14 އެޕްރީލް 2022 - 12:42

ރޯދަ މަހަށް ހާއްސަކޮށް ބެޑްމިންޓަން އެސޯސިއޭޝަނުން ބާއްވާ އިޖުތިމާއީ މުބާރާތްތަކުގެ ތެރެއިން ރަމަޒާން ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ޓީމު ޔެލޯ އިން ހޯދައިފި އެވެ.
ފައިނަލްގައި، ޓީމު ބްލެކްގެ މައްޗަށް ރޭ ޓީމު ޔެލޯ އިން ކާމިޔާބު ހޯދީ 3-2 ގޭމުންނެވެ. މުބާރާތުގައި އަށް ޓީމު ވާދަކުރި އެވެ.
ކޮންމެ ޓީމެއްގައި އަންހެން ފިރިހެން ކުޅުންތެރިން ހިމެނޭ ގޮތަށް ސިންގަލްސް އާއި ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްތައް ވެސް ކުޅެފައި ވެއެވެ.
"މީ ބެޑްމިންޓަން އެސޯސިއޭޝަންގައި ރަޖިސްޓްރީ ކޮށްގެން ކުޅެން އަންނަ ސޯޝަލް މެންބަރުން ޓީމުތަކަކަށް ބަހާލައިގެން ކުރިއަށްދާނީ. އަނެއްހެން ރަސްމީ ޓީމުތަކެއް ނުވަތަ ރަޖިސްޓާޑް ކްލަބްތަކެއް ނޫން ވާދަކުރާނީކީ،" ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ތެރެއިން ބެޑްމިންޓަން އެސޯސިއޭޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ބިދޭސީން މެންބަރުން ވެސް މުބާރާތުގައި ކުޅުފައި ވެއެވެ. ދެން އޮންނާނީ ބިދޭސީންނަށް ހާއްސަކޮށް ބާއްވާ މުބާރާތެވެ. އެމުބާރާތުގެ ގުރުއަތުލުން މިރޭ ބޭއްވުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.
ރަމްޒާން ބެޑްމިންޓަން މުބާރާތުގައި މިއަހަރު ކުރިއަށް މިގެންދަނީ 18 ވަނަ މުބާރާތެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެއަހަރު މުބާރާތް ބާއްވާފައެއް ނުވެ އެވެ.