14 އެޕްރީލް 2022 - 09:23

އެއީ ތިން ކޮޓަރީގެ އަރާމު ބޮޑު ގެއެކެވެ. މުޅި ގޭގައި ވަނީ ޕާކޭޖަހައިފައެވެ. ގަދަ މުށިކުލައިގެ ހިތްގައިމު ކުރެހުމާއި ކިއްސަރެވެ. އެތެރެއަށް ވަދެގަތުމާއެކު މައިސާގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ އެ ފުރިހަމަކަމެވެ. ސިޓިންރޫމުގައި އެލުވާފައިވާ އުނދޯއްޏާއި އޭގެ އަނގުނާއި ފަޑީގައި ލިޔެލާޖަހައި އަޅާފައިވާ ނަލަ ކުރެހުންތަކެވެ. ލޭތުކޮށް މައު ފޮޅުވާފައިވާ ކޮޓަރީގެ ދޮރުފަތާއި އެ ކޮޓަރިތަކުގައިވީ އެނދާއި އަލަމާރި އާއި ތަނަވަސްކަމެވެ. އެންމެ ބޮޑު ކޮޓަރި ތެރެއިން ފެންނަން ހުރި އިސްކޮޅުހާ ބޮޑު ރަހަލީ ބިއްލޫރީގެ ހިތްގައިމު ލޯގަނޑެވެ.
މަޑުމަޑުން ހިނގާލާފައި ގޮސް މައިސާ މަޑުކޮށްލީ އެ ލޯގަނޑު ކުރިމަތީގައެވެ. މާމެލާމެލީގެ ކުރެހުން އެޅި އޭގެ ލަކުޑި ފްރޭމުގައި ބީހި ހިރަފުހުގެ ތުނި ފަށަލައިގައި އިނގިލިތައް ދުއްވަމުން ގޮސް ލޯގަނޑުގެ މެދަށް މަޑުކޮށް ކުޑަ ހިތެއް އެ ފުސްކަމުގައި ކުރަހާލިއެވެ. އެ ހިތާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ގޮސް މައިސާ ދެން ކަހާލީ ކޮޓަރީގެ ދޮރުފޮތިތަކެވެ.
އޭރު މެދުގޯތީގައި އިންދާފައި ހުރި ބިޔަ ބޮޑު ޖަމްބުގަސް އޭގެ ފިޔާތޮށި ކުލައިގެ ކުދިކުދި މާތަކާއެކު ފަރިވެ ފޮޅިފައި ހުއްޓެވެ. ބޯގަންވިލާގެ އެކި ވައްތަރުތަކާއި ކުލަތަކުން މުޅި ގޯތިތެރެ އޮތީ ކުލަކޮށް ދިއްލާލައިފައެވެ. އެ މާތަކުން ފޮނިބޮމުން ދިޔަ ލޭކޮކާލެއް ފަހަތުން ހެމުން ދުވަމުން ގެންދިޔަ ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އޭރު ފެނެއެވެ. އެއީ މައިސާގެ ރައިހާނެވެ.
އުދުހެމުން ދިޔަ ކޮކާ އަތުނުވެ ގޯތިތެރޭގައި އޮތް ކަށިވެލިގަނޑު މައްޗަށް ވެއްޓި ދަރިފުޅު ރޮއިގަތުމާ އެކު މައިސާ ތެޅެމުންފޮޅެމުން ގޮސް ބޭރަށް ނުކުތްއިރު ދެބައިއުމުރުގެ ފިރިހެނަކު ރައިހާން އުރާލައިގެން އައިސް ގެއަށް ވަންނަނީއެވެ. އެއީ އިސްހާގެވެ. މި ގޭގެ ވެރިމީހާއެވެ.
މައިސާ ފެނުމާއެކު އިސްހާގުގެ އަތުތެރެއިން ފުންމައިގެން ގޮސް ރައިހާންއެރީ އޭނާގެ މަންމަގެ އުރަށެވެ. ޖީބުން ނެގި ފޯނު ހުޅުވައި ދަރިފުޅު މަސަލަސްކޮށް ދޫކޮށްލުމުން ދުވެފައި ގޮސް އޭނާ ވަނީ ބޮޑުކޮޓަރިއަށެވެ. އިސްހާގާ އެކު މައިސާ ނުކުތީ ބޮޑުގޯތީގެ ފިނި ހިޔަލަށެވެ. މައިސާ އާއި ރައިހާންގެ ދަބަސްތައް އޭރު ވެސް އިސްހާގު ގެނެސް ފެންޑާގެ ބޭރުގައި ބެހެއްޓި ގޮތަށް ހުއްޓެވެ.
