ޔޫކްރޭންގެ 1،000 ސިފައިން އަމާން ދީފި
ޔޫކްރޭންގެ 1،000 ސިފައިން އަމާން ދީފި

ރަޝިޔާ ސިފައިންގެ ހިސޯރުގައި އޮތް ޔޫކްރޭންގެ ދެކުނު ސަހަރެއް ކަމަށްވާ މަރިއުޕޯލްގެ ދިފާއުގައި ހަނގުރާމަ ކުރަމުން ދިޔަ ޔޫކްރޭންގެ 1،000 އަށް ވުރެ ގިނަ ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދީފި ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ދެކުނުގެ ބަނދަރު ސަހަރެއް ކަމަށްވާ މަރިއުޕޯލް އިން އަމާންދިނީ ޔޫކްރޭންގެ މެރިން ސިފައިންގެ ބަޔަކު ކަމަށް ރަޝިޔާ އިން ބުނާ އިރު، މަރިއުޕޯލްގެ ތެރެއިން ލިބޭ ހަބަރުތައް ބުނާ ގޮތުން، ޔޫކްރޭން ސިފައިން މިހާރު ވެސް ގެންދަނީ ދިފާއީ ހަމަލާތައް ދެމުންނެވެ. ރަޝިޔާގެ މި ބުނުންތަކާ ބެހޭ ގޮތުން ޔޫކްރޭން ސަރުކާރުން ރަސްމީކޮށް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ރަޝިޔާ ސިފައިން މަރިއުޕޯލް ހިސޯރުކޮށްގެން ވައިގެ މަގުންނާއި އެއްގަމު މަގުން އެ ސަހަރަށް ހަމަލާ ދެމުން އަންނަތާ މަސް ދުވަސްވެގެން ދިޔައިރު ވެސް، މުޅި ސަހަރު އެކުގައި ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދެވޭ ގޮތެއް ނުވެ އެވެ. ނަމަވެސް އެ ސަހަރުން މަރުވި އާންމުންގެ އަދަދު އެތައް ހާހަކަށް އަރާފައިވާ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.

އެމެރިކާގެ އަމިއްލަ ކުންފުނިތަކުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި މަރިއުޕޯލް މިހާރު އޮތީ ސުންނާފަތިވެފަ އެވެ. ވަރަށް ގިނަ އިމާރާތްތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ގިނަ އިމާރާތްތަކެއްގައި ރޯވެ އަނދަމުން ދެ އެވެ.

އަޒޯވް ކަނޑުގެ އައްސޭރީގައި އޮންނަ މަރިއުޕޯލް ހިފުމަށް ރަޝިޔާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ އިރު، އެ ސަހަރުގެ ބޮޑު ބައި މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ. މަރިއުޕޯލްގެ އިރުމައްޗާއި ހުޅަނގު ފަޅި ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް އިރު، ޔޫކްރޭން ސިފައިން މިހާރު ތިބީ މަރިއުޕޯލްގެ މެދުތެރޭ ސަރަހައްދުގަ އެވެ.

މަރިއުޕޯލްގެ އިރުމަތިންނާއި ހުޅަނގު ފަރާތުން ރަޝިޔާ ސިފައިން އެތެރެ އަށް ޖެހެމުން އަންނަ އިރު، މެދުތެރޭގައި ތިބި ޔޫކްރޭން ސިފައިންނަށް އިތުރު ހަތިޔާރާއި އަސްކަރީ މަދަދު ފޯރުކޮށްދެވޭނެ ގޮތެއް މިހާރު ޔޫކްރޭންގެ އަސްކަރިއްޔާއަކަށް ނެތެވެ. އެ ސަހަރުގައި ތިބި ޔޫކްރޭން ސިފައިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެމީހުންގެ އަތުގައި ހުރި ހަތިޔާރުތައް މިހާރު ދަނީ ހުސްވަމުންނެވެ.

އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، ރަޝިޔާ ސިފައިން މަރިއުޕޯލް އަށް ހަމަލާ ދޭން ފެށުމާ ހަމައަށް އެ ސަހަރުގައި 400،000 މީހުންގެ އާބާދީއެއް އޮތެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން ބައެއް މީހުން އެ ސަހަރު ދޫކޮށް ފައިބައިގެން ގޮސްފައިވާއިރު، ރަޝިޔާ ސިފައިންގެ ހިސޯރުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ތިބީ އެ ސަހަރުން ނުކުމެވޭނެ ގޮތެއް ނެތިފަ އެވެ.