24 ޑިސެމްބަރ 2016 - 11:50

ރާއްޖޭން ބޭރުގައި ދިވެހިން ކުރާ ހަރަދުތައް ދެނެގަންނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރާ ސާވޭ މިއަދު ފަށައިފި އެވެ.
އެމްއެމްއޭން ބުނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލްގެ އެރައިވަލްސް ޓާމިނަލުގައި ކުރާ މި ސާވޭގައި ބަލާނީ ދަތުރު ކުރި ގައުމުތަކާއި އޭގެ މަގުސަދާއި ޓިކެޓާއި ކެއުންބުއިމުގެ އިތުރުން މުޅި ދަތުރަށް ހޭދަވި މިންވަރު ކަމަށެވެ.
އެމްއެމްއޭން ބުނި ގޮތުގައި މި ސާވޭގެ މަގްސަދަކީ ދިވެހިން ބޭރަށް ކުރާ ދަތުރުތަކުގައި ފައިސާ ހޭދަކުރާ މިންވަރާއި ބޭނުންތައް ދެނެގަތުމެވެ.
މިއަދުން ފެށިގެން މި މަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދާ ސާވޭގައި އާއްމުންނާ ގުޅޭ ވަކި މައުލޫމާތުތައް ނުހިމަނާނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
މިއީ އެމްއެމްއޭ އިން ކޮންމެ އަހަރަކު ވެސް ކުރާ ސާވޭއެކެވެ.
އޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ދިވެހިން މިހާރު ދަތުރުކުރަނީ ސްރީ ލަންކާއަށެވެ. ދެން އިންޑިއާ އާއި މެލޭޝިޔާ އާއި ތައިލެންޑަށެވެ.
ސްރީ ލަންކާއަށް އެންމެ ގިނަ މީހުން ދިޔަ ނަމަވެސް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ފައިސާ ހޭދަކުރަނީ ތައިލެންޑަށް ދާ މީހުންނެވެ.