މައިސާ އަށް އަދިވެސް ޔަގީނެއް ނޫނެވެ. މި ގެ އޭނާ އަށް މާ ބޮޑީއެވެ. މިވަރުގެ ބޮޑު ގެއެއް މިހާރު އޭނާއަކަށް ބޭނުމެއް ނުވެއެވެ. އަމުދަކުން މިވަރުގެ ބޮޑު ގެއެއް ހިލޭސާބަހަށް އޭނާ ބޭނުމެއް ވެސް ނޫނެވެ. އަނެއްކޮޅުން އިސްހާގުގެ ދެ އަތުން މުޅި މި ގެއަށް ގެނެސްފައި އެވާ ޒީނަތްތެރިކަމަކީ މުޅިން އެހެން މީހަކަށް އޭނާ ހާއްސަކޮށްފައިވާ ފުރިހަމަކަމެކެވެ. އިސްހާގުގެ ހިތުން އެވަރުގެ ޖާގައެއް ދީފައިވާ އިންސާނަކަށް ހާއްސަކުރި މި "ސުވަރުގެ" މައިސާގެ އެކަނިވެރި ހިތްދަތި ހަޔާތުގެ ދުވަސްތަކުން ބަނަކޮށް ބައުކޮށް ވީރާނާކޮށްލުން ވާނީ ވަރަށް ވެސް ބޮޑު ބޭއިންސާފަކަށެވެ. ނުވަތަ މި ގޭގައިވީ ހަނދާންތައް މައިސާ އަށް މިހާރު ކަމުނުދަނީއެވެ.
ނަމަވެސް އުފަން މި ރަށުގައި މައިސާގެ އަމިއްލަ ގެއެއް ނެތެވެ. އަދި އަމިއްލަ ގެއެއްގެ އިހުސާސް ކިރިޔާ ވެސް ކުރެވޭ ވަރުގެ ގެއަކީ އިސްހާގުގެ މި 'ރިހިވިލާ' އެވެ. ޖޯލި ފަތީގައި އަނގަތަޅަން ތިބެފައި ދަބަސްތައް އެތެރެއަށް ވައްދައި ތަޅުދަނޑިފަތި މައިސާގެ އަތަށް ދީފައި އިސްހާގު ނުކުމެގެންދިޔައިރު ރަތްވިލާގެ ދަޅަވަރު އުޑުމައްޗަށް ފެތުރެނީއެވެ.
ގެއަށް ވަދެ ބޮކި ދިއްލައި ދޮރު ލެއްޕުމަށް ފަހު މައިސާގެ ހިޔާލަށް އައީ ހުޅުމާލޭގައި އޭނާ ދިރިއުޅުނު ހަޔާތުގެ ފިނި ކަމާއި ތަނަވަސްކަމާއި އަރާމުކަމެވެ. އެއީ ވެސް ހަމަ މިހައި ތަނަވަސް ބޮޑު ގެއެކެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓެކެވެ. މައިސާ އާއި އޭނާގެ ދަރިފުޅު ރައިހާން އާއި އެ ދަރިފުޅުގެ ބައްޕަ ހައިލަމްއާ އެކު ދިރިއުޅުނު އުފާވެރި ހިޔަލެވެ.
ހައިލަމް އަކީ ކުޅަދާނަ ގާނޫނީ ވަކީލެކެވެ. މައިސާ އޭރު މަސައްކަތްކުރަމުން ދިޔައީ ވާދަވެރި އެހެން ފާމެއްގައި އިންޓާނަކަށެވެ. މީގެ ފަނަރަ އަހަރު ކުރިން ދެ މީހުން އެއްތަންކޮށް ހަތަރުކަޅި ހަމަވި ގޮތަކީ މިއެވެ. އެކަމަކު އެ ދެމެދުގައި އުފެދުނު އެކުވެރިކަން ގާތް ބަދަހި ގުޅުމަކަށް ބަދަލުވިޔަސް އެ ދެމެދަށް ލޯބި ތައާރަފްވާން ފުދޭވަރަކަށް ގިނަ ދުވަސް ނެގިއެވެ. ނަމަވެސް އެ ލޯބި ރޫޅި ދެ މީހުން އެކުގައި ބިނާކުރި ހަޔާތް ވިއްސިވިހާލިވެގެން ދިއުމަށް މާ ގިނަ އަހަރުތަކެއް ނުނަގައެވެ.
ދެ މީހުން ކައިވެނިކުރީ ލޯބިން އެކުގައި އުޅޭތާ އަށް އަހަރު ފަހުންނެވެ. އެކަކު އަނެކަކާ މެދު ޔަގީންވެ ދެމެދުގައި ދެމެމުން ދިޔަ ގުޅުން ލޯބި ނޫން އެހެން ޖަޒުބާތަކަށް ނުވާނެ ކަން ކަށަވަރުވުމުންނެވެ. ނަމަވެސް ކިތަންމެ ވަރުގަދަ ގުޅުމަކުން ބަނދެވިގެންދާ ދެ ހިތެއް ވެސް ވަކިވެ ހިނގައިދާނެ ކަމުގެ ފުރިހަމަ އެއް މިސާލަކީ ހައިލަމް އާއި މައިސާގެ މި ހަޔާތެވެ. އަދި ކުދިކުދި ވިޔާނުދާ ފިޔަވަޅުތަކަށް ފިޔަވަޅު ނޭޅިއްޖެ ނަމަ ހަޔާތުގެ ދަތުރުގައި އެއްކުރި ހުރިހާ އެއްޗެއް އެ ދޭސީ އޮއިވަރު ޖަހައިގަނެގެން ގެންގޮސްދާނެ ކަމެވެ.
