14 އެޕްރީލް 2022 - 13:14

ރާއްޖޭގެ އިގްތިސާދީ ދުވެލި ރަނގަޅުވެ 2023 ގައި އިގްތިސާދު ކުރިއެރި ނަމަވެސް ދަރަނި ބޮޑުވާތީ ވޯލްޑު ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ބޭންކުން އިއްޔެ ނެރުނު އިކޮނޮމިކް އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަންޏާ ހެދި މާލީ ބުރައެއް އުފުލަން ޖެހިދާނެ އެވެ. އެހެންވެ، ރަނގަޅު ސްޓްރެޓެޖީތައް ބޭނުންކޮށްގެން ދަރަނި މެނޭޖްކުރުމަށް ވޯލްޑު ބެންކުން ވަނީ ސަރުކާރަށް ލަފާދީފަ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ އެވެ. ނަމަވެސް އެކި ގައުމުތަކުގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ހެދި އިގްތިސާދަށް އަސަރު ކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ހެދި އެވެ. އެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތަކެތީގެ އަގު އުފުލެމުންދާއިރު ހަކަތައިގެ ބާވަތްތަކުގެ އަގު އަދިވެސް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ރާއްޖެއަށް އެކަމުގެ ސަބަބުން އަސަރު ކުރާނީ ރާއްޖޭގެ އިގްތިސާދު އިމްޕޯޓަށް ބަރޯސާވެފައި އޮތުމުންނެވެ.
ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ވެސް އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ ރަޝިއާ އާއި ޔޫކްރޭނުން އަންނަ ޓޫރިސްޓުން މަދުވެ އެގޮތުގައި ގިނަ ދުވަސްތަކެއް ހޭދަވެދާނެ ކަމަށް ބެލެވޭތީ އެވެ.
"ދެހާސް ތޭވީސް ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގްތިސާދު ކޮވިޑުގެ ކުރިން ހުރި ވަރަށް ދާނެ ކަމަށް ލަފާ ކުރެވޭ. ނަމަވެސް މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް ވަރަށް ބޮޑަށް ދަރަނި މެނޭޖްކުރުް މުހިންމު،" ވޯލްޑް ބެންކުން ރާއްޖެ އާއި ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައިވާ ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ރިޕޯޓްގައި ވިދާޅުވެފައިވެ އެވެ.
"ޓޫރިޒަމަށް ބަރޯސާވުމާއި އެހެން ދާއިރާތަކަށް އިގްތިސާދު ފުޅާކުރަން ހުރި ފުރުސަތުތައް ހަނިވުމަކީ ވެސް ނިޒާމީ ގޮތެއްގަ ހުރި ގޮންޖެހުންތަކެއް."
އެ ރިޕޯޓުގައި ރާއްޖޭގެ އިތުރުން މި ސަރަހައްދަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް ވެސް ވަނީ ބަލައިފަ އެވެ. ކޮވިޑާ ގުޅިގެން އަންހެނުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުމަކީ ވެސް ސަރަހައްދުގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
މިދިޔަ އަހަރު އެމްއެމްއޭއިން ލަފާ ކޮށްފައިވާ ގޮތުގައި ސޮވެރިން ގެރެންޓީ ހިމަނައިގެން، ދައުލަތުގެ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.