14 އެޕްރީލް 2022 - 13:43

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާގެ އެކި ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓްތައް ކުއްލިކުއްލި އަށް ސޮއްސާލައި، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދެން ފަށައިފި އެވެ.

ހިޔާ ފްލެޓްތަކުގައި މިދިޔަ ސެޕްޓެމްބަރު މަހު މީހުން ދިރިއުޅެން ފެށީީއްސުރެ، ދޭތެރެދޭތެރެ އިން ލިފްޓަށް ެކި ކަހަލަ މައްސަލަތައް ދިމާވެ އެވެ.
އެކަމަކު، މިހާރަކަށް އައިސް ބައެއް ފަހަރު ކުއްލިއަކަށް ބަން ލައިފައި ތިން ހަތަރު ފްލޯ އަށް ވެސް ތިރިއަށް ކަހާލާ ކަމަށް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ބުނެ އެވެ. އެހެންވެ ލިފްޓް ބޭނުންކުރަން ވެސް ބައެއް މީހުން ފަސް ޖެހެ އެވެ.
އެކަން ތަޖުރިބާކުރި މީހަކު ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ދެ ފްލޯއަކުން ލިފްޓް ކުއްލިއަކަށް ވަރަށް ބާރަށް ތިރިއަށް ދިޔަ ވަގުތު ބިރުން ހަލާކުވި އެވެ.
"ހިޔާ ފްލެޓެއްގެ ލިފްޓް ކުއްލިއަކަށް ދެ ފްލޯ ހުރަސްކޮށް ވަރަސް ބާރަށް ދިޔައީ. އަހަރެންގެ ހިތް ހީވީ އަތަށް އައިހެން،" ރޭގެ ވަގުތެއްގައި އޭނާ ކުރި ޕޯސްޓެއްގައިވެ އެވެ.
އެ ވާހަކަ އަޑުއަހަން ވެސް ވަރަށް ބިރުވެރި ކަމަށާއި ދުވަހަކު ވެސް ލިފްޓަށް ދެން އަރާނެތޯ މީހަކު އޭނާއާ ސުވާލުކުރުމުން ބުނެފައި ވަނީ އޭނާ ދިރިއުޅެމުންދަނީ އެންމެ މަތީ ފްލޯގައި ކަމަށްވާތީ އިތުރު ޗޮއިސްއެއް ނެތް ކަމަށެވެ.
"މީހަކަށް ރިއެކްޓް ނުކުރެވޭހާ ވެސް އަވަހަށް އެކަން ހިނގާދިޔައީ. އެންމެން ތިބީ ހަމަ ބިރުން ހަލާކުވެފައި. މިއީ އެކަން ތަޖުރިބާކުރި ފުރަތަމަ ފަހަރު ނޫން ކަމަށް އެ މީހުން ވެސް ބުނި،" އެއީ ކޮން ޓަވަރެއްކަން ހާމަނުކޮށް އޭނާ ކުރި ޕޯސްޓްގައިވެ އެެވެ.
އެކަން ހިއްސާކުރި މީހަކަށް ވެސް މިއީ މި ހާދިސާ ދިމާވި ދެވަނަ ފަހަރު ކަމަށް އޭނާ ބުންޏެވެ.
އެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ބުނީ މިކަހަލަ ކަމެއް އޭނާގެ އަންހެނުންނަށް ވެސް މީގެ މަހެއް ކުރިން ދިމާވެފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ދުވަހު އެ ހާދިސާ ދިމާވީ ހިޔާގެ ހަތް ވަނަ ޓަވަރުގެ ލިފްޓަކުންނެވެ.
"އެއް ވަނަ ފްލޯއިން ގްރައުންޓަށް ކުއްލިއަކަށް ވަރަށް ބާރަށް ލިފްޓް ދިޔައީ،" އޭނާ ބުނެފައިވެ އެވެ.
ލިފްޓްތަކުގައި މީހުން ތާށިވުމުގެ މައްސަލަ ބޮޑުވި ދަނޑިވަޅުގައި މިދިޔަ އަހަރުގެ ފަހުކޮޅު އެ މަޝްރޫއުގެ ކޮންޓްރެކްޓަރުގެ ފަރާތުން ވަނީ ލިފްޓުގެ މައްސަލަތައް ހައްލުކުރުމަށް ކޮންޓެކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ. އެޗްޑީސީން ބުނީ އެ ކުންފުނީގެ ހިދުމަތްތައް 24 ގަޑިއިރު ދޭނެ ކަމަށެވެ.
ލިފްޓްތައް ކުއްލިއަކަށް ސޮއްސާލާ މައްސަލައިގައި ކޮންޓެކް ޕްރައިވެޓް ލިމިޓެޑްގެ ހޮޓްލައިނަށް ގުޅައި ސުވާލުކުރުމުން ބުނީ ފާއިތުވި ތިން ދުވަހު ވެސް އެ ކުންފުންޏަށް އެފަދަ ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ. ލިފްޓް މެއިންޓެއިނަންސްގެ މަސައްކަތްތައް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.