13 އެޕްރީލް 2022 - 11:32

މާރުކޮށް ދިއްކޮށްލި ބާކީ އަތުނުލައި ޖާވިދު އޭނާގެ ބޮލާއި އަތުން ބަންގްލަދޭޝްގެ މީހާ އަށް އިޝާރާތްކޮށް އެންގީ އެ 50ރ. އޭނާގެ އަތުގައި ބޭއްވުމަށެވެ. ބަންގްލަދޭޝް މީހާ އަދަބުވެރިކަމާ އެކު ހިނިތުންވެ ޝުކުރުއަދާކުރުމަށް ފަހު ވޮލެޓް ޖީބަށް ލައި ފިހިގަނޑެއް ނަގައިގެން އައިސް އިސްތަށިތައް އެއްތަނަކަށް ޖަމާކޮށް ސެލޫންގެ ތަޅުންގަނޑު ސާފުކުރަން ފަށައިފި އެވެ. ޖާވިދު ގޮނޑިން ފައިބައިގެން ގޮސް ހުއްޓުނީ ފަހަތުގައި، ފާރުގައި ހަރުކޮށްފައި ހުރި ދިގު ލޯގަނޑުގެ ކުރިމަތީގައެވެ.
ހިސާބަކަށް ނުރަވެފައިވާ ކޮށި ތުނބުޅީގެ ތެރެއިން އިނގިލިތައް ދުއްވަމުން ގޮސް ކަންހުޅިއާ ދިމާލުން އަރައިގެން ގޮސް ބޮލުގައި އޮތް ފަން އިސްތަށިގަނޑު ދެ އަތުން ކަހައި ރީތިކޮށްލުމަށް ފަހު ލޯގަނޑު ތެރެއިން ޖާވިދުއާ ދިމާލަށް ބަލަހައްޓައިގެން ހުރި އަމިއްލަ ދިރޭ ތަސްވީރާ ހަތަރުކަޅި ހަމަކޮށްލިއެވެ. ބޮލުގެ ދެއަރިމަތިން ގޮސް ފަހަތަށް ފޭޑްކޮށްލާފައި އޮތް އިސްތަށިގަނޑުގެ ސްޓައިލާއެކު އެ ލޯގަނޑު ޖާވިދުގެ ނޫކަށިފުރައިގެ ސިފައެއް ކުލަކޮށް ލޯކުރިމަތީގައި ކުރަހަމުން ދިރުވަމުން ގެންދިޔަ ކަހަލައެވެ.
އިރުކޮޅެއް ވަންދެން އެގޮތަށް ފަރިބަލަން އިނދެފައި، ލައިގެން ހުރި ޓީޝާޓުން ލޮލުގައި އަޅައިގަތް އިސްތަށިތަކެއް ފޮޅާލުމަށް ފަހު ޖީބުން ނެގި އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލުމާ އެކު ޖާވިދު ބޭރަށް ނުކުމެ ހިނގައިގަތެވެ. މި މަންޒަރެއް ބަލަން ދުރުގައި މަޑުކޮށްލައިގެން ހުރި ދެބައި އުމުރުގެ ފިރިހެން މީހާ ޖާވިދު އަށް އޭރު އިންތިޒާރުކުރަމުން ގެންދިޔަ ކަހަލައެވެ. ބޮމުން ގެންދިޔަ ސިނގިރޭޓް އަވަސްއަވަހަށް ހުސްކޮށް ކާނުތެރެއަށް އެއްލާލިއެވެ. އަދި ޖާވިދުގެ ފަސްފަހަތުން މަޑުމަޑުން ހިނގައިގަތެވެ. މީހަކަށް ޝައްކެއްނުވާނެ ވަރަށް ހަމަޖެހިލައިގެންނެވެ.
ގޯޅިތަކަށް އަޅަމުން ގޮސް ޖާވިދު ވަނީ ޗައިނާ ފްލެޓަކަށެވެ. ސިޑިން މައްޗަށް އަރައިގެން ގޮސް އޭނާ ގެއްލުމުން ދެބައިއުމުރުގެ ފިރިހެން މީހާ އެހެން ދިމާލަކަށް ގޮސް ގޯޅި އަޅައި ގެއްލިއްޖެއެވެ.
ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު ޖާވިދުގެ ލޮލުގައި އަޅައިގަތީ މެޝިނުން ދޮވެ ނިމުނު އަންނައުނުތައް ވަށިގަނޑަށް އަޅަން ގުދުވެލައިގެން އޮތް ޒާޔާގެ ޒުވާން ބުރުސޫރައެވެ. އޭނާގެ ކުރު ސޯޓުބުރި އާއި ކްރޮޕް ޓޮޕުން ފާޅުވަމުންދިޔަ ކިއްސަރަށް ގެއްލިފައި ހުރި ޖާވިދުގެ އިހުސާސް ޒާޔާ އަށް ކުއްލިއަކަށްވީ އޭނާގެ އަތުން ދޫވެގެން ދިޔަ ދޮރުފަތް ލެއްޕުނު އަޑަށެވެ.
ޒާޔާ އެނބުރި ބަލައި އީވެ އާތްވެގަތެވެ. ޖާވިދު ހާސްވެ ތެޅިގަތެވެ. އަދި ނޫން ކަމަކަށް ހެދި އިސްދަށަށް ޖަހައި ކުރު ފިޔަވަޅުތަކެއްގައި ގޮސް އޭނާ ތެޅިގަތީ ކޮޓަރީގެ ދޮރު ހުޅުވުމަށެވެ. ދޮރުގައި ތަޅުލާފައި ހުރިކަން ކުއްލިއަކަށް އިހުސާސުވެ ރަކިވެ ޖީބުން ތަޅުދަނޑިފަތިއެއް ނަގައި ހޮރަށް ދެމިގަތުމަށް ޖާވިދު އަވަސްވެގަތެވެ. ރަނގަޅު ތަޅުދަނޑިއާ ދިމާނުވެ ތަޅުދަނޑިފަތި ބިންމައްޗަށް ވެއްޓިގެން ގޮސް ޖެހުނު ވަގުތު އިވުނު ޒާޔާގެ ކުރު ހިނިގަނޑާއެކު ޖާވިދު އެނބުރި އެ މޫނަށް ބަލައިލިއެވެ. ފުރާވަރުގެ އެ މޫނުމަތިން ވިދައި ބަބުޅަމުން ދިޔަ ކުލަވަރާއި ޒާޔާގެ އެ ހުރިހާ ހަރަކާތެއް ޖާވިދު އަށް ދައުވަތެއް ދެމުން ގެންދިޔަ ކަހަލައެވެ.
އެ މޫނަށް ބަލަން ހުރެފައި ކޮޓަރީގެ ތަޅަށް ކޮށްޕައި އަނބުރާލި ތަޅުދަނޑިއާ އެކު ކުއްލިއަކަށް ދޮރު ހުޅުވައި ތަޅުދަނޑި ދަމައިގަނެގެން ޖާވިދު އެތެރެއަށް ވަދެއްޖެއެވެ. ނަމަވެސް ދޮރު ލެއްޕުމުގެ ކުރިން އައިސް އެ ދޮރުފަތުގައި އަތްއަޅައި އެތެރެއަށް ކޮށްޕާލީ ޒާޔާއެވެ.
ސޯޅަ އަހަރުގެ އެ އަންހެން ކުއްޖާއާ ހަތަރު ކަޅި ހަމަވެ ގަތްލަދާއެކު ޖާވިދު ކުއްލިއަކަށް ދޮރު ލައްޕައި ތަޅުލައިފިއެވެ. ނުވަތަ އަނެއްކާވެސް ބަސްޓުވެދާނެތީ ޖާވިދު ބިރުގަންނަނީއެވެ.
ޒާޔާ އަކީ އުމުރު ހަމަނުވާ ކުޑަކުއްޖެކެވެ. އެކަމަކު އުމުރަށް ވުރެ ދޮށިވެގަނެގެން އުޅޭ ހިތްވާ ކަހަލަ މޮޔަ ހިތެކެވެ. ޖާވިދުގެ ވެސް އޮތީ އެކަހަލަ ހިތެކެވެ. މައުސޫމުކަމެއް އެ ހިތުގައި ނެތަސް އުމުރަށް ވުރެ ޒުވާން ނުލަފާ ހިތެކެވެ. ނަމަވެސް މާޒީވެ ގޮސްފައިވާ ދުވަސްތަކެއްގެ ތެރެއަށް އެނބުރިދާން ބޭނުން ނުވާ ހިތެކެވެ.
ފެންވަރައި ރީތިވެގެން ޖާވިދު އަނެއްކާވެސް ނުކުމެގެން ދިޔައީ ބޭރަށެވެ. އޭނާ އަކީ ޗެސް ޗެމްޕިއަނެކެވެ. އެންމެ ރަނގަޅުވާނީ ކުރީގެ ޗެސް ޗެމްޕިއަނެކޭ ބުނިއްޔާއެވެ. ޒުވާން އުމުރުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. ނަމަވެސް އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. މިއަދު އޭނާ އަކީ އެއްވެސް މީހެއް ނޫނެވެ. އަމުދަކުން ޗެމްޕިއަނެއް ނޫނެވެ. އެކަމަކު އަދިވެސް ރާޒުވާގެ ކުޅިބައި ހިތަށް ލައިގެން އުޅޭ މުސާފިރެކެވެ.
