ބްރޯޑްކޮމްގެ ފުރަތަމަ އެވޯޑް ހަފުލާ އޮގަސްޓުގައި
ބްރޯޑްކޮމްގެ ފުރަތަމަ އެވޯޑް ހަފުލާ އޮގަސްޓުގައި

ބްރޯޑްކާސްޓަރުންނަށް ހާއްސަކޮށްގެން ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ ފުރަތަމަ އެވޯޑް، އަންނަ އޮގަސްޓު މަހު ދޭން އެ ކޮމިޝަނުން ނިންމައިފި އެވެ.

ރައީސް މަރިޔަމް ވަހީދާ (މަރީ) މިއަދު ވިދާޅުވީ، މި ރޯދަމަހަށް ފަހު އެވޯޑާ ގުޅޭ މަސައްކަތްތައް ފަށާނެ ކަމަށެވެ. "ވަރުގަދަ ޖަޖިން ޕެނަލެއް" އެކުލަވައިލުމަށް ފަހު، އަންނަ އޮގަސްޓު މަހު އެވޯޑް ހަފުލާ ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރޯޑްކޮމުން ވަނީ އެ ކޮމިޝަނުން ދޭ ފުރަތަމަ އެވޯޑް ހަފުލާގެ ކަންކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިފަ އެވެ.

މަރީ ވިދާޅުވީ، ޓީވީތަކަށް ހާއްސަ އެވޯޑެއް ދެނީ އެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ހިދުމަތް އަގުވަޒަން ކުރުމަށް ކަމަށެވެ. އެ އެވޯޑުގައި ޓީވީ ސްޓޭޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ އިތުރުން ބްރޯޑްކާސްޓިން ދާއިރާ އަށް ހިދުމަތް ކޮށްދީފައިވާ މީހުންނަށް އެވޯޑް ދޭނެ އެވެ. އަދި ފްރީލާންސްކޮށް މަސައްކަތްކުރާ މީހުންނަށް ވެސް އެވޯޑް ދޭނެ އެވެ.

ބްރޯޑްކާސްޓިން ކެޓަގަރީ އަށް ހާއްސ އެވޯޑެއް ބްރޯޑްކޮމް އިން ދޭން ނިންމިއިރު، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް އަންނަނީ ބްރޯޑްކާސްޓިން ކެޓަގަރީއާއެކު ތަފާތު އެކި ކެޓަގަރީތަކުން ފާހަގަކުރެވޭ ނޫސްވެރިންނަށް އެވޯޑް ދެމުންނެވެ.

އެ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ސަގީފު ވިދާޅުވިގޮތުގައި، މި އަހަރުގެ އެވޯޑަށް އެމްއެމްސީން ކަނޑައަޅާފައިވާ އުސޫލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލާފައިވާ ކަމަށެވެ. ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ވެސް އޭގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެވޯޑުގެ އުސޫލު ކައުންސިލުން ފާސްކުރާ ހިސާބުގައި މިހާރު އޮތީ. އެ ގޮތަށް ފާސްކޮށްފިއްޔާ ޓީވީތަކަށް ވެސް އެމްއެމްސީގެ އެވޯޑް ދޭނެ،" ސަގީފު ވިދާޅުވި އެވެ.