14 އެޕްރީލް 2022 - 07:37

މަޝްހޫރު ވާހަކަ ފްރެންޗައިޒް "ޕާސީ ޖެކްސަން" އަށް ބިނާކޮށް އުފައްދާ ލައިވް އެކްޝަން ސީރީޒްގެ ލީޑް ރޯލަށް އެކްޓަރެއް ހަމަޖައްސައިފި އެވެ.
"ޕާސީ ޖެކްސަން އެންޑް ދަ އޮލިމްޕިއަންސް"ގެ ރޯލަށް ކާސްޓުކޮށްފައި ވަނީ އެމެރިކާގެ ކުޑަކުއްޖެއް ކަމަށްވާ، ވޯކާ ސްކޯބެލް އެވެ. ވޯކާ ސްކޯބެލް އަކީ މި ފަހުން ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އެކްޓަރެކެވެ. ނެޓްފްލިކްސް އިން މިދިޔަ މަހުގައި ނެރުނު ސައިފައި ފިލްމު "އެޑަމް ޕްރޮޖެކްޓް"ގައި ރާޔަން ރެނޯލްޑްސްއާ އެކު ވޯކާ ފެނިފައިވެ އެވެ.
ޕާސީ ޖެކްސަންގެ ލައިވް އެކްޝަން ސީރީޒްއެއް އުފެއްދުމަށް ނިންމާފައި ވަނީ ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ ޕްލަސް އިންނެވެ. އެއީ ޑިޒްނީން އުފައްދާ ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ ޝޯއެކެވެ.
ޕާސީ ޖެކްސަންގެ ސީރިޒަށް ބިނާކޮށް މީގެ ކުރީން ވަނީ ދެ ފިލްމެއް ނެރެފަ އެވެ. އެއީ 2010 ވަނަ އަހަރު ނެރުނު "ލައިޓްނިން ތީފް" އާއި 2013 ގައި ނެރުނު "ސީ އޮފް މޮންސްޓާސް" އެވެ. އެ ދެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ކޮންމެ ވެސް ވަރެއްގެ ކާމިޔާބެއް ލިބުނު އިރު، އޯޑިއަންސްގެ މެދުގައި ކަމުދާ ފިލްމުތަކަކަށް ނުވި އެވެ.
އެ ފިލްމުތަކުގެ އެންމެ ބޮޑު މައްސަލައަކަށްވީ ފިލްމުގެ ކެރެކްޓާސް އުމުރު ބޮޑުކޮށްފައި ހުރުމެވެ. އެއާ ހިލާފަށް ޕާސި ޖެކްސަން ސީރީޒްގައި ކެރެކްޓާސްގެ އުމުރު ހުންނާނީ ވާހަކައިގެ އުމުރާ އެއް ވަރެއްގަ އެވެ.