ޖާވިދު ގޮސް ޖައްސާލީ ޒުވާނުންގެ މަރުކަޒުގެ ތެރޭގައި ރާޒުވާ ކުޅެން ތިބި ޒުވާން ކުދިންތަކެއްގެ ކައިރީގައެވެ. މިއީ އޭނާ ހިންގާ ކްލާހުގައި ތަމްރީންހަދަމުން އަންނަ ދެ ކުދިންނެވެ. ސޯޅަ އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އެ ދެ ކުދިން ކުޅެމުން ދިޔަ ކުޅިގަނޑު ސައިވެ ނިމުމުން މޮޅުވި ކުއްޖާގެ ބޮލުގައި އޮތް އިސްތަށިގަނޑު ހާވާލާފައި ގޮސް ޖާވިދު ދެން މަޑުކޮށްލީ ރާޒުވާގެ އެހެން ކުޅިގަނޑަކަށް ފިކުރު ހުސްކޮށްލައިގެން ތިބި ފުރާވަރުގެ އެހެން ދެ ކުއްޖެއް ކައިރިއަށެވެ. މިއީ ސޯޅަ އަހަރުގެ ދެ އަންހެން ކުދިންނެވެ.
އެ ދެ ކުދިން ކުޅެމުން ދިޔަ ކުޅިގަނޑު ނިމުމުން ކޮފީތައްޓެއް ގިރާލައިގެން އައިސް ޒުވާނުންގެ މަރުކަޒުގެ މި ހޯލުގައި ޖާވިދު އަށް ހާއްސަ ގޮނޑީގައި ގޮސް އޭނާ އިށީންއިރު އޭނާގެ ހުރިހާ ދަރިވަރުން ވެސް ތިބީ އާދައިގެ މަތިން ޗެމްޕިއަނެއްގެ ތަޖުރިބާ އާއި ބުއްދިވެރި އުކުޅުތަކުގެ ވާހަކަ އަޑުއަހަން ޝައުގުވެރިވެ ކެތްމަދުވެފައެވެ.
ކްލާސް ނިންމާލާފައި ޖާވިދު އޭނާގެ ރާޒުވާ ބޯޑު ހިފައިގެން ނުކުތް މަންޒަރު ބަލަން ބަސް ސްޓޮޕެއްގެ ހިޔަލުގައި މަޑުކޮށްލައިގެން އިނީ އެއްކަލަ ދެބައި އުމުރުގެ ފިރިހެން މީހާއެވެ. ޖާވިދު މަގުހުރަސްކޮށް އަނެއް ފަޅިއަށް އަރައި ހިނގައިގަތުމުން އެ މީހާ އެތަނުން ތެދުވެ ޖާވިދުއާ އެއްވަރަކަށް ހިނގައިގަތެވެ. އެކަމަކު މަގުގެ އަނެއްފަޅިންނެވެ.
ޖާވިދު އަށް ފާރަލަމުން ބޮލުގައި އޮތް ތޮފީގެ ދޫގަނޑުން މޫނު ނިވައިކުރަމުން މާ ނޫން ކަމަކަށް ހެދިގެން ކުރިއަށް ދަނިކޮށް ޕާކްކޮށްލާފައި އޮތް އުޅަނދަކުން ނިވައިވެ މި މީހާ އަށް ކުއްލިއަކަށް އޭނާގެ އަމާޒު ގެއްލިއްޖެއެވެ. ޖާވިދު ދިޔަ ދިމާލެއް ނޭނގި އޭނާ ކުއްލިއަކަށް ގެއްލުމުން މި މީހާ އަވަސް އަވަހަށް ގޮސް އެރީ މަގުގެ އެ ފަޅިއަށެވެ. އެ މަންޒަރު ބަލަން ޖާވިދު އޭރު ގަހެއްގެ ނިވަލުގައި ހުރެފައި ޖެހިގެން އޮތް ގޯޅިއަށް ކުއްލިއަކަށް އަޅައި ގެއްލިއްޖެއެވެ.
