ރާއްޖެ ހުއްޓުވަން އެނގޭ: ކިރްގިސްތާން ކެޕްޓަން
ރާއްޖެ ހުއްޓުވަން އެނގޭ: ކިރްގިސްތާން ކެޕްޓަން

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދުގެ މެޗަށް ނުކުންނައިރު ރާއްޖެ ހުއްޓުވަން އެނގޭ ކަމަށް ކިރްގިސްތާން ޓީމުގެ ކެޕްޓަން އަދި އެ ގައުމުގެ ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ކިލިޗެކް ސަރްބަގިޝިއެވް ބުނެފި އެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ނޭޕާލް އަތުންނެވެ. ކިރްގިސްތާން ކުޅުނު ފުރަތަމަ މެޗުން އަފްގާނިސްތާން އަތުން ވަނީ މޮޅުވެފަ އެވެ.

މި މުބާރާތަށް ކިރްގިސްތާނަށް މާބޮޑަށް ތައްޔާރުނުވެވުނެވެ. ގައުމަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން މި މުބާރާތަށް ކިރްގިސްތާނުގެ ސްކޮޑު ހަމަކުރެވުނީ ވެސް ކިރިޔާ އެވެ. އެ ޓީމުގެ ސްކޮޑުގައި ހިމެނެނީ ނުވަ ކުޅުންތެރިންނެވެ.

ޓީމުގެ ކެޕްޓަން ކަމުގެ އިތުރުން ކޯޗެއްގެ ޒިންމާ ވެސް ނަގަމުން އަންނަ ކިލިޗެކް ބުނީ އަފްގާނިސްތާން އަތުން ލިބުނު މޮޅާ އެކު މިއީ ރަނގަޅު ފެށުމެއް ކަމަށާއި ކުރިއަށްދާން ހިތްވަރު ލިބިއްޖެ ކަމަށެވެ.

"އުނދަގޫ ހާލަތެއްގައި ފުރަތަމަ މެޗުން ވަރަށް މަސައްކަތުން މޮޅެއް މި ލިބުނީ. މިއީ ވަރަށް ރަނގަޅު ފެށުމެއްގެ އިތުރުން ބޮޑު ހިތްހަމަ ޖެހުމެއް،" 2011 ވަނަ އަހަރުން ފެށިގެން ކިރްގިސްތާން ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރަމުން އަންނަ ކިލިޗެކް ބުންޏެވެ.

"ދެ ވަނަ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، އަހަރެމެން ވާނީ މީގެ ކުރިން ރާއްޖެއާ އެކު ގިނަ މެޗުތަކެއް ކުޅެފައި. ރާއްޖެ އާއި ބަންގްލަދޭޝް އަކީ ހުނަރަށް ބަލާއިރު މި މުބާރާތުގައި އެންމެ ވަރުގަދަ ދެ ޓީމު. ރާއްޖެ ހުއްޓުވަން އަހަރެމެންނަށް އެނގޭ."

އޭނާ ބުނީ ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށެވެ.

"އަހަރެމެން ފުރަތަމަ މެޗުން މޮޅުވުމަކީ އަހަރެމެންގެ ކޮންފިޑެންސް ރަނގަޅުވާނެ ކަމެއް. އެކަމަކު ރާއްޖެ ނުކުންނާނީ ކޮންމެ ގޮތެއް ހަދާފައިވެސް މޮޅުވާން. މިއީ ވަރަށް އުނދަގޫ ވާނެ މެޗެއް،" ކުރިން ކަޒަކްސްތާން އަދި ތުރުކީގައި ކުޅުނު ކިލިޗެކް ބުންޏެވެ.

ރާއްޖެ ޓީމުގައި ފެންވަރު ރަނގަޅު މޮޅު ކުޅުންތެރިން ތިބިކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ކިރްގިސްތާނާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން މެންދުރުފަހު 1 ޖަހާއިރު އެވެ.