13 އެޕްރީލް 2022 - 10:03

ހޮލީވުޑްގެ އެކްޓްރެސް އެމްބާ ހާޑަކީ އޭނާގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު ޖޮނީ ޑެޕްގެ ދުވަސް ދުއްވާލަން އުޅޭ ބޮޑު ދޮގުވެރިއެއް ކަމަށް ބުނެ، މި ދެ ތަރިން އެކަކު އަނެކަކުގެ މައްޗަށް ކުރާ އަބުރުގެ ދައުވާގައި ޑެޕްގެ ވަކީލުން ވާހަކަ ދައްކަވައިފި އެވެ.
އެމެރިކާގެ ވާޖިނިއާގެ ކޯޓެއްގައި އިއްޔެ ފެށި މި މައްސަލަ އަކީ ޑެޕް، 58، ގެވެށި އަނިޔާކުރާ ކަމަށް ބުނެ ހާޑް ލިޔުނު ލިޔުމަކާ ގުޅިގެން ޑެޕް 50 މިލިއަން ޑޮލަރުގެ ބަދަލު ހޯދަން ކުރާ އަބުރުގެ ދައުވާއެކެވެ. މި ދައުވާގެ ރައްދުގައި ހާޑް ވެސް ވަނީ 100 މިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ހޯދަން ޑެޕްގެ މައްޗަށް ވެސް އަބުރުގެ ދައުވާއެއް ކޮށްފަ އެވެ.
ޑެޕްގެ ދައުވާގެ އަޑުއެހުންތައް ފަށައި އޭނާގެ ފަރާތުން ވާހަކަދެއްކެވި ވަކީލް ކެމީލް ވަސްކުއޭޒް ވިދާޅުވީ ކައިވެނިކޮށްގެން އުޅުނު އިރު އަބަދުވެސް ހަމަނުޖެހުން އުފައްދަނީ ހާޑް ކަމަށެވެ. އަދި މި ހުރިހާ ކަމެއް ކޮށްފައި ވިކްޓިމެއް ކަމަށް ދެއްކެން އުޅެނީ ހާޑް ކަމަށާއި އެހެންވެ ޑެޕަށް ކުރިމަތިވެދާނެ ލަދަކުން ސަލާމަތްވާން ވަރިވާން ނިންމައި އެކަމުގައި ހާޑް އިސްނެގުމަށް ވެސް އެދުނު ކަމަށް ވަކީލް ވިދާޅުވި އެވެ.
"ހާޑަކީ ޕަބްލިކްގައި އޭނާގެ އިމޭޖް ބޮޑުކުރަން ކޮންމެ ކަމެއް ވެސް ކޮށްފާނެ މީހެއް،" ވަކީލް ވިދާޅުވި އެވެ. "އޭނާ ކޮންމެ ނޭވާއެއް ވެސް ލަނީ މި ނިޔަތުގައި. މިހާރުވެސް ދިރިއުޅުމުގައި އެ ކުޅެނީ އޭގެ ޑްރާމާއެއް."
އަނެއްކޮޅުން ހާޑްގެ ވަކީލުން ވިދާޅުވީ ޑެޕްގެ ފަރާތުން ހާޑަށް ޖިސްމާނީ އަދި ނަފްސާނީ ގޯނާތަކާ ކުރިމަތިވާ ކަމަށާއި ޑެޕް އުޅުނީ ހާޑްގެ ކެރިއަ ހަލާކުކޮށްލަން ކަމަށެވެ.
ޑެޕްގެ ދިފާއީ ހެއްކެއްގެ ގޮތުގައި ފުރަތަމަ ވާހަކަ ދެއްކީ އޭނާގެ އެންމެ ދޮށީ ދައްތަ ކްރިސްޓީ ޑެމްބްރޯސްކީ އެވެ. އޭނާ ދެއްކީ ކުޑައިރު ބައްޕަގެ ފަރާތުން ޑެޕަށް ލިބުނު އަނިޔާގެ ވާހަކަ އާއި ޑެޕް ރައްދުގައި އެއްވެސް ކަމެއް ނުކުރާ ވާހަކަ އެވެ.
"[ޑެޕަޑް ބައްޕަ އަނިޔާކުރަން ފެށުމުން] މަންމަ ހަޅޭއްލަވައި ބައްޕަ ގައިގައި ޖަހާނެ. ބައްޕައާ ދިމާލަށް އެކި ނަންނަމުން ގޮވާނެ. އެކަމަކު ދުވަހަކު ވެސް ޑެޕް ރައްދުގައި އެއްވެސް ކަމެއް ނުކުރާނެ،" ޑެޕަކީ އަނިޔާވެރިކަން އިސްކުރާ މީހެއް ނޫންކަން ސާބިތުކޮށްދޭން އޭނާގެ ދައްކަ ބުންޏެވެ.
ޑެޕްގެ ދައްތަ ބުނީ ޑެޕަކީ އާއިލާގެ މެންބަރުން ދެކެ ލޯބިވާ އަޅާލާ މީހެއް ކަމަށެވެ. އެކަމަކު ހާޑްއާ ކައިވެނިކުރި ފަހުން ޑެޕްގެ މިޒާޖަށް ބަދަލުތަކެއް އައި ކަމަށާއި ހުންނަނީ އުފާވެރިކަން ގެއްލިފައި ކަމަށް ބުންޏެވެ.
ޑެޕްގެ ދައްތަ އަކީ ޑެޕްގެ 120 ދިފާއީ ހެކިންގެ ތެރެއިން ފުރަތަމަ ވާހަކަ ދެއްކި މީހާ އެވެ.
ޑެޕާއި އެމްބާ ވަރިވުމަށް ފަހު، އެ ކައިވެނި ރޫޅުނީ ޑެޕްގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބެމުން ދާތީ ކަމަށް ހާޑް ތުހުމަތު ކުރި އެވެ. އެކަމަކު، އެއީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއްކަން، ފަހުން ލީކުވި އޯޑިއޯ ރިކޯޑިންތަކަކުން ވަނީ ހާމަވެފަ އެވެ.
ހާޑް އެ ތުހުމަތު އެންމެ ފުރަތަމަ ކުރީ 2018 ވަނަ އަހަރު ވޮޝިންޓަން ޕޯސްޓަށް އޭނާ ލިޔުނު އާޓިކަލެއްގަ އެވެ. އެ އާޓިކަލްގައި ހާޑް ބުނީ، ކުރީގެ ފިރިމީހާ އޭނާ އަށް އަނިޔާކުރި ކަމަށެވެ. އެ ލިޔުމުގައި ޑެޕްގެ ނަން ނުހިމެނިޔަސް، އެއީ ޑެޕް ކަން އެންމެނަށް ވެސް އެނގުނެވެ.
އެ މައްސަލައިގައި ހެކިންގެ ގޮތުގައި، މިފަހަރު ކޯޓަށް ވަރަށް މަޝްހޫރު މީހުން ވެސް ހާޒިރުކުރެ އެވެ. އޭގެ ތެރޭގައި ޓެސްލާގެ ސީއީއޯ އަދި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކާއި އެކްޓަރުން ޕޯލް ބެޓަނީ އަދި ޑޭވް ފްރޭންކޯ ވެސް ހިމެނެ އެވެ.