ދޮރު ހުޅުވާލާފައި ގޮސް ޖާވިދު އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ވަންއިރު ސޯފާގައި އޭނާއާ ދިމާލަށް ކަޅިއަޅައިގެން އިނީ ޒުހުރީއެވެ. އެއީ ޖާވިދު އަށް މި އެޕާޓްމަންޓުން އެއް ކޮޓަރި ކުއްޔަށް ދީގެން އުޅޭ މިތަނުގެ ވެރި މީހާއެވެ. އަދި އޭނާ ކައިރީގައި އެ އިން ޒާޔާގެ ބައްޕައެވެ. ސޯފާގައި ޒާޔާގެ މަންމަ ދިޔާނާ ވެސް އިނެވެ.
މި ތިން މީހުންގެ ކަޅި އެއްފަހަރާ އަމާޒުވެ ޖާވިދު ހުއްޓުމަކަށް އައުމުން ދިޔާނާ އެތަނުން ތެދުވެ އޭނާގެ އަންހެން ދަރިފުޅު ގޮވައިގެން ގޮސް އެމީހުންގެ ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ދޮރުފަތް ޖަހައި ދެން ވާން އުޅޭ ގޮތުގެ އިންޒާރެއް ހޮނުގުގުރިއެއްހެން މުޅި ގޭތެރެއަށް ފޮނުވާލިއެވެ.
ސޯފާގައި އިން ޒުހުރީ ތެދުވިގެން އައިސް ޖާވިދު ކައިރިއަށް މަޑުކޮށްލުމުން އޭނާގެ އަތް ތުރުތުރުއަޅައި ރާޒުވާ ބޯޑު ތެރޭގައިވީ ފުއްތައް ވެސް ބިރުން ތެޅިގަތެވެ. ޒުހުރީގެ ނޭވާގައިވީ ހޫނުކަން އޭރު ޖާވިދަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެ ހޫނުކަން ދެން އައިސް ބިންދާލީ ކަންކަށި މައްޗަށެވެ.
އެ ހޫނު އެތިފަހަރާއެކު ޖާވިދު އޭނާގެ ހުރިހާ ސާމާނަކާއި އާލާތްތަކެއް ދަބަހަށް ލައިގެން ޒުހުރީގެ އެޕާޓްމަންޓުން ނުކުމެގެންދިޔައީއެވެ. އެއަށް ފަހު ހަފުތާއެއް ވަންދެން އޭނާ ނިދީ ޒުވާނުންގެ މަރުކަޒުގައެވެ. އޭގެ ހަފުތާއެއްހާ ފަހުން އަނެއްކާވެސް ކުލި ދައްކާ ކޮޓަރިއެއްގައެވެ.
މިފަހަރު އޭނާގެ ކޮޓަރިއަކީ ވަކިން ގޮސް ވަދެވޭ ގޮތަށް، އިމާރާތުގެ ވެރިޔާގެ އާއިލާ ނުވަތަ އިތުރު އެހެން ބައެއްގެ ލޮލަށް ވެސް ނުފެނި އުޅެވޭ ކަހަލަ އެކަހެރި މާހައުލެކެވެ. ކިތަންމެ ބަލަސް އަދި މުޑުދާރުވެފައި އެތަން ކިތަންމެ ކުޑަޔަސް ޖާވިދުގެ ހިތަށް ވުރެން އެތަން ހުރިހާ ގޮތަކުން ވެސް ބޮޑެވެ.
ދަބަސްގަނޑު ހިފައިގެން ގޮސް އެ ކޮޓަރީގެ މުޑުދާރުކަމަށް ވަދެ ހުއްޓުމާ އެކު އޭނާގެ ހިޔާލުގައި ތޮރުފައިގަތީ ޗެމްޕިއަނެއްގެ ގޮތުގައިވީއިރު އޭނާ އުޅުނު ދިރިއުޅުމެވެ. އޭނާގެ ކިބައިގައިވީ ތަނަވަސްކަމާއި އެކުގައި އަބަދުވެސްވީ މީހުންނާއި އެ މީހުން އޮއްސި ތައުރީފުގެ ބަސްތަކެވެ. ވަކިން ހާއްސަކޮށް ބައްޕަގެ ހަނދާންތަކެވެ. އަދި އެ ހުރިހާ ލޯތްބަކާއި ތަނަވަސްކަމެއް މުށު ތެރެއިން ދެމިގެން ދިޔަގޮތެވެ.
