މެންޗެސްޓާ ސިޓީގެ ކެޕްޓަން މި ސީޒަނަށް ފަހު ޓީމު ދޫކޮށްލަން ނިިންމައިފި
މެންޗެސްޓާ ސިޓީގެ ކެޕްޓަން މި ސީޒަނަށް ފަހު ޓީމު ދޫކޮށްލަން ނިިންމައިފި

މެންޗެސްޓާ (އޭޕްރީލް 12) - މެންޗެސްޓާ ސިޓީގެ ކެޕްޓަން ފެނާންޑީނިއޯ މި ސީޒަނަށް ފަހު ޓީމު ދޫކޮށްލަން ނިންމާފައި ވާކަމަށް، މާދަމާރޭ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ފެނާންޑީނިއޯ ވަނީ މިދިޔަ ޖޫން މަހު ސިޓީއާ އެކު އެއް އަހަރު ދުވަހަށް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ސޮއިކޮށްފައެވެ. އަންނަ ސީޒަނުގައި އޭނާ ސިޓީ އިން ފެންނާނެތޯ އެހުމުން ފެނާންޑީނިއޯ ބުނީ ކުލަބުގައި ނުހުންނާނެ ކަމަށާއި އޭނާ ބޭނުމީ ގަވާއިދުން ކުޅެން ކަމަށެވެ.

ޔޫކްރޭނުގެ ޝަކްތާ ޑޮނެސްކުން 2013 ވަނަ އަހަރު ސިޓީއަށް ބަދަލުވެ ފެނާންޑީނިއޯ ވަނީ ހަތަރު ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށް، އެއް އެފްއޭ ކަޕާއި ހަ ފަހަރު ލީގް ކަޕް ކާމިޔާބު ކޮށްފަ އެވެ. ފެނާންޑީނިއޯ އެޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ ކުރީގެ ކެޕްޓަން ޑޭވިޑް ސިލްވާ ޓީމު ދޫކޮށް ދިޔުމުން، މިދިޔަ ސީޒަނުގަ އެވެ.

"އަހަރެން އެނބުރި ބްރެޒިލް އަށް ދާނީ. އަހަރެންގެ އާއިލާއާ އެކު މަޝްވަރާ ކޮށްފައި ވާނީ، އެއީ އަހަރެންނަށް އެންމެ މުހިއްމު ބަޔަކީ،" ބްރެޒިލް ގައުމީ ޓީމަށް 53 މެޗު ކުޅެފައިވާ ޑިފެންސިވް މިޑްފީލްޑަރު ބުންޏެވެ.

ފެނާންޑީނިއޯ ވަނީ މެންޗެސްޓާ ސިޓީ އަށް މިހާތަނަށް 373 މެޗު ކުޅެދީފަ އެވެ. މި ސީޒަނުގައި މިހާތަނަށް 23 މެޗު ކުޅެދީފައި ވިޔަސް ފުރަތަމަ 11 ގައި ހިމެނިގެން ލީގުގައި ކުޅުނީ އެންމެ ހަ މެޗުގަ އެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި މާދަމާ ރޭ (ބުދަ ދުވަހުގެ ރޭ) ރާއްޖެ ގަޑިން 12 ޖަހާއިރު މެންޗެސްޓާ ސިޓީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ސްޕެއިންގައި އެތުލެޓިކޯގެ ދަނޑުގަ އެވެ. ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗު ސިޓީއިން ކާމިޔާބުކުރީ 1-0 އިންނެވެ.

އޭނާގެ ވާހަކައަށް ފަހު ހައިރާންވެފައި ހުރި ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާ އަށް އެކަން އަދި ނޭނގޭ ކަމަށާއި، ފެނާންޑީނިއޯ އަކީ އަބަދުވެސް އޭނާގެ މުހިއްމު ކުޅުންތެރިޔެއް ކަމަށާއި މިކަމާ ގުޅިގެން ފެނާންޑީނިއޯއާ ވާހަކަ ދައްކާނެ ކަމަށެވެ.

"އަހަރެން އެތައް ފަހަރަކު ބުނެފައި ވާނެ ފެނާންޑީނިއޯ އަކީ އަހަރެންނަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށް. ބަލަމާ ހިނގާ ސީޒަން ނިމުމުން ވާނެ ގޮތެއް، އަހަރެން އަދި އޭނާއާ ވާހަކަ ދައްކާނަން،" ގާޑިއޯލާ ބުންޏެވެ.

"ވެދާނެ އެއީ އާއިލީ ނިންމުމެއް ކަމަށް، ނުވަތަ މި ސީޒަނުގައި އޭނާ އަށް ކުޅެން ލިބުނު ވަގުތު މަދުވެގެން ކަމަށް ވެސް."

ގާޑިއޯލާ ވަނީ ކްލަބުގެ ކެޕްޓަން ފެނާންޑީނިއޯގެ ނުފޫޒު ގަދަކަމަށް ބުނެ އެކަމަށް ވެސް ތައުރީފް ކޮށްފައެވެ. ގާޑިއޯލާ ބުނީ، އޭނާ އަށް ނާނގައި ވެސް ޓީމުގެ ގިނަ ސްޓާ ޕްލޭޔަރުންގެ ކަންކަމުގެ ޒިންމާ ނަގައި ވަރަށް ރަނގަޅަށް ކުރިޔަށް ގެންގޮސްފައި ވާކަމަށެވެ.

"މެންޗެސްޓާ ސިޓީއަށް ހީވެސް ނުކުރާވަރުގެ އަގުހުރި ކުޅުންތެރިއެއް އޭނާއަކީ. އެކަކަށް ވެސް ނޭނގޭ ކަންތައްތަކެއް އެބަހުރި އެކަމަކު އަހަރެންނަށްށް ހަމަ ރަނގަޅަށް އެނގޭ އޭނާ ކުރި މަސައްކަތް،" ގާޑިއޯލާ އިތުރަށް ބުންޏެވެ.

"އަހަރެން ވަރަށް ގިނަ ފަހަރު ބުނިން އަހަރެންނަށް އެންމެ މުހިއްމީ ކުޅުންތެރިން އުފަލުގައި ތިއްބާށޭ. އަހަރެމެން މާދަމާރޭ ކުޅޭނީ އޭނާ އަށް އެންމެ ރަނގަޅު ފެއާވެލް އެއް ދޭން، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް އަނެއްކާވެސް ދަތުރުކޮށް، އޭގެ ފަހުން ފައިނަލަށް ގޮސް ކާމިޔާބަށް މަސައްކަތް ކުރާނަން."

ބައްދަލުވުމަށް ފަހު ފެނާންޑީނިއޯ އޭނާގެ ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އޭނާގެ ޖަވާބަކީ ހަގީގަތުގައި އޭނާގެ ނިންމުން ކަމަށާއި، ނަމަވެސް މިވަގުތަށް އޭނާ އެންމެ އިސްކަމެއް ދެނީ އެންމެ ފުރިހަމައަށް ކެޕްތަނުގެ ޒިންމާ އަދާކޮށް ސީޒަނުގެ ބާކީ ބައި ކާމިޔާބުކަމާ އެކު ނިންމާލަން ކަމަށެވެ.