ހައިލަމް އަކީ ރުންކުރު ހަރުކަށި ފިރިހެނެކެވެ. ހަސަދައިގެ އަނގުރުގައި އަނދަމުން ގެންދިޔަ ހިތެކެވެ. ނަމަވެސް މައިސާ އަށް އެ ހައިލަމްގެ ހޫނު އިހުސާސްވާން ފެށީ ގާނޫނީ ދާއިރާއިން ފުރިހަމަވެ މައިސާގެ ކުރިމަގު އުޖާލާކުރުމަށް ލިބެން ފެށި ފުރުސަތުތަކާ އެކު އެވެ. އެންމެ ފުރަތަމަ ހައިލަމް ފެނުނީ ވަރަށް ވެސް ހަމަޖެހި އުފާވެ އޭނާގެ އަންހެނުންނަށް ފަހުރުވެރިވެފައި ހުއްޓައެވެ. ނަމަވެސް ގާނޫނީ ގުޅަކުޅޭ ފަސްގަނޑުގެ ބޮޑުންނާ މައިސާ ގާތްވެ ގާނޫނީ ކޮއިލުގައި ތޯތޯކުރަން ފެށި ވާހަކަތަކާ އެކު މަޑުމަޑުން ގޮސް ދެ މީހުންގެ ދެމެދުގައި ހުޅު ރޯވީއެވެ.
އެ ހަސަދައިގެ އަލިފާނުގައި ފިހެމުން ބުހުތާނު ވާހަކަތައް ގަބޫލުކުރަމުން ހައިލަމް ގެންދިޔައީ އޭނާގެ އަމިއްލަ ކެރިއަރު ވެސް ދެ އަތުން ހަލާކުކުރަމުންނެވެ. ރަލާއި މަސްތުގެ ހިކި ދާނަށް ވެއްޓި ހިލޭ އަންހެނުންގެ އުނގަށް ވެއްޓި އަމިއްލަ ގޭގައި ދެ އަތުން އަލިފާން ޖެހީއެވެ. ކަންކަން އިތުރަށް ގޯސްވީ މައިސާ ބަލިވެއިނދެ އެ ހަގީގަތުގައި އޭނާއާ އެއްގަލަކަށް އަރަން ހައިލަމް ދެކޮޅު ހެދިހިސާބުންނެވެ. މައިސާގެ ބަނޑުގައި އޮތީ ހައިލަމްގެ ދަރިއެއް ނޫން ކަމަށް ބުނެ އަތުން ފައިން ހަމަލާ ދޭން ފެށި ހިސާބުން އެ އަރާމު އެޕާޓްމެންޓްގެ ދިރިއުޅުން ނަރަކައިގެ ދަންތުރައަކަށް ބަދަލުވެގެންދިޔައީއެވެ.
ބަލިވެ އިންކަން މައިސާ އަށް އެނގުނީ އޭނާގެ އުފަން ރަށުގައި ހޭދަކުރި ޗުއްޓީއަކަށް ފަހު އެނބުރި ހުޅުމާލެ އަށް ދިޔަތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އެ ޗުއްޓީގައި ވެސް މައިސާ އައިސް ނިދި ގެއަކީ މި ރިހިވިލާއެވެ. އެކަމަކު ހައިލަމްގެ ހިތުގައި އެވަރުގެ ނުބައި ޝައްކުތަކެއް އުފަން ކުރުވީ މި ގޭގައި މައިސާ ކާކާ އެކުގައި ނިދައި ލޯބިކޮށްގެން ހެންޔެވެ؟ މިގޮތަށް އޭރު މި ގެ ހަދާފައި ނެތަސް އިސްހާގު ވެސް އޭރު ނިދައި ކައިބޮއި ހެދި ގެއަކީ މިއެވެ.
ހައިލަމް ދެއްކި ދައްކަން ނުކެރޭ މުޑުދާރު ވާހަކަތަކާ އެކު ހާސްވެ ސިހިގެން ގޮސް މައިސާ އަށް ހޭލެވުނުއިރު މުޅި ކޮޓަރި ތެރެއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވައިފައެވެ. ގައިގައި އަޅާފައި އޮތް ރަޖާފޮތިގަނޑު އޮތީ އެނދު ކައިރިއަށް ވެއްޓިފައެވެ. ކައިރީގައި އޮތް ދަރިފުޅު އޮތީ އޭސީގެ ގަދަ ފިނީގައި ކުރުގެޅިގަނެގެންނެވެ. އެނދުމަތީގައި އޮތް ރިމޯޓު ނަގައި އޭސީގެ ފިނި މަޑުކޮށްލުމަށްފަހު އެނދުން ދެމިގެން ގޮސް ރަޖާފޮތިގަނޑު ނަގައި ރައިހާންގެ ގައިގައި އަޅައި އޭނާގެ ބޮލުގައި ލޯބިން ފިރުމާލައި ކޮލަށް ބޮސްދިނުމަށް ފަހު ގޮސް މައިސާ ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ.
