13 އެޕްރީލް 2022 - 14:26

ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީގެ ވޯޓާސް ލިސްޓު ނެރުނީ ސައްހަކޮށްފައި ކަމަށާއި އޭގައި ތިބީ އުސޫލުގެ ތެރެއިން އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި މެމްބަރުން ކަމަށް ޗެއާޕާސަންގެ ނައިބު އަދި މެމްބަޝިޕް ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް (ނިޔާ) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެމްގެ 20,000 މެމްބަރުން އެބަތިބި ކަމަށާއި މިއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ވެސް ޕީޕީއެމަށް ނުފޫޒު ފޯރުވޭ އަދަދެއް ކަމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެފައިވެ އެވެ.
އޭނާގެ ކަންބޮޑުވުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ޕީޕީއެމަށް ނުފޫޒު ފޯރުވި، ގައުމީ އިންތިހާބުތަކަށް އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓު ނިންމުމުގެ ބާރު ލިބޭ ވަރަށް ދަފްތަރުގެ ސައްހަކަން ކަށަވަރު ނުކުރެވި އޮތުމެވެ.
އެމްޑީޕީ މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ހުޅުމާލެ ދާއިރާގެ މެމްބަރު ނިޔާ ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބަށް ލިސްޓު އާއްމުކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ލިސްޓާ އަޅާކިޔައި އެހެން ޕާޓީއެއްގެ މެމްބަރެއްތޯ ބަލާފައިވާ ކަމަށެވެ. އަދި ލިސްޓު ފައިނަލްކޮށް ނެރުނީ ޝަކުވާ ހުށަހަޅަން ވެސް ފުރުސަތު ދީފައި ކަން ފާހަގަކުރެއްވި އެވެ.
އޭގެ ކުރިން އަދި ފަހުން ވެސް އެހެން ޕާޓީއެއްގެ މެމްބަރަކަސް އެމްޑީޕީގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮވެ އެވެ. އެ ޕާޓީއަށް ވަދެއްޖެ ނަމަ އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނުނަސް އެ މީހަކަށް ވޯޓުލުމުގެ ފުރުސަތު ވެސް ލިބެ އެވެ.
އެމްޑީޕީ ވެސް ހިމެނޭ ގޮތުން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލަނީ އެ ޕާޓީއަކުން ބަލަހައްޓާ ދަފްތަރަށެވެ.
އެމްޑީޕީން ބަލަހައްޓާ ދަފްތަރުގައި 94،000 އަށް ވުރެ ގިނަ މީހުން ތިއްބަސް އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ އެންމެ ފަހުން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން 54،782 މީހުންނެވެ.
"އަޅުގަނޑުމެން ވޯޓުލުމަށް މި އޮންނަ ގޮތަކީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ބަލައިގަންނަ ހިސާބުން އެ ދަފްތަރަށް މި ބަލަނީ. އަދި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު އަޕްޑޭޓްނުވެ އެ ދޭތެރޭގައި ވެސް މީހަކު އެމްޑީޕީއަށް ވަދެފައި ހުރެދާނެ. އެކަމަކު އަޅުގަނޑުމެން ޝަކުވާ ހުށަހަޅަން ހުޅުވާލަން," ނިޔާ ވިދާޅުވި އެވެ.
"އެމްޑީޕީގެ ދަފްތަރުގައި އޮތް އަދަދަކީ މި ޕާޓީގައި ރަޖިސްޓްރީވެފައި ތިބި މެމްބަރުން,"