12 އެޕްރީލް 2022 - 21:39

އެމްޑީޕީގެ ދަފްތަރު އޮތީ އެތެރޭގެ އިންތިހާބުތަކަށް އިދިކޮޅު ޕީޕީއެމަށް ނުފޫޒު ފޯރުވޭ ގޮތަށް ކަމަށާއި ޕާޓީގެ ރައީސް ނުވަތަ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ވިޔަސް ޕީޕީއެމްގެ 20،000 މީހުންނަށް ވޯޓު ލެވޭ ކަމަށް، ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް އދ. މަހިބަދުއަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންގެ ޝަކުވާތައް އަޑުއައްސަވައި ދެއްކެވި ވާހަކައިގައި ފައްޔާޒް ކަންބޮޑުވުންފާޅުކުރެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ކޮންޓްރޯލް ޕީޕީއެމަށް ނެގޭ ގޮތަށް ޕާޓީގެ ދަފްތަރު އޮތުމެވެ. މެމްބަރުންގެ ސައްހަކަން ކަށަވަރު ނުކުރެވި އޮތުމަކީ މައްސަލައެއް ކަމަށާއި އެމްޑީޕީ މީހުން އެކަނި އޭގައި ބައިތިއްބަން ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލަނީ އެ ޕާޓީއަކުން ބަލަހައްޓާ ދަފްތަރަށެވެ. އަންނަ މަހުގެ 14 ގައި އޮންނަ ވާދަވެރި ޗެއާޕާސަންގެ އިންތިހާބުގައި އެމްޑީޕީގެ 94,000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ދިނީ ކެންޑިޑޭޓުން ކުރިމަތިލުމުގެ މުއްދަތު ހަމަވުމާ ހަމައަށް ޕާޓީގައި ތިބި މެމްބަރުންނަށެވެ.
އެމްޑީޕީން ބަލަހައްޓާ ދަފްތަރުގައި 94،000 އަށް ވުރެ ގިނަ މީހުން ތިއްބަސް އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ އިލެކްޝަންސުން އެންމެ ފަހުން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން 54،782 މީހުންނެވެ.
އެމްޑީޕީގެ ދަފްތަރު މައްސަލައިގައި ފައްޔާޒް ވިދާޅުވި ގޮތުގައި ގައުމީ އިންތިހާބުތަކުގައި ޕީޕީއެމާ ވާދަކުރަން އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކު ކަނޑައަޅުމުގެ ޖާގަ ޕީޕީއެމަށް ލިބޭ ގޮތަށް މަގުފަހިވެފައި އޮތުން ބަދަލުކުރަން ޖެހެ އެވެ. މިހާރު އޮތީ އެ ޕާޓީއާ ވާދަކޮށް ކުރި ހޯދާނެ އެމްޑީޕީގެ ކެންޑިޑޭޓު ބަލިކޮށްލަން ދެން ނުކުންނަ ކެންޑިޑޭޓަށް އެ 20،000 މީހުންނަށް ވޯޓު ލެވޭ ގޮތަށް ކަަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ 94،000 މީހުން ތިބިއިރުގައި މި ޕާޓީގެ ރައީސް ކަނޑައަޅަން ނުވަތަ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ނޫނިއްޔާ މި ޕާޓީން ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓު ހޮވަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓުލެވޭ،" ފައްޔާޒް ވިދާޅުވި އެވެ.
"އެ މީހުންނަށް އެބަ ނިންމޭ އެ މީހުންނާ ވާދަކުރަން އަޅުގަނޑުމެންގެ ތެރެއިން ނުކުންނާނީ ކާކުކަން."
އޭނާ މިހެން ވިދާޅުވުމާ އެކު އަރިހުގައި އިންނެވި އެމްޑީޕީގެ މެމްބަރަކު ވަނީ "ތިއީ އަޅުގަނޑުމެންގެ ވެސް ވަރަށް ބޮޑު ޝަކުވާއެއް" ކަމަށް ބުނެ އެ ވާހަކައަށް ތާއީދުކޮށްފަ އެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ކަންކަމުގައި ގޮތް ނިންމުމުގެ ފުރުސަތެއް ޕީޕީއެމަށް އޮވެގެން ނުވާނެ ކަމަށެވެ. މިހާރު އެގޮތަށް އޮތަސް އެއީ އިސްލާހުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެމްގެ މެމްބަރެއް އޮތް ނަމަ ވަކިކުރަން ޖެހެ އެވެ. ނުވަތަ ދެން އޮތް ގޮތަކީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވުން ކަަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ސައްހަ ދަފްތަރެއް ކަނޑައަޅައި ރަނގަޅު އިންތިޒާމެއްގެ ތެރެއިން ބެލެހެއްޓުމަކީ ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންފި ނަމަ ކުރައްވާނެ ކަމަށް ފައްޔާޒް ވައުދުވެވަޑައިގަންނަވަމުން އަންނަ އެއް ބަދަލެވެ.
އިންތިހާބުގައި ފައްޔާޒްއާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ކެމްޕޭން ފޯރީގައި އެކި އަތޮޅުތަކުގައި ކުރިއަށްދާ އިރު އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ. މި އިންތިހާބުގެ ފޯރިގަދައީ 2023 އަށް ޕާޓީގެ ކުރިމަގު ކަނޑައެޅުމުގެ އިދާރީ ކަންކަމުގައި ޗެއާޕާސަންގެ ދައުރު ބޮޑު ކަމުންނެވެ.