ބެޔާން ކަޓުވާލުމަށް ފަހު ވިޔަރެއާލް ސެމީ ފައިނަލަށް
ބެޔާން ކަޓުވާލުމަށް ފަހު ވިޔަރެއާލް ސެމީ ފައިނަލަށް

މިއުނިކް (އޭޕްރީލް 13) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޖަރުމަންގެ ބެޔާން މިއުނިކުގެ ދަނޑުގައި އެޓީމު މޮޅުވިޔަނުދީ 1-1 އިން އެއްވަރުކޮށް، ސްޕެއިންގެ ވިޔަރެއާލުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބެޔާން ކަޓުވާލުމަށް ފަހު ވިޔަރެއާލް ސެމީ ފައިނަލަށް
ބެޔާން ކަޓުވާލުމަށް ފަހު ވިޔަރެއާލް ސެމީ ފައިނަލަށް

ވިޔަރެއާލް ވަނީ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 1-0 އިން ބެޔާން ބަލިކޮށްފަ އެވެ. އެޓީމު ސެމީ ފައިނަލަށް ދިޔައީ މިރޭ ކުޅުނު ދެވަނަ ލެގު އެއްވަރުކޮށްގެން 2-1 ގެ އެގްރިގޭޓް ނަތީޖާއިން، ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބެޔާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިޔަރެއާލްގެ ޖެރާޑް މޮރޭނޯ އަށް، މެޗުގައި ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭންގަލް ހަނިވުމާ އެކު އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ބޭރުން އަރިމަތީި ދާގަނޑަށެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބެޔާން މިއުނިކުންނެވެ. މެޗުގެ 52 ވަނަ މިނިޓުގައި ބެޔާން އިން ލީޑު ނަގައި އެގްރިގޭޓް ނަތީޖާ އެއްވަރުކުރި ލަނޑު ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. އޭނާ މި ލަނޑު ޖެހީ ވިޔަރެއާލްގެ ޑެނީ ޕަރޭހޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ތޯމަސް މުލާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ފުރިހަމަ ވަގުތު ހަމަވާއިރު އެގްރިގޭޓް ނަތީޖާ އެއްވަރުވެގެން، އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހޭނެ ކަމަށް ހީކުރެވުނަސް، ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ވިޔަރެއާލަށް ލަނޑުޖަހައި އެގްރިގޭޓުން ކުރި ހޯދައިދިނީ ސެމިއުލް ޗުކްވުއެޒޭ އެވެ. އޭނާ ލަނޑު ޖެހީ މޮރޭނޯ ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ. ވިޔަރެއާލުގެ މި ލަނޑު ރެފްރީ ގަބޫލުކުރީ ޗުކްވުއެޒޭ އޮފްސައިޑު ކަމަށް ހީކޮށް ވީއޭއާރު ބެލުމަށް ފަހު އެވެ.

ޗްމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ވިޔަރެއާލް ދަތުރުކުރީ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި އިޓަލީގެ ވަރުގަދަ ޔުވެންޓަސް ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބެޔާން މިއުނިކުގެ މައްޗަށް ކުރިހޯދައި ސެމީ ފައިނަލަށް ދަތުރު ކުރިއިރު، މިއީ ޗެމްޕިއަންސް ލީގުގެ ސެމީ އަށް ވިޔަރެއާލް ދަތުރުކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެޓީމު ސެމީ ފައިނަލުގައި ކުޅުނީ 2006 ވަނަ އަހަރު އެވެ. އެފަހަރު ސެމީގައި ބަލިވީ އާސެނަލް އަތުންނެވެ.

ވިޔަރެއާލަކީ މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބުނު ކުލަބެކެވެ.