12 އެޕްރީލް 2022 - 12:24

ފެތެމުން ދާ އޮޑި ސަލާމަތްކުރަން ބޭނުން ނަމަ، އެންމެން އެއްބައިވަންތަވުމަށް އެދޭ ކަމަށާއި މިއަދު މި ފަށަނީ ތަރައްގީގެ މުޅިން އާ ޒަމާނެއް ކަމަށް ޕާކިސްތާނުގެ އާ ބޮޑުވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ޝާހްބާޒް ވަނީ، އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ގައުމީ އެއްބައިވަންތަކަން އިސްކުރުމަށް، އެ ގައުމުގެ ސިޔާސީ ޕާޓީތަކަށާއި އާންމު ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.
"ފެތެމުން ދާ އޮޑި ސަލާމަތްކުރަން ބޭނުން ނަމަ، އަހަރެމެން އެންމެން ކުރަންވީ ކަމަކީ ބުރަ މަސައްކަތް ކުރުމާއި އެއްބައިވަންތަވުން، އެއްބައިވަންތަވުން، އަދިވެސް އެއްބައިވަންތަވުން. މިއަދު އަހަރެމެން މި ފަށަނީ ތަރައްގީގެ މުޅިން އާ ޒަމާނެއް."
ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާހް ޚާންގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، އެ ގައުމުގެ 23 ވަނަ ބޮޑުވަޒީރުގެ މަގާމަށް، މުހައްމަދު ޝާހްބާޒް ޝަރީފް އިއްޔެ ވަނީ އައްޔަންކޮށްފަ އެވެ.
ޝާހްބާޒް ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން ސަލާމަތްވުމަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ޕެންޝަންގެ މިންވަރު ވެސް އިތުރުކޮށް، މަސައްކަތު މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ މިންވަރު ވެސް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރުކުރީ، ހޯމަ ވިލޭރޭ ދަންވަރު ބޭއްވި، ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމުގައި، އެ މަޖިލީހުގެ ޖުމްލަ 342 މެމްބަރުންގެ ތެރެއިން 174 މެމްބަރުންގެ ވޯޓުން، އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ. ޝާހްބާޒް ޝަރީފް ބޮޑުވަޒީރު ކަމުގައި ހުންނަވާނީ، އަންނަ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޕާކިސްތާންގެ އާންމު އިންތިހާބު ބޭއްވުމާ ހަމައަށެވެ.
އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް ފާސްކުރުމާ ގުޅިގެން، އިދިކޮޅު ޕާޓީތަކުން ބޮޑުވަޒީރުގެ މަގާމަށް ހުށަހެޅީ ޝާހްބާޒް ޝަރީފްގެ ނަމެވެ. އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ފަރާތުން ހުށަހެޅީ ކުރީގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ އެވެ.
އާ ބޮޑުވަޒީރުގެ މަގާމަށް ގުރައިޝީ އައްޔަން ނުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނުމާ ގުޅިގެން، ބޮޑުވަޒީރު އައްޔަން ކުރުމުގެ ވޯޓު ނެގުމުގެ ޖަލްސާ ފެށުމުގެ ކުރިން، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޕީޓީއައިގެ ހުރިހާ މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމަށް ގުރައިޝީ އައްޔަން ނުކުރުމާ ގުޅިގެން، އިމްރާން ޚާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފަ އެވެ.
އިމްރާން ޚާން ވިދާޅުވި ގޮތުގައި އޭނާ މަގާމުން ދުރުކުރީ، ޗައިނާ އާއި ރަޝިޔާއާ އެކުގައި ޕާކިސްތާނުން ގާތް ގުޅުމެއް ބާއްވަމުންދާތީ، އެމެރިކާ އަޑީގައި އޮވެގެން ޕާކިސްތާނުގެ ސިޔާސީ ބޭފުޅުއް ލައްވައި ކުޅުއްވި ސިޔާސީ ކުޅިގަނޑެއްގެ ތެރެއިންނެވެ. އެމެރިކާގެ އަމާޒަކީ އެމެރިކާގެ ސިޔާސަތަށް އިސްކަން ދެއްވާނެ ބޭފުޅެއް ބޮޑުވަޒީރުގެ މަގާމަށް ގެންނާށެވެ.
ޝާހްބާޒް ޝަރީފް، 70، އަކީ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އެންމެ ހަގު ކޮއްކޯފުޅެވެ. ސިޔާސީ ބޭފުޅަކަށް ވުރެ ބޮޑަށް، ކާމިޔާބު އިދާރީ ހިންގުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޝާހްބާޒް ވަނީ، ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރުކަން ތިން ފަހަރެއްގެ މަތިން ފުރުއްވައިފަ އެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުތަކެއްގައި ހައްޔަރުކޮށް ކަފާލަތުގެ ދަށުން މިނިވަންވެގެން ހުރި ޝާހްބާޒް ޝަރީފަކީ، އިމްރާން ޚާން މަގާމުން ދުރުކުރެއްވުމަށްޓަކައި، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވިސްނުން އެއްގޮތް ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެހެން ނަމަވެސް، ޕީޓީއައިގެ 100 އަށް ވުރެ ގިނަ މެމްބަރުން ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވައި، ސިޔާސީ ހަމަނުޖެހުން އިތުރުވެފައިވާ މިދަނޑިވަޅުގައި، ޝާހްބާޒް ޝަރީފްގެ ސަރުކާރު ދެމިއޮންނާނީ ކިހާ މުއްދަތަކަށްތޯ މިހާރުވެސް ވަނީ ސުވާލު އުފެދިފަ އެވެ.