މި އާދަޔާ ހިލާފު މޭކަޕަކީ އެންމެ ފަހުގެ ޓްރެންޑް
މި އާދަޔާ ހިލާފު މޭކަޕަކީ އެންމެ ފަހުގެ ޓްރެންޑް

ތާމަލް ސްކޭނަކުން ގައިގެ ހޫނު ތަންތަން ދައްކައިދޭ ފަދައިން މޭކަޕް ބޭނުންކޮށްގެން އެގޮތަށް ކުލަ ޖައްސާލުމަކީ ފަހަކަށް އައިސް މަޝްހޫރު ޓްރެންޑެކެވެ. މޭކަޕް އާޓިސްޓް އައިރީ ރަންދްރަސަނާ އޭނާގެ ޔޫޓިއުބް ޗެނަލްގައި ތާމަލް މޭކަޕް ޖައްސާނެ ގޮތް ކިޔައިދީފައިވެ އެވެ.

ރަންދްރަސަނާ ބުނިގޮތުގައި މިމޭކަޕް ކޮށްލަން ހިޔާލު ލިބުނީ މާސެލޯ ކެންޓޫގެ ފޮޓޯ ޝޫޓެއްގައި ކެމިލް ތޮމްސަން ކޮށްފައި ހުރި މޭކަޕް ސްޓައިލުންނެވެ. އެ ފޮޓޯ ޝޫޓުގައި ތާމަލް ސްކޭނަކުން ފެންނަގޮތް ވަރަށް ނަލަ ރެޓްރޯ ސްޓައިލަކަށް ދައްކާދީފައި ހުއްޓެވެ.

ރަންދްރަސަނާގެ ވީޑިއޯގައި ތާމަލް މޭކަޕް ކޮށްލެވޭނެ ފަސޭހަ ގޮތްތައް ދައްކާލާފައިވެ އެވެ. ފައުންޑޭޝަނާއި ކޮންސީލާ ޖެއްސުމަށްފަހު އައިޝެޑޯގެ ކުލަތައް އާދައިގެ ހައިލައިޓާއަކާ އެއްކޮށްލުމަށް ފަހު ކޮލުގައި ނުވަތަ މޫނުގެ ބޭނުން ހިސާބެއްގައި ޖެއްސިދާނެ އެވެ.

އެކި ވައްތަރުގެ ކުލަ ބޭނުންކޮށްގެން އެމީހަކު ބޭނުންވާ ގޮތެއް ނެރެވިދާނެ އެވެ. ނޫ ކުލައިގެ އެކި ޝޭޑުތައް ބޭނުންކޮށްގެން ފިނިކަން ސިފަވާ ކަހަލަ މޭކަޕެއް ކޮށްލެވޭނެ އެވެ. ނުވަތަ އެކި ކަހަލަގެ ރީނދޫ އަދި އޮރެންޖު ކުލަ އެއްކޮށްގެން ހޫނުކަން ސިފަވާ ކަހަލަ މޭކަޕެއް ވެސް ކޮށްލެވޭނެ އެވެ. މީގެ އިތުރުން ވިއްސާރަ ދުންޏެއްގައި ހުންނަ ކުލަތައް ސިފަވާ ގޮތަށްވެސް މޭކަޕް ކޮށްލެވޭނެ އެވެ.

ތާމަލް މޭކަޕަކީ ގައިމުވެސް އޮފީހަށް ނުވަތަ މިފަދަ ރަސްމީ މުނާސަބަތަކަށް ޖައްސާލެވޭނެ ޒާތުގެ މޭކަޕެއް ނޫނެވެ. ނަމަވެސް، ކޮސްޓިއުމް ޕާޓީއަކަށް ނުވަތަ މިފަދަ ކޮންމެ މުނާސަބަތަކަށް ގުޅުވާލައިގެން ޖައްސާލެވިދާނެ އެވެ.