13 އެޕްރީލް 2022 - 07:12

ނެޓްފްލިކްސްގެ އެންމެ ވަރުގަދަ ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގެ ހަތަރުވަނަ ސީޒަންގެ ޓްރެއިލާ އިއްޔެ ނެެރެފި އެވެ.
ޓްރެއިލާ އިން ފެންނަ ގޮތުގައި، އެހެން ސީޒަންތަކާ އެއްގޮތަށް އާ ސީޒަންގައި ވެސް އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ "ޑެމޮގޯގެންއެއް" ފެންނާނެ އެވެ.
ތިންވަނަ ސީޒަން އަށް ފަހު އެ ސީރީޒް ބްރޭކަށް ދިޔައީ 2019 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއްވީ އިރު، ފޭނުން ތިބީ ހަތަރު ވަނަ ސީޒަނަށް ކެތްމަދުވެފަ އެވެ.
ސީރީޒްގެ ޕްރޮޑިއުސަރުން ކަމަށްވާ މަޝްހޫރު ޑަފާ ބްރަދާސް ބުނި ގޮތުގައި އާ ސީޒަންގައި ނުވަ އެޕިސޯޑް ހިމެނޭނެއިރު، ކޮންމެ އެޕިސޯޑެއް ގަޑިއިރަކަށް ވުރެ ދިގުވާނެ އެވެ. އެ މީހުން ސިފަކުރި ގޮތުގައި މިއީ ސްޓްރޭންޖާ ތިންގްސް "ގޭމް އޮފް ތުރޯންސް" ސީޒަނެވެ.
އާ ސީޒަން ނެރުމަށް ހަމަޖެހިފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި މެއި މަހުގެ 27ގައި ނެރޭއިރު، ދެވަނަ ބައި ނެރޭނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުގަ އެވެ.