24 ޑިސެމްބަރ 2016 - 08:25

ލަންޑަން (ޑިސެމްބަރު 24) – އަހުލާގީ މައްސަލައެއްގައި އިންގްލެންޑުގެ ގައުމީ ކޯޗުކަމުން ކުރު މުއްދަތެއްގެ ތެރޭގައި ވަކިކުރި ސޭމް އެލަޑީސް އަށް ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްގެ ކޯޗުކަން ދީފި އެވެ.
އިންގްލެންޑުގެ ކޯޗުކަމާ ހަވާލުވެ އެންމެ މެޗެއްގައި ކޯޗުކޮށްދެވުނުތަަނާ ސެޕްޓެމްބަރު މަހު އެލަޑީސް މަގާމުން ވަކިކުރީ އިނގިރޭސި ނޫހަކުން ހިންގި ސިއްރު އިންޓަވިއުއެއްގައި އެފްއޭ އާއި އިނގިރޭސި ފުޓްބޯޅަ އަށް މަލާމާތްކޮށް އަދި އެފްއޭގެ ގަވާއިދުތަކަށް ފާޑުކިޔުމުންނެވެ.
ޕްރިމިއާ ލީގުގެ 17 ވަނައިގައި އޮތް ޕެލަސްގެ ކޯޗުގެ މަގާމް ހުސްވީ ނަތީޖާތައް ދަށްވުމާ ގުޅިގެން އެލަން ޕާޑިއު ވަކިކުރުމުންނެވެ.
ޕެލަސްގެ ޗެއާމަން ސްޓީވް ޕެރީޝް ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އާ ކޯޗެއް ހަމަޖެހުމުން ހިތްހަމަޖެހޭ ކަމަށާއި އެލަޑީސް ފަދަ ތަޖުރިބާހުރި ގާބިލް ކޯޗެއް ހަމަޖެހުނީތީ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.
ޕެލަސްއާ އެކު ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި އެލަޑީސް ސޮއިކޮށްފައިވާއިރު އޭނާގެ ކޯޗުކަމުގެ ދަށުން އެ ޓީމު ފުރަތަމަ ނުކުންނާނީ ހޯމަ ދުވަހުގެރޭ ވެޓްފޯޑާ ދެކޮޅަށެވެ.
ކެރިއަރުގައި މިހާތަނަށް ތަށްޓެއް ހޯދައިފައި ނުވީ ނަމަވެސް އެލަޑީސް ވަނީ ކުދި ޓީމުތަކަށް ރަނގަޅު ނަތީޖާތަކެއް ނެރެދީފަ އެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން ބޯލްޓަން ވޮންޑަރާސް އާއި ނިއުކާސަލް ޔުނައިޓެޑާއި ބްލެކްބާން ރޯވާސް އާއި ވެސްޓް ހޭމް ޔުނައިޓެޑް އަދި ސަންޑަލެންޑަށް ކޯޗުކޮށްދީފަ އެވެ. އިންގްލެންޑުގެ ކޯޗުކަމާ މި އަހަރުގެ ޖުލައި މަހު ހަވާލުވި ނަމަވެސް ދެ މަސް ތެރޭ އޭނާ ވަނީ ވަކިކޮށްފަ އެވެ.