ރަންބީރާއި އާލިއާ ކައިވެނިކޮށްފި
ރަންބީރާއި އާލިއާ ކައިވެނިކޮށްފި

ބޮލީވުޑްގެ ތަރި، ރަންބީރް ކަޕޫރާއި އާލިއާ ބަޓް މިއަދު ކައިވެނިކޮށްފި އެވެ.

އެ ދެ ތަރިންގެ ކައިވެނި އޮތީ މުމްބާއީގެ ޕަލީ ހިލްސްގައި ހުންނަ ރަންބީރުގެ "ވާސްތޫ" އެޕާޓްމަންޓްގަ އެވެ. އެކަމަކު، އެ ކައިވެނީގެ އެއްވެސް ފޮޓޯއެއް އަދި މީޑިއާތަކަށް ލިބިފައެއް ނުވެ އެވެ.

އެ ކައިވެނި އޮންނާނީ މިމަހުގެ 17 ގައި ކަމަށް ރިޕޯޓްތަކުން ކުރިން ބުންޏަސް، އިއްޔެ ރަންބީރުގެ މަންމަ، ނީތޫ ކަޕޫރް ވަނީ ކައިވެނި އޮތީ މިއަދު ކަމަށް ޕަޕަރާޒީން ގާތު ބުނެފަ އެވެ.

އެހެންވެ، އެ ސަރަހައްދުގައި ޕަޕަރާޒީންގެ ފޯރި އިތުރަށް ވަނީ ގަދަވެފަ އެވެ. އެ ހަފްލާތަކުގައި ބައިވެރިވީ އެމީހުންގެ ގާތް މީހުން އެކަންޏެވެ. އޭގެ ތެރޭގައި އާލިއާ ބޮލީވުޑަށް ނެރެދިން ކަރަން ޖޯހަރާއި ސަންޖޭ ލީލާ ބަންސާލީ އާއި ޒޯޔާ އަކްތަރާއި މަސަބާ ގުޕްތާ އާއި ވަރުން ދާވަން އާއި އަޔާން މުކަރްޖީ އާއި ލަވް ރަންޖަން އަދި މަނީޝް މަލްހޯތުރާ ހިމެނެ އެވެ.

އޭގެ އިތުރުން ފިލްމީ އާއިލާ އަށް ނިސްބަތްވާ ރަންބީރުގެ ދައްތަ، ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރް ފަދަ ތަރިން ވެސް އެ ހަފުލާއިން ފެނުނެ އެވެ. އަދި ފިލްމީ ދާއިރާ އަށް ނިސްބަތް ނުވާ، އާލިއާގެ އެންމެ ގާތް އެކުވެރިޔާ އަނުޝްކާ ރަންޖަން ވެސް އެ ކައިވެނީގައި ބައިވެރިވި އެވެ.

ގާތްގަނޑަކަށް ތިން އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު، އާލިއާ އާއި ރަންބީރް ކައިވެނިކުރިއިރު، ކައިވެނީގެ ކުރިން އިންޑިއާގެ ސަގާފަތާ އެއްގޮތަށް ބާއްވާ މެހެންދީ އާއި ހަލްދީ ހަފުލާތައް ވެސް އިއްޔެ ބޭއްވި އެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެކި ތަރިން އަންނަނީ އެ ދެތަރިންނަށް މަރުހަބާގެ މެސެޖްތައް ފޮނުވަމުންނެވެ.

މިހާރު ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން ދަނީ އެ ދެތަރިން އެމީހުންގެ ކައިވެނީގެ ފޮޓޯ އާންމުކުރާނެ އިރަކަށެވެ.