ޖާވިދުގެ ބައްޕަ އަކީ މުއްސަނދި ބޮޑު ވިޔަފާރިވެރިއެއް ނޫނެވެ. އެކަމަކު ވެސް މާލޭގައި ގެދޮރުހުރި މުއްސަންޖެކެވެ. އަދި އެއަށް ވުރެ ބޮޑަށް ޖާވިދު އަބަދުވެސް ބޭނުންވި ކުޅިވަރުގެ މައިދާނުގައި އޭނާ އަށް ހިތްވަރުދީ މަގު ދައްކައިދިން އެންމެ ބޮޑު ޗެމްޕިއަނެވެ. ނަމަވެސް ހަޔާތުގެ އެ ދަތުރުގައި މަގުއޮޅި އެ ޗެމްޕިއަނުގެ ދެ އަތް ކިލަނބުވެ މުޑުދާރުވި ހިސާބުން ބައްޕަ އާއި ޖާވިދުއާ ދެމެދު އޮތް އެ ގުޅުން އަބަދުގެ އަބަދަށް ކެނޑިގެން ދިޔައީ އެވެ. މާލުންކަނޑައި އާއިލާއިން ވެސް އޭނާ ބޭރުކޮށްލީއެވެ. އެއަށް ފަހު ޖާވިދުގެ ހިތުގައި އެންމެ ޖެހުނު ކަމަށްވީ އަބަދުވެސް އޭނާގެ ކާމިޔާބީ އަށް ހަސަދަވެރިވި އެއްބަނޑު އެއްބަފާ ބޭބެ އަށް ބައްޕަގެ އެ ހުރިހާ ލޯތްބާއި އިތުބާރާއި މުދައުވެރިކަމެއް ވެސް ހިބައިން ހިބަކޮށްދިން ދިނުމެވެ.
އެ ދުވަހުން ފެށިގެން ޖާވިދު މަގުމަތިވީއެވެ. އެކަމަކު މަގުމަތީގައި އޭނާ މީހެއްގެ ޝިކާރަ އަށް ހުށަހެޅިދާނެ ކަމަކަށް ދުވަހަކުވެސް ގަބޫލުކުރެވިފައެއް ނެތެވެ.
"އެހެންވީމަ އަހަރެންގެ ފަހަތުން މި އަންނަނީ ކާކު ހެއްޔެވެ؟ އަހަރެންގެ ބައްޕަ މި ދުނިޔެއަކު ނެތެވެ. އެހެންވީމަ އަހަރެންގެ ފަސްފަހަށް ބަލަމުން މި އަންނަނީ މި ދުނިޔޭގައި އަހަންނަށް ކޮން އަނިޔާއެއް ދޭން ބޭނުންވެގެން އުޅޭ ކާކު ހެއްޔެވެ؟"
ޖާވިދުގެ ފަހަތުގައި އޭނާ އަށް ފާރަލަމުން ދިޔަ މީހާ އަށް ހުށިޔާރުވަމުން ކުރިއަށް ހިނގަމުން ދިޔައިރު ޖާވިދުގެ ހިތަށް އަރައި ފައިބަމުންދިޔަ ސުވާލާއި ހިޔާލަކީ މިއެވެ.
ގޯޅިތަކަށް އަޅަމުން ގޮސް ޖާވިދު މަޑުކޮށްލީ އޭނާ ދިރިއުޅޭ އެކަހެރި ކޮޓަރިއަށް ވަންނަ ހަނި ގޯޅިގަނޑުގެ ބޭރުގައެވެ. އޭރު ފަހަތުން އައި މީހާ ޖެހިގެން އޮތް ބްލޮކްގެ ޕޭވްމަންޓްގައި މަޑުކޮށްލައިގެން އިން މަންޒަރު ފެނެއެވެ. ޖާވިދު އޭނާގެ ކޮޓަރިއަށް ދިއުމަށް ގޯޅިގަނޑު ތެރެއަށް ވަދެގެން އެތެރެއަށް ހިނގައިގަތުމާއެކު ދުރުގައި މަޑުކޮށްލައިގެން ހުރި މީހާ މި ގޯޅިގަނޑާ ދިމާލަށް ހިނގައިގަތެވެ.
ޖާވިދު ގޮސް މަޑުކޮށްލީ އޭނާގެ ކޮޓަރިއަށް ނުވަދެ ކޮޓަރީގެ ބޭރުގައިވީ ގަހެއްގެ ނިވަލުގައެވެ. އިރުއޮއްސި އަނދިރިވެފައި އޮތުމުން ގޯޅިގަނޑުގެ ތެރޭގައި ޖާވިދު ފިލައި ހުރިއިރު އޭނާގެ އެއްވެސް ހިލަމެއް މިހާރަކު އެތަނުގައި ނުވެއެވެ.