ދޮރުފޮތިގަނޑުގެ ތެރެއަށް ބޯކޮށްޕައި ބޭރު ބަލައިލިއިރު ސާދަވިލޭރޭގެ ހަނދުގެ އަމުރުމައުރޫފަށް ގަސްތައް ނަށަމުން ކޮކާހަނދުވަރުގެ ހިތްގައިމުކަމެއް މުޅި ގޯތިތެރޭގައި ކުރަހަމުންގެންދެއެވެ. ރޯޅީގައި ހެލެމުންދިޔަ ގަސްތަކާއި ހަނދުވަރުކޮކާލުގެ މަންޒަރަށް ބަލަން ހުއްޓައި މައިސާގެ ސަމާލުކަން ކުއްލިއަކަށް ކޮޓަރި ތެރެއަށް ދަމައިގަތީ ޕާކޭގެ ފިލާގަނޑެއް ފަޅައިގެން ދިޔަ ތޫލި އަވަސް އަޑަށެވެ. ދޮރުފޮތިގަނޑުގެ ތެރެއިން ދެމިގެން އައިސް ފުސް އަނދިރިކަމުގެ ތެރެއިން އޭނާ މަޑުކޮށްލީ ކޮޓަރީގެ ކަނުގައި ބަހައްޓާފައި ހުރި ބިޔަ ރަހަލީ ލޯގަނޑު ކުރިމަތީގައެވެ. އަދި ތިރިއަށް ގުދުވެ ބަލައިލިއެވެ.
އޭރު ލޯގަނޑު ބަހައްޓާފައި ހުރި ދިމާލުގައި ޖަހާފައިވާ ޕާކޭ ފިލާތަކުން ފިލާގަނޑެއް ފަޅައިގެން މައްޗަށް އަރާފައި ހުއްޓެވެ. ކުޑަކޮށް އުފުލިފައި ހުރި މި ފިލާގަނޑުގައި އަތެއް އަޅައި މައިސާ މަޑުމަޑުން ތިރިއަށް އޮބާލިއެވެ. އެއާއެކު އޭނާ ސިއްސައިގެން ދިޔައީ ކޮޓަރި ތެރޭގައި އެނބުރިގަތް ރޯޅިއަކާއެކު ކޮޓަރީގެ ދޮރުފަތް ނަގައި ލައްޕާލި ބާރު އަޑުފަށްގަނޑަކަށެވެ.
ރައިހާން ފުންމައިގެން ތެދުވެ ރޮއިގަތެވެ. ކޮޓަރި ތެރެއިން އިހުސާސްކުރެވުނު ރޯޅީގައި ޖެހި މައިސާ އަށް އިނދެވުނީ ހިރިނުލެވިފައެވެ. އޭނާގެ ސިކުނޑި ހިނގައިގަތީ އިރުކޮޅެއް ފަހުން ކުއްލިއަކަށެވެ. އެއާއެކު ފުންމައިގެން ގޮސް ދަރިފުޅު ނަގައި އޭނާ މައިތިރިކޮށް މައިސާ ވެސް އެނދުގައި އޮށޯވެގަތެވެ. ކުޑަދޮރާއި ދޮރުފޮތިތަކަށް ފުރަގަސްދީގެންނެވެ.
މަޑުމަޑުން ހެލެމުންދިޔަ ހުދުކުލައިގެ އެ ދޮރުފޮތިގަނޑުގެ ތެރެއިން އޭރު އިސްކޮޅުން ދިގު އިންސާނެއްގެ ސޫރަ އާއި ސިފަ ދިރެމުން އެނދުގައި އޮތް މައިސާއާ ދިމާލަށް ގުދުވަމުންދާތަން ފެނެއެވެ. ނަމަވެސް މައިސާގެ ދެމައިން އެ ތިބީ އަނެއްކާވެސް ނިދައި މަރުވެފައެވެ.
ހެނދުނު ހޭލައިގެން އެނދުން ފޭބިއިރު މައިސާގެ ފިޔަވަޅު އެޅުނީ އެނދު ކައިރިއަށް ވެއްޓި ތަޅައިގެން ގޮސްފައި އޮތް ފޮޓޯފްރޭމަކުން ވަކިވެފައި އޮތް ބިއްލޫރިގަނޑެއްގައެވެ. ފައި ދިޔައީ ކަފައިގެންނެވެ. ވީތަދާ އެކު މައިސާ އެތަނަށް ތިރިވެއްޖެއެވެ. އަދި ކަފައިގެން ދިޔަތަނުން ބޮކިޖަހައި ފޭދިގަތް ލޭތައް އަތުން ފޮހެލުމަށް ފަހު ކޮރުޖަހަމުން ގޮސް ފާހާނާ އަށް ވަދެ ދެ އަތާއި ފައި ރަނގަޅަށް ދޮވެލައި މޫނުދޮންނަ ސިންކުގެ ތިރީގައި އިން ކުޑަ ކަބަޑުގެ ދޮރު ހުޅުވާލައި ފަސްޓްއެއިޑް ކިޓެއް ނަގައިގެން ފާހާނާ ތަށިގަނޑުގެ މަތިގަނޑު އަޅައި ޖައްސާލިއެވެ. އަދި ފުންނާބާ ދިމާލުން ދެ އިންޗިއެއް ވަރަށް ކަފައި ހުޅުވިފައި ހުރި ތަން ސާފުކޮށް ބެންޑޭޖުފޮތި އޮޅައިގެން ކޮޓަރިއަށް އެނބުރި އައިސް އޭނާ ނެގީ ވެއްޓި ތަޅައިގެން ގޮސްފައި އޮތް ފޮޓޯފްރޭމެވެ. ބަންޑުންޖެހިފައި އޮތް ކަޅުކުލައިގެ އެ ފްރޭމް ނަގައި އަނބުރާލުމުން އޭނާ އަށް ފެނުނު މޫނަކީ އެއް އިރެއްގައި އެންމެ ގާތުގައި، އެންމެ އެކުގައިވީ އޭނާގެ ދައްތަގެ މޫނެވެ.
ފޮޓޯގަނޑަށް ފެތުރިފައިވީ ސަރާގެ ހިނިތުންވުން ފެނި މައިސާގެ ތުންފަތް މަތީގައި ވެސް ކުޅެލީ އުފާވެރިކަމެކެވެ. އެއަށް ފަހު އޭނާ އަށް ބަލައިލެވުލީ ކުޑަދޮރާ ދިމާލުން ފެންނަން ހުރި އުސް އަލަމާރިއަށެވެ.
އެކަމަކު އެތަނުގައި ސަރާގެ ފޮޓޯގަނޑެއް އޮންނަން ވީ ކީއްވެގެން ހެއްޔެވެ؟ މައިސާގެ ދައްތަގެ ފޮޓޯގަނޑެއް މި ކޮޓަރިއަށް ގެނުވީ ކޮން ބާރެއް ހެއްޔެވެ؟
ފޮޓޯގަނޑު ހިފައިގެން މައިސާ ކޮޓަރިން ނުކުމެގެންދިޔައިރު ލޯގަނޑުގެ ފަޔާ ދިމާލުން ފެންނަންހުރި ޕާކޭފިލާގަނޑު މިހާރު ވަނީ ކުރިއަށް ވުރެ ވެސް ބޮޑަށް ފުފިގެން ހިއްލި އެ ދިމާލުން މައްޗަށް އަރައިފައެވެ. ނަމަވެސް މައިސާގެ ލޮލުގައި އެތަން އަޅައިގަތްހެނެއް ހިޔެއް ނުވެއެވެ.
ތަޅައިގެން ދިޔަ ފޮޓޯފްރޭމުން ދައްތަގެ ފޮޓޯގަނޑު ނަގައި އާ ފްރޭމަކަށް ލައިގެން ގޮސް މައިސާ އެ ފްރޭމް ބެހެއްޓީ ގޭގެ ސިޓިންރޫމުގެ ފާރުގައި ހަރުކޮށްފައި ހުރި ޓީވީގެ މަތިން ހަމަ އެ ފާރުގައި ހަރުކޮށްފައި ހުރި ރެކެއްކައެވެ. އެތަނުގައި އެހެން ފްރޭމްތައް ވެސް ހުއްޓެވެ. މައިސާގެ ދެމައިންގެ ފޮޓޯތަކެވެ.
ދައްތަގެ ފޮޓޯގަނޑު އެތަނުގައި ބެހެއްޓުމަށް ފަހު އިރުކޮޅެއް ވަންދެން އެ ފޮޓޯފްރޭމާ ދިމާލަށް ބަލަހައްޓައިގެން މައިސާ އަށް ހަމަ ހުރެވުނީއެވެ. އެ ދައްތަގެ މޫނާއި އެ ހިނިތުންވުން ނުފެންނަތާ މިހާރު ކޮން ދުވަހެއް ހެއްޔެވެ؟
މައިސާ އާއި ސަރާގެ މަންމަ ހަލީމާ ކެންސަރު ބަލީގައި މަރުވިއިރު އެބެއިންނަކީ އަދި ފުރާވަރަށް ވެސް ނާރައި ތިބި ދެ ކުޑަކުދިންނެވެ. މަންމަ މަރުވި ދުވަހުން ފެށިގެން ދެ މީހުންގެ ހުރިހާ ކަމަކާ ހަވާލުވީ މަންމަފަރާތު މުސްކުޅި މާމައެވެ. އެ މާމަގެ އުނގަށް އަންހެން ދެ ދަރިން އެއްލާލާފައި ދިޔަ ބައްޕަގެ ޚަބަރެއް އޭގެ ފަނަރަ އަހަރު ފަހުންވީ މަރުވެ ކަފުންކޮށްފައި އޮއްވައެވެ.
ރަށުން ކިޔަވައިގެން އައިސް މައިސާ އޭރު ދިޔައީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރަމުންނެވެ. ސަރާ އޭރު ފުރަތަމަ ޑިގްރީ ފުރިހަމަކޮށް ރަށަށް ބަދަލުވެ ވަޒީފާ އަދާކުރަމުން ދިޔައީ އަތޮޅު މަދަރުސާގައި ބަޔޮލޮޖީ ޓީޗަރަކަށެވެ. މާލޭގައި ކިޔަވަން އުޅެމުން ދޭތެރެދޭތެރެއިން ރަށަށް ޖައްސާލައި ދައްތައާ އެކުގައި ދުވަސްތައް ހޭދަކުރުން ވެފައި ވަނީ އޭރު މައިސާގެ ހަޔާތުގައި އޭނާ ކުރި އެންމެ އުފާވެރި ދަތުރަށެވެ. ނަމަވެސް އެ ދަތުރުގައި މޫސުމް ބަދަލުކޮށްލީ ސަރާގެ ހަޔާތުން ދައުވަތު ދިން އޭނާގެ ލޯބިވެރިޔާ ތައާރަފްކޮށްދިން ހިސާބުންނެވެ.
ސަރާގެ ލޯބިވެރިޔަކަށް ހެދީ އަބަދުވެސް މައިސާ އޭނާގެ ހިތުން ޖާގަ ދީގެން ހިތުލައިގެން އުޅުނު ކަރަންކާވިލާގެ ސޮބްރީއެވެ. އެ ދުވަހުން ފެށިގެން ސަރާގެ ހާލު ބެލުން އެހާ މުހިންމު ކަމަށް ނުވެ ރަށަށް ދިއުން ބޮޑު ފޫއްސަކަށް ބަދަލުވެއްޖެއެވެ.
ހީނަރުވެގެން ދިޔަ މި ގުޅުމަށް ހަތަރު އަހަރު ފަހުން މައިސާ އެނބުރި ރަށަށް ދިޔައީ ހައިލަމްއާ އިނދެގެންނެވެ. އެމީހުން ގޮސް ބައިވެރިވީ ހުއިފިލަނޑާނަގަން ގޮސް އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި މަރުވި ސޮބްރީގެ ޖަނާޒާގައެވެ. މައިސާ ގޮސް އޭނާގެ ދައްތަގެ ގައިގައި ބައްދައިގެން އޮތީ އެ ދެ މީހުންގެ ދެމެދަށް ދޫކޮށް ދިޔަ ހުރިހާ ހަސަދައެއް ހިތުން ފޮޅައި ލެޔާއި ލެއިން އަނެއްކާވެސް އެކުވެ އައުފެށުމަކުން ފެށުމަށް އަޒުމުކަނޑައަޅައިގެންނެވެ.
އޭގެ ފަހުން އައި ކޮންމެ އަހަރަކު ވެސް މައިސާ އާއި ހައިލަމްގެ ޗުއްޓީ އެ ދެ މީހުން ހޭދަކުރީ ސަރާއާ އެކު އެމީހުންގެ ނަލަނަލަ ވ. ތިނަދޫގައެވެ. އަދި މީގެ ފަސް އަހަރު ކުރިން ވީނުވީއެއް ނޭނގި ސަރާ ގެއްލުމާ ހަމަ އަށް އެ ޗުއްޓީ ދަތުރާއި މަޖާކުރުން ދެބެއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދިޔައެވެ. ސަރާ ގެއްލުނު ޚަބަރު މައިސާ އަށް ލިބުނީ ރަށުގައި އޭނާގެ ގޭގައި މަސް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށް އެނބުރި މާލެ އަށް ގޮސް އުޅެނިކޮށެވެ. އޭރު ހައިލަމް އާއި މައިސާއާ ދެމެދު ރޯވަމުންދިޔަ ހުޅުގަނޑު ފަޅައިގެން ގޮސް ހައިލަމް އޭނާ ވަރިކޮށް ގެއިން ނެރެލައިފިއެވެ. މައިސާ އިނީ އޭރު ބަލިވެއެވެ.
ހައިލަމް މައިސާ ވަރިކޮށް ގެއިން ނެރެ ބޭރުކޮށްލީ އޭނާގެ ބަނޑުގައި އޮތީ އެހެން މީހެއްގެ ދަރިއެއް ކަމަށް ބުނެއެވެ. ސަރާ އޭރު އިނދެގެން އުޅުނު އިސްހާގުގެ ދަރިއެއް ކަމަށް ބުނެއެވެ. ސަރާ ކިތަންމެ ދެކޮޅެއް ހެދިޔަސް ރައިހާންގެ ދެ ލޮލާއި މޫނުމަތީގައިވީ ބައްޓަމާއި ބޮލުގައި އޮތް ފަން އިސްތަށިގަނޑު ދެނީ ހައްތަހާ ވެސް ނުބައި މެސެޖުތަކެވެ.
މަސްގަނެގެން އައިސް އިސްހާގު ރިހިވިލާ އަށް ވަންއިރު ޖަމްބުގަހުގެ ހިޔަލުގައި ގޮނޑި އަޅައިގެން މައިސާ އިނީ ދަރިފުޅަށް ކާން ދޭށެވެ. މައިސާ ހިނިތުންވެ ބަލައިލުމުން އިސްހާގު އޭނާގެ އަލި މޫނާއިގެން ގޮސް އެތެރެއަށް ވަދެގަތެވެ. ބަދިގެ އަށް ވަދެ މަސްތައް ފްރިޖުކޮށްލުމަށް ފަހު ދެ އަތް ދޮވެލައިގެން ބޭރަށް ނުކުމެގެން އައި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ރެކްމަތީގައި ބަހައްޓާފައި ހުރި ސަރާގެ ފޮޓޯގަނޑެކެވެ.
އިސްހާގުގެ ދެ ފައި ކުއްލިއަކަށް ފިނިވެގަތެވެ. އޭނާ ބާރަކަށް ހިނގާފައި ގޮސް އަވަސްއަވަހަށް ނުކުމެގެން ހިނގައްޖެއެވެ. މައިސާ އާއި ރައިހާންއާ އަނގައިން ވެސް ނުބުނެއެވެ.
ދަރިފުޅަށް ކާންދީ ނިމިގެން މައިސާ އައިސް ގެއަށް ވަންއިރު ދައްތަގެ ފޮޓޯގަނޑު އޮތީ އަނެއްކާވެސް ބިންމައްޗަށް ވެއްޓި ތަޅައިގެންގޮސްފައެވެ. ހިތުގައި ސުވާލުތަކެއް އުފެދުނަސް ޖަވާބު ލިބެން ނެތް ސުވާލެކެވެ.
އެންމެފަހުން އެ ފޮޓޯގަނޑު ނަގައި އޭނާ ގުދަން ކޮޓަރި ތެރޭގައި ހުރި ފޮށިތަކެއްގެ ތެރެއަށް އެއްލައިލީއެވެ. އެކަން އެގޮތަށް ކުރެވުނު ސަބަބެއް މައިސާއަކަށް ވެސް ނޭނގެއެވެ. ފަހުން އަނެއްކާވެސް އެ ފޮޓޯގަނޑެއް ހޯދަން އޭނާ މުޅި އެތަން ހާވައި ބެލިއެވެ. ނަމަވެސް ދައްތަގެ އެ ހިނިތުންވުމުގެ ޚަބަރެއް ނުވިއެވެ.
ނަމަވެސް ނިދީގައި ބިރުވެރި ހުވަފެން ފެނުމާއި ކޮޓަރި ތެރެއިން އެއްޗެހިތައް ވެއްޓި ތަޅައިގެންދާ އަޑާއި ގަދަ ވައި ރޯޅިއާ އެކު ބާރުބާރަށް ދޮރުފަތްތައް ލެއްޕޭ އަޑާއި ކޮޓަރީގެ ކުޑަދޮރުތަކުގެ ބިއްލޫރީގައި ރެނދުލައި އަޑުގޮވާހެން ހީވެ ސިއްސަސިއްސައިގެން ގޮސް މެންދަމުގެ އެއް ވަގުތެއްގައި ހޭލެވުން އާންމު ކަމަކަށް ވެއްޖެއެވެ. ނުވަތަ އެއީ ހަޔާތުގެ ހަލަބޮލިކަމުގައި ތާށިވެ ފިތެމުންދާ އޭނާގެ ސިކުނޑި ދައްކާ އެއްވެސް ހަގީގަތެއް ނެތް މަންޒަރުތަކެކެވެ.
ހާސްވެގަތް ނޭވާ ހިފަހައްޓައިގެން ފުންމައިގެން ގޮސް މައިސާ އަށް ހޭލެވުނުއިރު މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވައިފައެވެ. ގައިގައި އަޅާފައި އޮތް ރަޖާގަނޑު އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އެވަގުތު ކޮޓަރި ތެރެއަށް ވެރިވެފައި އޮތް ފުސް އަނދިރިކަމާއި ގަދަ ފިނީގެ ހިމޭންކަމުގެ ތެރެއިން ހިޔަންޏެއް ދެމިގަނެގެން ގޮސް ކޮޓަރީގެ ކަނުގައި ބަހައްޓާފައި ހުރި ލޯގަނޑު ކުރިމަތީގައި ހުއްޓުނު މަންޒަރަށް މައިސާގެ މޫނު އެނބުރުނީ އެ ދިމާލަށެވެ.
މައިސާގެ ހިތް އަވަސްވެގަތެވެ. އޭރު ލޯގަނޑުކުރިމަތީގައި ހުއްޓި މައިސާ އަށް ފުރަގަސްދީގެން ހުރި މީހާގެ މޫނު ވަރަށް ރީއްޗަށް އެ ދިރޭ ރަހައިގެ ލޯގަނޑުން އޭނާ އަށް ފެނެއެވެ. އެއީ އޭނާގެ ދައްތަ ސަރާގެ މޫނެވެ. ފޮޓޯގަނޑުގައިވީ ހިނިތުންވުމެއް ނޫނެވެ. ޗިސްވެ ކުނިވެ ގިރިގެން ވިރެމުން ފައިބަމުން ދިޔަ ހުތުރު މޫނެކެވެ.
އެ ލޯގަނޑު ދައްކަމުން ދިޔަ ސަރާއާ ހަތަރު ކަޅި ހަމަވެ މައިސާގެ މުޅި ގައިން ކުއްލިއަކަށް ހީބިހި ނަގައިގަތެވެ. އެވަގުތު ސަރާގެ ދެ ލޯ ނިކަން ހުދު އައްޔަކުން ދިއްލި ކުނިކޮށްފައިވާ މޫނަކާ އެކު މައިސާއާ ދިމާލަށް އެނބުރުނެވެ. ކައިރީގައި ނިންދަވަން ބޭއްވި ދަރިފުޅު އެތަނުގައި ނެތްކަން މައިސާ އަށް އިހުސާސުވީ އެވަގުތެވެ. ރައިހާން އެ އޮތީ ހުދުކުލައިގެ ގަދަ އައްޔަކުން ދިއްލެމުން ދިޔަ ސަރާގެ އަތުތެރޭގައެވެ.
ބިރުކަނޑާލާފައި މައިސާ ފުންމައިގެން ދިޔައީ އޭނާގެ ދަރިފުޅު ސަލާމަތްކުރާށެވެ. ނަމަވެސް އެނބުރިގަތް ގަދަ ރޯޅިގަނޑަކާ އެކު ކޮޓަރި ތެރޭގައި ހުރި ބޮކިތަކާއި ބިއްލޫރިތައް ކުނޑިކޮށް މުޅިތަނަށް ބުރުވާލާފައި އެ ހިޔަންޏެއް ކުއްލިއަކަށް ގެއްލިއްޖެއެވެ.
އޭގެ ފަހުން މިއަދަށް މިއީ ބަރާބަރު ތިން މަހެވެ. ރައިހާން އަދިވެސް ނުފެނެއެވެ. އޭނާ އަށް ވީގޮތެއް އެނގޭ ހަމަ އެކަކު ވެސް ރަށުގައި ނެތެވެ. އެކަމަކު އިސްހާގު ގަބޫލުކުރަނީ މިހެންނެވެ. ރައިހާން ވެސް ޖަހައިގެން އެ ގެންދިޔައީ އޭނާގެ އަންހެނުން ސަރާ ވެސް ޖަހައިގެން ގެންދިޔަ ނުބައި ރޫހެވެ. ނުވަތަ އެއީ އިސްހާގާއި މައިސާ މި ގޭގައި ހިންގި މުޑުދާރު އަމަލުގެ ބަދަލުހިފަން އައި ސަރާގެ ރޫހެވެ. ސަބަބަކީ ސަރާގެ ފުރާނަ ޖަހައިގަތް އެހެން ފުރޭތައެއް އިސްހާގު ފިޔަވައި މި އުޑުދަށުގައި ނެތީމައެވެ.
މިގޭގެ ބޮޑު ކޮޓަރީގައި ޖަހާފައި އެވާ ޕާކޭ އާއި އެ ޕާކޭގެ ދަށުގައި އަޅާފައި އޮތް ކޮންކްރީޓު ތަޅުންގަނޑުގެ ފަސް ފޫޓު އަޑީގައި އިސްހާގު އޭނާގެ އަންހެނުންގެ ހަށިގަނޑު ވަޅުލީ މައިސާއާ އެކު ކުޅުނު ލޯބީގެ ކުޅިގަނޑު ނިމި އޭނާ ފުރައިގެން ގޮސް އެ ކުޅިގަނޑެއް އެންމެފަހުން ބޭޒާރުވެ ފަޅައިގެންދިޔަ ހިސާބުންނެވެ. ނަމަވެސް ސަރާ އާއި އިސްހާގާ ދެމެދު ހިނގި އެ ޒުވާބަށް ފަހު އިސްހާގުގެ އެ މުޑުދާރު ސިއްރު އޭނާގެ މުޑުދާރު ދެ އަތުން ވަޅުލައި ފޮރުވީއެވެ.
އަދި މި ހަގީގަތް އެއްވެސް މީހަކަށް އެނގެން އޭނާ ބޭނުމެއް ނުވެއެވެ. ވަކިން ހާއްސަކޮށް މައިސާ އާއި އޭނާގެ ގުޅުމުގައި އަނެއްކާވެސް ލޯބީގެ މޫލައި ކުރި ފަޅަން ފަށާފައިވާއިރު އިސްހާގު މިހާރު އެހެރީ ކިތަންމެ ބޮޑު ގުރުބާނީއެއް ވާން ޖެހުނަސް އެކަމަށް ތައްޔާރަށެވެ.