އޮސްކާ ލިސްޓަށް އިންޑިއާ އިން "ސަރްބްޖީތު" އާއި "އެމް.އެސް. ދޯނީ"
އޮސްކާ ލިސްޓަށް އިންޑިއާ އިން "ސަރްބްޖީތު" އާއި "އެމް.އެސް. ދޯނީ"

މި ފަހަރު އޮސްކާގައި އިންޑިޔާ ތަމްސީލުކުރާނީ ސުޝާންތު ސިންގް ރާޖްޕޫތު ބަތަލުގެ ބައި ކުޅުނު އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މެހެންދުރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި "އެމް.އެސް. ދޯނީ – ދި އަންޓޯލްޑް ސްޓޯރީ" އާއި އައިޝްވަރިޔާ ރާއީ ލީޑް ރޯލު ކުޅުނު "ސަރްބްޖީތު" އެވެ. މި ދެ ފިލްމު ހިމެނުނީ އޮސްކާއަށް ވާދަކުރެވޭ ފެންވަރު ހުރުމުގެ ސަބަބުން ބަލައިގަތް ދުނިޔޭގެ އެކި ގައުމުތަކުގެ 336 ފީޗާ ފިލްމުގެ ދިގު ލިސްޓުގަ އެވެ.

މި އަހަރުގެ އެންމެ މޮޅު ފިލްމަށް ވާދަކުރާ ފިލްމުތަކުގެ ލިސްޓު މިދިޔަ ބުދަދުވަހު ދަ އެކަޑަމީ އޮފް މޯޝަން ޕިކްޗާޒް އާޓްސް އެންޑް ސައިންސް އިން ވަނީ ނެރެފަ އެވެ.

ފީޗާ ފިލްމެއް އެކަޑަމީ އެވޯޑު ލިސްޓަށް ނަގަން ބަލަނީ ލޮސް އެންޖަލިސްގެ ކައުންޓީއެއްގެ ކޮމާޝަލް ސިނަމާއެއްގައި ޖެނުއަރީ 1 އިން 31 ޑިސެމްބަރަށް މަދުވެގެން ޖެހިޖެހިގެން ހަތް ދުވަހު ދައްކާފައި ވުމެވެ. އަދި ފިލްމުގެ ދިގުމިނު 40 މިނިޓަށް ވުރެ އިތުރުވާން ޖެހެ އެވެ.

"ސަރްބްޖީތު" އާއި "އެމް.އެސް ދޯނީ"ގެ އިތުރުން އިންޑިއަން-އެމެރިކަން ޑައިރެކްޓަރެއް ކަމަށްވާ މީރާ ނައިރްގެ "ކުއީން އޮފް ކަޓްވޭ" ވެސް މި ލިސްޓުގައި ހިމެނެ އެވެ.

އޮސްކާ ހާސިލުކޮށްފައިވާ ލުޕިޓާ ނިޔޯންގް، ޑޭވިޑް އޮޔެލޯވޯ އަދި މަޑީނާ ނަލްއަންގަސް ކުޅެފައިވާ މި ފިލްމު ބިނާކޮށްފައިވަނީ ޔޫގެންޑާގެ ރަށްފުށުގެ މަގުމަތީގައި ހިނގި ހަގީގީ ހާދިސާތަކެއްގެ މައްޗަށެވެ.