ޖާވިދުގެ ފަސްފަހަށް ބަލަމުން އައި މީހާ މި ގޯޅިގަނޑުގެ ތެރެއަށް ވަދެގެން ގޮސް ޖާވިދު ފިލައި ހުރި ހިސާބު ފަހަނަޅައި ދިއުމާއެކު އެ އަނދިރިގަނޑުން ނުކުމެ އަތުގައި އޮތް ރާޒުވާބޯޑުން އެމީހާގެ ބޮލުގައި އަޅުވައިލި އެތިފަހަރާއެކު އޭނާ ބިމަށް ތިރިކޮށްލިއެވެ. އަދި ގޯޅިގަނޑުގެ ދެކޮޅު ބަލައިލުމަށް ފަހު އެ މީހާ ބިންމަތީގައި ދަމައި ކޫއްތަމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ.
ޖާވިދު ޖައްސާލައިގެން އިނީ އޭނާގެ ކުޑަކޮޓަރި ތެރޭގައި ބަހައްޓާފައި ހުރި ސޯފާބެޑުގައެވެ. ބޯމަތީގައި ހުރި ސީލިންގު ފަންކާ މަޑުމަޑުން އެނބުރެމުންދިޔައިރު ކޮޓަރީގެ ކަނެއްގައި ބިތްޖެހިފައި އެއިނީ މަގުމަތީގައި އޭނާ އަށް ފާރަލައި އޭނާ ޝިކާރަކުރަން އުޅެނިކޮށް ޖާވިދުގެ ރާޒުވާބޯޑުން ޖަހައި ޝިކާރަކޮށް ވައްޓާލި ދެބައި އުމުރުގެ ފިރިހެން މީހާއެވެ. އަދި އެއީ ޖާވިދު ވަރަށް ރަނގަޅަށް ދަންނަ މޫނެކެވެ. އަދި އެއީ ވެސް އެއް އިރެއްގައި ރާޒުވާގެ ބޮޑު ޗެމްޕިއަނެކެވެ. މަޝްހޫރު ރާޒުވާ ރަފީގެވެ.
ރަފީގުގެ އާދަޔާހިލާފު ކެރިއަރު ނިމުމަކަށް ގެނައީ ބައިނަލްއަގުވާމީ މުބާރާތަކުން ރަން މެޑަލް ޖެހި ފުރަތަމަ ދިވެހި ރާޒުވާ ޗެމްޕިއަނަށް ވުމަށް އިންޑިއާ އަށް ގޮސް އުޅެނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އޭނާގެ ސިކުނޑި އަށް ލިބުނު އަނިޔާތަކާ ގުޅިގެން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމުން އަބަދުގެއަބަދަށް ވަކިވާން ޖެހުނީއެވެ. އެކަމަކު އޭނާގެ ސިކުނޑި މޮޔަކޮށްލީ އަދި އެހެން ކަމެކެވެ. އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ދަންޖެހިގެން މަރުވި ދުވަހުއެވެ.
އެ ކުއްޖާ އަށް ކިޔަވައިދިން ޓީޗަރެއްގެ ޖިންސީ ގޯނާގެ މަޑު ގިނީގައި އެ ހަޔާތް އަންދައި އަޅިއަށް ހަދާލި ރަހުމުކުޑަ އަނިޔާވެރިކަމަށް ފަހުއެވެ. އެ ދުވަހަށް ފަހު ރަފީގުގެ ހަޔާތް ވެސް ބަރުބާދުވެގެންދިޔައީ އެވެ. އެ ދުވަހަށް ފަހު ރަފީގުގެ ހަޔާތަށް ހަމަ ދުވަހެއް ނާދެއެވެ. އޭނާ ބަދަލުވީ ސިކުނޑި ހަމަނުޖެހޭ މޮޔައަކަށެވެ.
އެހެންވީމަ އެވަރުގެ ބޮޑު މޮޔައަކު ޖާވިދުގެ ފަސްފަހަތްބަލަމުން އަންނަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭގައި އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟
ބިތްޖެހިފައި އެ އޮތް ރަފީގަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ އަމާޒު ޖާވިދަށް މިހާރު ވަރަށް ވެސް ސާފެވެ. ޖާވިދުގެ އަތުގައި އެ އޮތް ފޮޓޯގަނޑަކީ ރަފީގުގެ ޖީބުގައި އޮތް ފޮޓޯގަނޑެކެވެ. އަދި އެ ފޮޓޯގަނޑުން އެ ފެންނަ ޒުވާން މޫނަކީ ޖާވިދުގެ ނޫކަށިފުރައިގެ ނަލަ ނަލަ މޫނެވެ.
