ފަރުވާ ޕްރޮގްރާމް ނިންމާ މީހުންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަން އެމްޓީސީސީއާ އެކު ސޮއިކޮށްފި
ފަރުވާ ޕްރޮގްރާމް ނިންމާ މީހުންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަން އެމްޓީސީސީއާ އެކު ސޮއިކޮށްފި

މަސްތުން ސަލާމަތްވުމުގެ ފަރުވާ ޕްރޮގްރާމް ނިންމުމަށް ފަހު މުޖުތަމައުއާ ގުޅޭ މީހުންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަން އެމްޓީސީސީއާ އެކު މިއަދު ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޯޔޫގައި ސޮއިކުރެއްވީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ވަގުތީ ސީއީއޯ، ހެލްތުގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ހާލިދާ އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

އެ އެއްބަސްވުމުގެ ބޭނުމަކީ އެންޑީއޭގެ ފަރުވާ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމައުއާ ގުޅޭ މީހުންނަށް ހިންގާ "ރީއިންޓަގްރޭޝަން އެންޑް އާފްޓާ ކެއާ" ޕްރޮގްރާމަށް އެމްޓީސީސީގެ ފަރާތުން އެޕްރެންޓިސްޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ ޕްރޮގްރާމަށް ޝަރުތު ހަމަވާ މީހުން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށެވެ. އެމްއޯޔޫގެ ދަށުން އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެެ އުޅުމާއި އަހުލާގާއި ސުކޫލު އަދި މަސައްކަތުގެ ރިވިއު ރިޕޯޓެއް ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާ ހިއްސާކުރާނެ އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އެ ޕްރޮގްރާމް ފުރިހަމަކުރާ މީހުން މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ތަމްރީން ކުރުން ކަމަށެވެ.