ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކުއްޖާއަށް ރައްކާތެރިކަމާއި އިންސާފު އަވަސްކުރަން ގޮވާލައިފި
ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކުއްޖާއަށް ރައްކާތެރިކަމާއި އިންސާފު އަވަސްކުރަން ގޮވާލައިފި

އައްޑޫގައި ޖިންސީ ގޯނާ ލިބުނު ހަ އަހަރުގެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށް އިންސާފު ގާއިމްކޮށްދިނުން ލަސްވާ މައްސަލައިގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ސްކޫލުގައި އުޅެނިކޮށް ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވުމުން އެ މައްސަލައިގައި އެ ސްކޫލުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭނާ ފްރޭމްކުރީ ކަމަށް ބުނެ ތުހުމަތު އަޅުވަނީ ކުޑަކުއްޖާގެ ކާފައަށެވެ. އަންހެން މީހާ ދޫކޮށްލަން ކުރި މުޒާހަރާތަކަށް ފަހު ކަމާބެހޭ އިދާރާތަކަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

އެމްއެންޕީން މި މައްސަލައިގައި ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގަމުންދާ ކުޑަކުދިންނަށް އަނިޔާކުރާ ތަފާތު އެކި މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ގާއިމް ނުކުރެވޭ ކަމަށެވެ. އައްޑޫގައި ކުޑަކުއްޖާ މެދު އެފަދަ އަމަލެއް ހިންގުން ވެސް އެ ޕާޓީއަށް ބަލައިނުގަނެވޭ ކަަމަށް އެމްއެންޕީން ބުންޏެވެ.

ގާނޫނުތަކުން އެކަށައަޅާފައިވާ އިންސާފާއި ރައްކާތެރިކަން ގާއިމްކުރުމަށް ދައުލަތުގެ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ހަލުވި މިނެއްގައި އެޅުމަށް އެ ޕާޓީން ގޮވާލި އެވެ.

"މިފަދަ ހައްސާސް މައްސަލަތަކުގައި ކުޑަކުއްޖަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ އެއްވެސް ކަމެއްގައި ލަސްކަމެއް އައުމަކީ މި ޕާޓީއަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ގައިގެ އެކި ތަންތަނުގައި ވަކި އަޅާފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށްވެ އެވެ. އެ މައްސަލައިގައި އަންހެންމީހާގެ އާއިލާ އިން ކުއްޖާގެ ކާފަ އަށް ތުހުމަތު ކުރިޔަސް ފުލުހުން ބުނެފައި ވަނީ އިތުރު އެހެން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް މިހާތަނަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކަންބޮޑުވުންތައް ގިނަކަމުން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވެސް ދަނީ މައްސަލަ ބަލަމުންނެވެ.