14 އެޕްރީލް 2022 - 11:42

ރަޝިޔާ ސިފައިންގެ ކަނޑުގެ ލަޝްކަރުތަކުގެ ތެރެއިން ކަޅު ކަނޑުގެ ލަޝްކަރުގެ މައި މަނަވަރުގައި އިއްޔެ ބާރު ގަދަ ގޮވުންތަކެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ މަނަވަރުން މީހުން ހުސްކޮށްފި އެވެ.
މަނަވަރުގައި ގޮވުންތަކެއް ގޮވި އިރު، 510 ސިފައިން ތިއްބެވެ. އެ އެންމެން ވެސް މިހާރު ވަނީ ރައްކާތެރިކަމާ އެކު މަނަވަރުން ބާލައި މަނަވަރު ހުސްކޮށްފައި ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ. އެ ހާދިސާ ހިނގީ މަނަވަރުގައި ހުރި ބަޑީގެ ވަޒަންތަކެއް ގޮވުމުގެ ސަބަބުން ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
ނަމަވެސް ޔޫކްރޭންގެ ދެކުނު ސަހަރެއް ކަމަށްވާ އޮޑެއްސާގެ ގަވަރުނަރު މަކްސީމް މަރްޗެންކޯ ވިދާޅުވި ގޮތުގައި ރަޝިޔާގެ މަނަވަރު ގޮވީ، ޔޫކްރޭން ސިފައިން ދިން އެ ގައުމުގައި އުފައްދާފައިވާ ނެޕްޗޫން މަރުކާގެ ކްރޫޒް މިސައިލުން ދިން ދެ ހަމަލާއެއްގެ ސަބަބުންނެވެ. މި ވާހަކަތައް ޔޫކްރޭންގެ ސަރުކާރުން މިހާތަނަށް ކަށަވަރެއް ނުކޮށްދެ އެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން އިއްޔެ ބުނި ގޮތުގައި "މޮސްކްވާ" މަނަވަރުގައި ހުރި ބަޑީގެ ވަޒަންތަކެއް ގޮވަން މެދުވެރިވީ ވަޒަންތައް ރައްކާކޮށްފައި ހުރި ތަނުގެ ކައިރީގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުންނެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް ރަޝިޔާގެ އަސްކަރިއްޔާ އިން ނުބުނެ އެވެ.
"މޮސްކްވާ މިސައިލް ކްރޫޒާގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން، އޭގައި ހުރި ވަޒަންތަކެއް ގޮވީ. މަނަވަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. ހުރިހާ ފަޅުވެރިން ވަނީ މަނަވަރުން ބާލާފައި،" ރަޝިޔާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މޮސްކްވާ އަކީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ރަޝިޔާގެ ކަނޑުގެ ލަޝްކަރުގެ އުޅަނދުތަކުގެ ތެރެއިން ބޮޑު ގެއްލުންތަކެއް ލިބުނު ދެ ވަނަ މަނަވަރެވެ. މިދިޔަ މަހުގެ ތެރޭގައި ޔޫކްރޭނުން ދިން ހަމަލާއެއްގައި، ރަޝިޔާގެ ކަނޑުގެ ސިފައިންގެ ކަނޑުގެ އުޅަނދެއް ވަނީ އެއްކޮށް ހަލާކުކޮށްލައިފަ އެވެ. އެއީ މަނަވަރުތަކުން މީހުންނާއި ހަތިޔާރު ފަދަ ތަކެތި އެއްގަމަށް ބޭލުމަށް ބޭނުންކުރާ އުޅަނދެކެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ކަޅު ކަނޑުގެ ލަޝްކަރުން އަންނަނީ ގިނަ އަދަދެއްގެ މިސައިލް ހަމަލާތައް، ޔޫކްރޭންގެ އިރުމައްޗާއި ދެކުނު ސަރަހައްދަށް ދެމުންނެވެ. ޔޫކްރޭނަށް އަރައި ތިބި ރަޝިޔާގެ އެއްގަމު ސިފައިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ކަޅު ކަނޑުގެ ލަޝްކަރުން ދޭ މިސައިލް ހަމަލާތައް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް، ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ.