ހިޔާގެ 11 ވަނަ ޓަވަރުން ކުލި ބަލައިގަންނާނެ: އެޗްޑީސީ
ހިޔާގެ 11 ވަނަ ޓަވަރުން ކުލި ބަލައިގަންނާނެ: އެޗްޑީސީ

މި މަހުން ފެށިގެން ދައްކަން ޖެހޭ ހިޔާ ފްލެޓްތަކުގެ ކުލި، ހިޔާގެ 11 ވަނަ ޓަވަރުން ބަލައިގަންނާނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓަށް ކުލި ދެއްކުމުގެ އިންތިޒާމް މިއަދުން ފެށިގެން ހިޔާގެ 11 ވަނަ ޓަވަރުގެ މެނޭޖްމަންޓް އޮފީހުން ހަމަޖައްސާފައިވާ ކަމަށެވެ.

ހުކުރާއި ހޮނިހިރު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އަށް ފައިސާ ބަލައިގަންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ފައިސާ ބަލައިގަންނާނީ ކާޑު ނުވަތަ ޗެކުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ވަނީ ކުލި ދެއްކުމަށް އެ ކުންފުނީގެ ހެޑް އޮފީހުގައި ހާއްސަ ކައުންޓަރެއް ވެސް ބަހައްޓައިފަ އެވެ. އޭގެ އިތުރު އެޗްޑީސީގެ ވެބް ޕޯޓަލް މެދުވެރިކޮށް ވެސް ކުލި ދެއްކޭ ގޮތް ވަނީ ހަމަޖައްސައިދީފަ އެވެ.

ހިޔާ ފްލެޓުން ކުލި ނަގަން ނިންމާފައި ވަނީ އެ ފްލެޓްތައް ދޫކުރިތާ ހަތް މަސް ފަހުންނެވެ. ނަމަވެސް މި މަހު ކުލި ނަގަން ފެށުން މައްސަލައެއްގެ ގޮތުގައި އަޑު އުފުލައި ކުލި ނުދައްކަން ހިޔާ ޔޫނިއަނުން ވަނީ ގޮވާލައިފަ އެވެ.

ކުލި ނެގުން ފަސް ކުރުމުގެ އިތުރުން ކުލި ކުޑަ ކުރަން ވެސް ޔޫނިއަނުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އެޗްޑީސީން ވަނީ އެ ދެކަންތައް ވެސް އިތުރަށް ނުކުރަން ނިންމާފަ އެވެ.

މިހާރު 3،000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެމުން އަންނަ ހިޔާ ފްލެޓްތަކުން މަހު ކުއްޔެއް ގޮތުގައި ނަގާނީ 7،500ރ. އެވެ. އަދި ސާވިސް ފީއާއެކު ޖުމުލަ 8،500ރ. ދައްކަން ޖެހެ އެވެ.