ޖެނުއަރީ ޓްރާންސްފާ ބާޒާރު އާސެނަލަށް ބަންދު
ޖެނުއަރީ ޓްރާންސްފާ ބާޒާރު އާސެނަލަށް ބަންދު

ލަންޑަން (ޑިސެމްބަރު 24) – ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އެއްވެސް ވިޔަފާރިއެއް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އެވަޓަން އާއި މެންޗެސްޓާ ސިޓީ އަތުން ބަލިވެ ޕްރިމިއާ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފައިވާ އާސެނަލުން ތަށްޓަށް އަމާޒުކޮށް ޖެނުއަރީ މަހު އާ ކުޅުންތެރިން ގެންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ވެންގާ ވަނީ އެ ހުރިހާ ވާހަކަތަކަށް ނިމުމެއް ގެނެސްފަ އެވެ.

ވެންގާ ބުނީ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ތިބީ އަނިޔާގައި ކަމަށާއި އެ ކުޅުންތެރިން ފިޓްވެ އަލުން ކުޅުމުގެ ތެރެއަށް އަންނަން ގާތްވެފައިވާތީ މިވަގުތު އިތުރު ކުޅުންތެރިން ހޯދަން ބޭނުންނުވާ ކަމަށެވެ.

ފޯވާޑް ޑެނީ ވެލްބެކާއި މިޑްފީލްޑަރު އާރޮމް ރަމްސީ އިއްޔެ ޕްރެކްޓިހަށް ނުކުމެފައިވާއިރު ފޯވާޑް އެލެކްސް އޮކްލޭޑް ޗެމްބަލައިން އަދި މުހިއްމު ދެ ޑިފެންޑަރުން ކަމަށްވާ ޝޮރްދާން މުސްތާފީ އާއި ޕާ މާޓަސެކާ ވެސް ވަރަށް އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ އެވެ.

"އަހަރެން ޓްރާންސްފާ ބާޒާރުގެ ބޭނުން ހިފުން ބިނާވާނީ އިންޖަރީގައި ތިބި ކުޅުންތެރިންގެ އެނބުރި އައުމާ. ލޫކަސް ޕެރޭޒާއި އޮލިވާ ޖިރޯ އާއި އެލެކްސިސް ސަންޗޭޒާއި އަދި ވެލްބެކާއި ތިއޯ ވޮލްކޮޓް އަދި ޗެމްބަލައިން މިއީ ހުސް އެޓޭކިން ކުޅުންތެރިން. އެހެންވީމާ އެޓޭކިން އޮޕްޝަންތައް ބައިވަރު. ޑިފެންސަށް ބަލާއިރު ކުޅުންތެރިޔެއް ބޭނުމެއް ނުވޭ،" ވެންގާ ބުންޏެވެ.

ވެންގާ ކުޅުންތެރިން ބޭނުންނުވާ ކަމަށް ބުނި އިރު އެ ޓީމުން އަންނަނީ ސަންޗޭޒާއި މެސުތު އޮޒިލް ކްލަބުގައި މަޑުކުރުވުމުގެ މަސައްކަތް ކުރަމުންނެވެ. ދެ ކުޅުންތެރިން ވެސް ކޮންޓްރެކްޓް އާކުރަން އަދި އެއްބަސްވުމަކަށް އައިސްފައިނުވާއިރު އެހެން ކްލަބްތަކުން އަންނަނީ މަންޒަރު ވަރަށް ކައިރިން ބަލަމުންނެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް ދެން އެންމެ އަވަހަށް ކުޅޭނީ އަންނަ ހޯމަ ދުވަހުގެރޭ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ.