކު ނުހިނގާ ކަންތައްތަކެއް ވެސް އުފައްދައިގެން، ހާޑް އެތައް ދޮގެއް ހަދާފަައިވާ ކަމަށް ޑެޕްގެ ވަކީލުން ތުހުމަތުކުރި އެވެ.

ހާޑް އެންމެ ފަހުން ތުހުމަތުކުރީ ޑެޕް އަކީ "ޑްރަގް އެޑިކްޓެއް" ކަމަށެވެ. އަދި މަސްތުގެ ހާލަތުގައި ހުރެގެން އެތައް ދުވަހެއްގެ މަތިން އެމްބާ އަށް ޖިސްމާނީ ގޮތުން އަނިޔާކުރި އިރު، ޖިންސީ ގޯނާތައް ވެސް ކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކުރި އެވެ.

ޑެޕް ވަނީ އޭނާ އަކީ ޑްރަގް އެޑިކްޓެއް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް މަސްތުގެ ހާލަތުގައި ހުރެގެން ވެސް، ހާޑަށް އަނިޔާކޮށްފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އެމްބާގެ ތުހުމަތުތަކާ ގުޅިގެން ޑެޕްގެ އެކްޓިން ކެރިއަރު ވަނީ އެއްކޮށްހެން ގެއްލިފަ އެވެ. ބޮޑެތި ފްރެންޗައިޒްތަކުން ޑެޕްގެ ނަން މިހާރު ވަނީ ނަގައިފަ އެވެ.

އެ ހުރިހާ ކަމެއް ހިނގަމުންދާ އިރު، އާންމުންގެ މެދުގައި ޑެޕަށް އޮތީ ލޯތްބެވެ. އެހެން ކަންތައްވީ، 2019 ވަނަ އަހަރު ލީކުވި އޯޑިއޯއަކާ ގުޅިގެންނެވެ. އެ އޯޑިއޯގައި އެމްބާ ވަނީ ޖޮނީ އަށް އެކި ގޮތްގޮތުން އޭނާ އަނިޔާކުރި ކަމަށް ބުނެފަ އެވެ. އަދި އެ ދެމީހުންގެ ކައިވެނީގައި އަނިޔާ ލިބުނީ އެމްބާ އަށް ނޫން ކަމަށާއި ހަގީގަތުގައި އަނިޔާގެ ޝިކާރައަކަށްވީ ޑެޕް ކަން އެ އޯޑިއޯއިން އެނގިފައިވެ އެވެ.