14 އެޕްރީލް 2022 - 13:57

ކަތުމަންޑޫ (އެޕްރީލް 14) - ނޭޕާލުގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމާ ގުޅިގެން، ކޮންމެހެން އެތެރެކުރަން ޖެހޭ ބާވަތްތައް ނޫން ތަކެތީގެ އިމްޕޯޓް ދަށްކޮށްފި އެވެ.
ލަގްޒަރީ ކާރާއި ކޮސްމެޓިކްސް އަދި ރަން ފަދަ ތަކެތީގެ އިމްޕޯޓް ކޮންޓްރޯލް ކުރީ ޓޫރިޒަމުން ނޭޕާލަށް ލިބޭ އާމްދަނީ ދަށްވެ އަދި ގައުމުން ބޭރުގައި މަސައްކަތްކުރާ ނޭޕާލް މީހުން ފޮނުވާ ފައިސާ މަދުވުމުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ ސަރުކާރުގެ ދަރަނި ދެއްކުމަށް ވަނީ ދަތިތައް ދިމާވާން ފަށައިފަ އެވެ.
ނޭޕާލުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މަހާ ޕްރަސާދު އަދިކަރީ ވަނީ މިދިޔަ ހަފުތާގައި މަގާމުން ދުރުކޮށްފަ އެވެ. އޭނާ ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ނޭޕާލުގެ ފައިނޭންސް މިނިސްޓަރު ވިދާޅުވީ ނޭޕާލަށް ދިމާވެފައިވާ އިގްތިސާދީ ހާލަތާއި ސްރީ ލަންކާ އަށް މިހާރު ދިމާވެފައިވާ ހާލަތާ އެއްގޮތް ކުރާތީ އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ނޭޕާލުގެ ސެންޓްރަލް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ހަތް މަސް ދުވަސްތެރޭ ބޭރު ފައިސާގެ ރިޒާވް ވަނީ 16 ޕަސެންޓަށް ދަށްވެފަ އެވެ. ގައުމުން ބޭރުގައި މަސައްކަތްކުރާ ނޭޕާލް މީހުން، އެ މުއްދަތުގައި ގައުމަށް ފޮނުވި ފައިސާގެ އަދަދު ވެސް ވަނީ ފަސް ޕަސެންޓް ދަށްވެފަ އެވެ.
ނޭޕާލުގެ ސެންޓްރަލް ބޭންކުގެ ތަރުޖަމާނުގެ ނައިވް ނަރަޔަން ޕްރަސާދު ޕޮކްހަރަލް ވިދާޅުވީ އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް މިހާރު ވަނީ "ޕްރެޝަރު"ގައި ކަމަށެވެ.
"ކޮންމެހެން އެތެރެކުރަން ޖެހޭ ބާވަތްތައް ނޫން ތަކެތީގެ އިމްޕޯޓް ކޮންޓްރޯލެއް ގެންނަން ޖެހޭ. އޭގެ ސަބަބުން އަސާސީ ތަކެތީގެ ސަޕްލައިއަކަށް އެއްވެސް އަސަރެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ނަރަޔަން ވިދާޅުވީ ފުލްކޮށް ފައިސާ ދައްކާފައިވާ ނަމަ އިމްޕޯޓަރުންނަށް 50 "ލަގްޒަރީ މުދާ" އެތެރެކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
"މިއީ އިމްޕޯޓްކުރުން މަނާކުރުމެއް ނޫން. އެކަމަކު އިމްޕޯޓަށް ހިތްވަރު ނުދޭން ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ނޭޕާލުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅާބަލާއިރު ސަރުކާރުގެ ދަރަނި ވަނީ 43 ޕަސެންޓް އިތުރުވެފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑާ ގުޅިގެން ސަރުކާރުގެ ޚަރަދުތައް އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.
އެކަމަކު ނޭޕާލުގެ ފިނޭންސް މިނިސްޓަރު ޖަނަރްދަން ޝަރްމާ ވިދާޅުވީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ނޭޕާލުގެ އިގްތިސާދާއި ދަރަނީގެ ހާލަތު އަދިވެސް ރަނގަޅު ކަމަށެވެ.
ސްރީ ލަންކާ އިން މިހާރު ވަނީ އެ ގައުމުގެ 51 ބިލިއަން ޑޮލަރުގެ ލޯނު ނުދެއްކޭނެކަން މި ހަފުތާގައި އިއުލާންކޮށްފަ އެވެ. ދަރަނި ދައްކާނެ ބޭރު ފައިސާ ނެތުމުގެ އިތުރުން އަސާސީ ތަކެތި އެތެރެކުރާނެ ޑޮލަރެއް ވެސް ލަންކާގައި ނެތެވެ. ތެޔޮ ނުލިބި ކަރަންޓް ކަނޑަން ޖެހުމާއި އަސާސީ ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން ލަންކާގައި ކޮންމެ ދުވަހަކު ވެސް މިހާރު ދަނީ މުޒާހަރާކުރަމުންނެވެ.
ލަންކާ އިން މިހާރު ދަނީ ބެއިލްއައުޓް ޕެކޭޖެއް ހޯދަން އައިއެމްއެފްއާ މަޝްވަރާ ކުރަމުންނެވެ.