އެކަމަކު ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ރަފީގުގެ އަންހެން ދަރިފުޅު ސޯޅަ އަހަރުގައި ދަންޖެހިގެން މަރުވުމަށް މެދުވެރިވި ސަބަބަކީ އެ ޒުވާން ޖާވިދު ހެއްޔެވެ؟ ސޯޅަ އަހަރުގެ އެ ފަރީޝާގެ މަރުގެ އަސްލަކީ ޖާވިދު އެ ކުއްޖާ އަށް އެތައް ދުވަހެއް ވަންދެން ކުރި ޖިންސީ ގޯނާ ހެއްޔެވެ؟
ޖާވިދަށް އިނދެވުނީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. އަމުދުން ރަފީގު ކަހަލަ ބޮޑު މޮޔައެއްގެ ޝިކާރައަށް އޭނާވި ގޮތް ވިސްނައިނުގަނެވިފައެވެ. އެއްވެސް ބަޔަކަށް ހޯދައި ނުގަނެވުނު ހަގީގަތް، ސިކުނޑި ހަމަނުޖެހޭ މީހަކު އެންމެފަހުން ހޯދައިގަތުމުން ހިތަށް ވެރިވި ހާސްކަމާ އެކު ޖާވިދު އެ އިނީ ސައިވެ ނިމިފައެވެ.
އެކަމަކު ޗެމްޕިއަނަކު ދުވަހަކުވެސް ބައްޔެއް ނުވާއެވެ. ޖާވިދުގެ ހިތަށް އެރީ މިހެންނެވެ.
ސިނގިރޭޓެއް ނަގައި ރޯކޮށް ރާޒުވާގެ ކުޅިބައި އަތުރައި ހަޔާތުގެ އެންމެ ފަހު ކުޅިގަނޑަށް ޖާވިދު ތައްޔާރުވެ އޭނާގެ ސޯފާބެޑުގައި ހަމަޖެހިލިއެވެ. އޭނާއާ ދެކޮޅަށް މިއަދު ކުޅެން އަރާ ޗެމްޕިއަނަކީ މަޝްހޫރު ރާޒުވާ ރަފީގުވެ. އެކަމަކު މިކިޔާ އެއްޗެއް އަދި މީގައި ވާނުވާ ފަހުމުނުވާ ބަލި ސިކުނޑިއެކެވެ.
ހޭވެރިކަން ޖެހި ހޭލައިގެން އައި ރަފީގަށް ޖާވިދު ދިނީ އާދަޔާހިލާފު ދައުވަތެކެވެ. ރާޒުވާގެ މި ކުޅިގަނޑުން މޮޅުވެއްޖެ ނަމަ އޭނާ އަށް ހުރިހާ ސިއްރެއް ކިޔައިދޭނެ ކަމުގެ ޔަގީންކަމެވެ. އެ އަށް ފަހު ރަފީގުގެ އަތުން ޖާވިދު ބަލިވާން މާގިނަ އިރެއް ނުނެގިއެވެ.
ރަފީގުގެ މަންތިރި އައިސް ޖާވިދުގެ ބޮނދުބުޑަށް ސައިކީއިރު އޭނާ ބޮމުން ގެންދިޔަ ސިނގިރޭޓްގެ ދެބައިކުޅަ އެއްބައި ވެސް އަދި ހުލިނުވެއެވެ. އެހިސާބުން އެ ސިނގިރޭޓް ރާޒުވާ ކުޅިބައިގެ މެދަށް ނިއްވާލާފައި ޖާވިދު ކިޔައިދޭން ފެށީ ފަރީޝާގެ މަރުގެ އަސްލެވެ. ރަފީގު ސައިކޮށް މުޅި ކުޅިގަނޑު އަނެއް އަތަށް އޭނާ އަނބުރާލި ހިސާބަކީ މިއެވެ.
ޗެމްޕިއަނަކު ދުވަހަކުވެސް ބައްޔެއް ނުވާނެއެވެ. ބަލީގައި ވެސް ބައްޔެއް ނުވާނެއެވެ.
