13 އެޕްރީލް 2022 - 11:11

ރޯދަމަސް ފެށުމުގެ ކުރިން ދިނުމަށް ގާނޫނުން ލާޒިމުކުރާ ރޯދަ އިނާޔަތް، އެފްއޭއެމްގެ މުވައްޒަފުންނަށް މިދިޔަ ހަފުތާގައި ދީފި އެވެ.
ރޯދަ މަސް ފެށުނު އިރު ވެސް ރޯދަ އިނާޔަތް ނުލިބިގެން ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ރޯދަ އިނާޔަތް މިދިޔަ ހަފުތާގައި ދިން ކަމަށް އެފްއޭއެމްގެ މުވައްޒަފަކު "މިހާރު" އަށް ޔަގީންކޮށްދިނެވެ. ނަމަވެސް އަދިވެސް ފެބްރުއަރީ އަދި މާޗު މަހުގެ މުސާރަ ނުދޭ ކަމަށް އޭނާ ބުންޏެވެ. ރޯދަ އިނާޔަތް ދިނުން ލަސްވުމުން ޝަކުވާކުރި އެފްއޭއެމްގެ އެހެން މުވައްޒަފަކު "މިހާރު" އަށް ކުރިން ބުނެފައި ވަނީ މި އަހަރު މުސާރަ ދީފައި ވަނީ ޖެނުއަރީ މަހު އެކަނި ކަމަށެވެ.
މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް އެފްއޭއެމަށް ވަނީ ކުރިމަތިވެފަ އެވެ. ބައެއް ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދީފައެއް ނުވެ އެވެ. އޭއެފްސީ ކަޕް ކޮލިފައިން މެޗަށް ބަންގްލަދޭޝް އަށް ވެލެންސިއާ ދަތުރު ނުކުރީ އެ ކްލަބްގައި ހޮޓަލުގެ ހަރަދަށް ދޭނެ ފައިސާ އާއި ބިދޭސީ ކުޅުންތެރިންގެ ވިސާ ފީ އަށް ދޭން ޖެހޭ ފައިސާ ވެސް ނެތުމުންނެވެ. އެފްއޭއެމުން ވެލެންސިއާ އަށް ވެސް ފައިސާ ދީފައި ނުވާ ކަމަށް އެ ކްލަބުގެ އޮފީޝަލަކު ބުންޏެވެ.
ކްލަބުތަކަށާއި ރެފްރީންނަށް ވެސް މުސާރަ ނުދޭ މައްސަލަ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކުގެ ކޮންޓްރެކްޓް ގަވާއިދާ ހިލާފަށް ބާތިލުކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އޭނާ އަށް 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން މައްސަލަ ބެލި ފީފާގެ ޓްރައިބިއުނަލް އިން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ.
އެ ފައިސާ 45 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ފީފާ އިން އެފްއޭއެމަށް ދޭން ޖެހޭ ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން ޕަސަންޓެއް އުނިކުރާނެ އެވެ. އެއީ އެ ފައިސާ އިން ރެނޭ އަށް ބަދަލު ދިނުމުގެ ގޮތުންނެވެ.