14 އެޕްރީލް 2022 - 14:03

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެއްވެސް ހައްގެއްގައި މަރިޔަމް ފަޒްނީ ފަހަތަކަށް ނުޖެހެ އެވެ؛ މިފަަހަރު ވެސް އޭނާ ނުކުތީ އެ މީހުން އެދި ތިބި މުހިއްމު މަސައްކަތަކަށެވެ. މަޖިލީހުގެ ޖަލްސާތަކުގައި ހިނގާ ކަންކަން އެ މީހުންނާ ހަމައަށް ގެނެސްދިނުމަށެވެ.
ކޮވިޑުގެ ނުރައްކާތެރި ވަބާއިން އަރައިގަތުމުގައި ރާއްޖެއިން ކުރި ހޯދިފައިވާ އިރު، ސިއްހީ މާހިރުންގެ އިރުޝާދާއި ގުޅުން ހުރި މައުލޫމާތުފޯރުކޮށްދިން ސައިން ލޭންގުއެޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ ވަނީ އެތައް ވަގުތެއް ދީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްޓަކައި މުހިއްމު މަސައްކަތެއް ކޮށްދީފަ އެވެ. މިފަހަރު ގެނެސްދޭނީ މަޖިލީހުގެ ތެރޭގައި ހިނގާ ކަންކަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފެއްގެ ގޮތުގައި ފަޒްނީ ހަމަޖައްސާފައިވާ އިރު އަޑުއިވުމުން މަހްރޫމްވެފައި ތިބި މީހުންނަށް، އަންނަ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކިޔައިދޭން ފަށާނެ އެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ސައިން ލޭންގުއޭޖުން ކިޔައިދޭ ގޮތަށް ނިންމީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުށަހެޅުމަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ. މަޖިލީހުގައި ހިނގާ ކަންކަމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ބިލެއް ނުވަތަ ދާއިރާގެ މެމްބަރު ވާހަކަ ދެއްކެވިޔަސް ވާނުވާ ނޭނގޭ ކަމުގެ ކަންބޮޑުވުން މި ފަހުން މަޖިލީހުން ބޭއްވި ޔޫތު ޕާލަމެންޓްރީ ޕްރޮގްރާމުގައި އެމަނިކުފާނާ ހިއްސާކޮށްފައިވާ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
ސިޔާސީ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން ބޮޑުކުރަން ބޭއްވި އެ ޕްރޮގްރާމްގައި އަޑު އިވުމުން މަހްރޫމްވެފައިވާ ޒުވާނަކު ވެސް ބައިވެރިވި އެވެ.
"ސްޕީކާއާ ބައްދަލުކޮށް ރިކުއެސްޓްކުރީ، އެކަން ހަމަޖައްސައިދޭން. އެ މީހުން ހުށަހެޅި ކަންބޮޑުވުމަކީ މަޖިލީހުގައި ހިނގާ ކަންކަމުގެ މައުލޫމާތެއް ނުލިބެއޭ. ޖަލްސާތައް އަޑެއް ނީވެއޭ، ގުޅުން ހުރި ބިލްތަކުގައި ވެސް ވާނުވާ ނޭނގޭ ކަމަށް،" ޒިޔާއު ވިދާޅުވި އެވެ.
ފަޒްނީއާ އެކު ހޯމަ ދުވަހު ޖަލްސާތައް ފަށާއިރު ނުކުޅެދުންތެރިކަން ހުންނަ ހުރިހާ އެންމެންނަށް ވެސް މަޖިލީހުގައި ހިނގާ ކަންކަން އެނގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަލްސާތަކުގެ އިތުރުން މަޖިލީހުގެ ކޮމިޓީތައް ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގެނެސްދިނުމަކީ މަޖިލީހުގެ އަމާޒެކެވެ.
"ސައިން ލެންގުއެޖުން މިގޮތަށް ހަމަޖެއްސީމަ އެ މީހުންނާ ގުޅޭ ބިލެއް ނަމަ ކޮމެންޓް ކުރަން ވެސް ފަސޭހަވެގެންދާނެ. މަޖިލީހުގެ ހުރިހާ މަސައްކަތެއް ނުކުޅެދުންތެރިކަން ހުންނަ އެންމެންނާ ހަމައަށް ފޯރުކޮށްދެވޭނެ،" ޒިޔާއު ވިދާޅުވި އެވެ.