ފަރީޝާގެ އަސްލު ގާތިލަކީ ޖާވިދުގެ އެއްބަނޑުއެއްބަފާ ބޭބެއެވެ. ޓީޗަރެއްގެ ގޮތުގައި އުޅުނު ދުވަސްވަރު އޭނާ ދިން ޖިންސީ އަނިޔާއެވެ. އަދި ފަރީޝާ އަކީ އެ ނުބައި ނުލަފާ ފުރޭތައިގެ ވަކިތަކުން އެގޮތަށް ޝިކާރަކޮށް ވައްޓާލި ހަމައެކަނި ދަރިވަރެއް ވެސް ނޫނެވެ. އަދި އާއިލާގެ ތެރޭގައި އޮތް މި ބޮޑު ސިއްރު ފަޅާއަރުވާލާން މަސައްކަތްކުރި ހިސާބުން ބައްޕަގެ މުދާވެރިކަމުން ކަނޑައި އާއިލީގުޅުމުން ވަކިކޮށް ޖާވިދު މަގުމައްޗަށް އެއްލައިލީއެވެ.
މިއީ ޖާވިދު ކިޔައިދިން ގޮތެވެ. އަދި އޭނާގެ މި ހުރިހާ ވާހަކައަކަށް ރަފީގުގެ ބަލި ސިކުނޑި ވަރަށް ފަސޭހައިން ހެއްލިގެން ދިޔައީއެވެ. އަދި ރަފީގުގެ ހިތަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވީ އޭނާގެ އަންހެން ދަރިފުޅުގެ މަރުގެ ބަދަލު ހިފުމުގައި ޖާވިދު ސީދާ އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އޭނާ އަށް ދިނުމެވެ.
ނަމަވެސް އެ ހުރިހާ ރޭވުމެއް ރާވައި ހުރިހާ ސިއްރެއް ކިޔައިދިނުމަށް ފަހު ރަފީގުގެ އަތަށް ވަޅިއެއް ދީފައި ޖާވިދު ގެއްލިގެންދިޔައީއެވެ. ރަފީގުގެ އެ ހަމަލާގައި ބޭބެ މަރާލި ޚަބަރު އޭނާކީ އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ނޫހުންނެވެ.
ޚަބަރު ކިޔައި ނިމުނުތަނުން ކޮޓަރީގެ ދޮރުގައި މީހަކު ޓަކިން އަޑާއެކު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށް ފަހު ޖާވިދު އޭނާގެ ލެޕްޓޮޕް ލައްޕައި އެނދުމަތީގައި ބާއްވާލިއެވެ. އަދި ރާޒުވާ ބޯޑު ނަގައިގެން އައިސް އެނދުމަތީގައި ކުޅިބައި އަތުރާލިއެވެ.
އެއަށް ފަހު އަލަމާރީގެ ދޮރު ހުޅުވާލައި ސެންޓުފުޅިއެއް ނަގައި ގަޔަށް ސެންޓުޖަހައި ތާޒާވެގަތެވެ. ކޮޓަރީ ތެރޭގައި ދިއްލާފައި އޮތް ބޮކީގެ މޫޑާއި ކުލަ ފަނޑުކޮށް އޭސީގެ ފިނި ގަދަކޮށްލިއެވެ. ދެން މަޑުމަޑުން ހިނގާލާފައި ގޮސް އޭނާ ހުއްޓުނީ ދޮރު ކައިރިއަށެވެ.
ފުންނޭވާއަކާ އެކު ދެ ލޯ މަރާލިއެވެ. އަދި އެ ދެ ލޯ ހުޅުވާލުމާ އެކު ހިނިތުންވެ ދޮރު ހުޅުވާލިއެވެ. ބޭރުގައި މަޑުކޮށްލައިގެން އެ އިނީ ސޯޅަ އަހަރުގެ ޒާޔާއެވެ.
ޖާވިދުގެ ހިނިތުންވުމުގައިވީ ދައުވަތާ އެކު ޒާޔާ ކޮޓަރި ތެރެއަށް ވަދެގެން ގޮސް ޖައްސާލީ ރާޒުވާގެ ކުޅިބައި ތައްޔާރުކޮށްފައި އިން އެނދުގައެވެ. ކޮޓަރީގެ ދޮރު ލައްޕައި ރަނގަޅަށް ތަޅުލުމަށް ފަހު ޖާވިދު ވެސް ގޮސް އެނދުގައި އިށީނެވެ.
ޖާވިދުއާ ދިމާލަށް ބަލައި ހީލުމަކާ އެކު ޒާޔާ މަނާފުކެއް ދެ ގޮޅި ކުރިއަށް ޖައްސާލިއެވެ. އެންމެ ކުޅިއަކުން ސައިވެ ނިމުނީއެވެ. އެއާއެކު ޖާވިދު ގޮސް ހިފީ ޒާޔާގެ ފިނިފިނި އޮމާން ގިއުޅުއަތުކުރީގައެވެ. ޒާޔާ އީވެ އާތްވެގަތެވެ.