ކުރު ވާހަކަ: ދެބެއިންގެ ލޯބިވެރިޔާ
ކުރު ވާހަކަ: ދެބެއިންގެ ލޯބިވެރިޔާ

ޒަފްރާން އިނީ އެނދަށް އަރައެވެ. ހުދުކުލައިގެ ދަގަނޑު އެނދުގެ މެދަށް އަރައި ދެފައި ވަށްކޮށްލައިގެން އޭނާގެ އައިފޯނު ހުޅުވާލައިގެންނެވެ. ފަންކާއެއް ނެތް ސީލިންގާ ދިމާލަށް ފޯނު ދިއްކޮށް ޒާތްޒާތުގެ ވައްތަރު މޫނަށް ޖައްސަމުން ސެލްފީ ނަގަމުން އެ ސެލްފީތައް ބަލައި ހާވައި ހެމުންގެންދިޔައިރު އެ މަންޒަރެއް ބަލަން މި ކޮޓަރީގެ ކުޑަދޮރާ ދިމާލުގައި ހަމަ އެ އުމުރުގެ އެހެން ޒުވާނަކު ހުއްޓެވެ. ފާރުގައި ލެނގިލައިގެން ވަރަށް ހަމަޖެހިލައިގެންނެވެ. ފަތުބިޑިއެއް އޮޅައި އޭގައި ދޫލައި އޮމާންކުރަމުން ޒަފްރާން ޖައްސަމުން ދިޔަ ވައްތަރަށް ކަޅިއެއް އެއްލާލައިގެންނެވެ. ޒަފްރާންގެ ސަކަރާތަށް ޝައުގުވެރިވެފައިވީ އޭނާގެ މޫނުމައްޗަށް ލާނެއް ހިނިތުންވުމެއް މަޑުމަޑުން ފެތުރެމުންދިޔައިރު މި ޒުވާނާ ހީވަނީ ލޯގަނޑަކުން ފެންނަމުންދިޔަ ޒަފްރާންގެ ދިރޭ އެހެން ސޫރައެއް ގޮސް އެތަނުގައި މަޑުކޮށްލައިގެން ހުރި ހެންނެވެ. އެހެން ހީނުވާންވީ ސަބަބެއް ވެސް ނެތެވެ. އެއްމާބަނޑު ދެބެއިންނެވެ.

ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ހުރި ޒަކްވާން، ޒަފްރާނަށް ވުރެ ދޮށީ އެންމެ ދެ މިނެޓަށެވެ.

އަނބުރައި އޮޅައި އޮމާންކުރި ފަތުބިޑި ތުނބުގައި ޖެހުމަށް ފަހު ޖީބުން ލައިޓަރެއް ނަގައި ޒަކްވާން އެ ބިޑި ރޯކޮށް ނިކަން ގަދަ އަށް އެއަށް ދަމާލިއެވެ. ދެން މަޑުމަޑުން ކުރިއަށް ޖެހި ހިނގާލާފައި ގޮސް އެ ބިޑި އޭނާ ދިއްކޮށްލީ ކޮއްކޮއަށެވެ. އެކަމަކު ޒަފްރާން އިނީ އެއަށް ވުރެ ގަދަ މަސްތެއްގައި ޖެހިފައެވެ. އަދިވެސް އައިފޯނުގެ ޖާދޫ އާއި އޭގެ އަވާގައި ޖެހި ގެއްލިފައެވެ.

ޒަފްރާނަށް ދިއްކޮށްލި ބިޑި ގެނެސް އަނެއްކާވެސް ނިކަން ގަދަ އަށް ދަމާލުމަށް ފަހު އެނދުގެ ދަގަނޑު ފަޑިއަށް މަޑުމަޑުން އޭތި ނިއްވާލިއެވެ. ދެން އޭނާ ގޮސް ވަނީ ފާހާނާ އަށެވެ.

ފާހާނާ އަށް ވަދެ، މޫނު ދޮންނަ ތަށިގަނޑާ ދިމާލު މަތީގައި ހަރުކޮށްފައި ހުރި ލޯގަނޑާއި ފާރާ ދޭތެރޭގައި ފަތުބިޑީގެ ބާކީ އޮތްބައި ފޮރުވުމަށް ފަހު ފާހާނާ ތަށިގަނޑުގެ މަތިގަނޑު ވައްޓާލައި އޭގެ މައްޗަށް އަރައިފިއެވެ. އަތް ދިއްކޮށްލުމުން މިހާރު ވަރަށް ރީއްޗަށް ސީލިންގުގައި ޒަކްވާންގެ އަތް ޖެހެއެވެ.

ބޯމަތިން ފެންނަ ހުރި ސީލިންގުގޮޅި ވަރަށް ފަރުވާތެރިކަމާ އެކު ނައްޓުވާލައި އެތެރެއަށް އަތް ކޮށްޕާލުމަށް ފަހު ސީލިންގު ތެރެއިން އޭނާ ނެގީ ދެ ފޫޓްގެ ދަގަނޑު ހޮޅިބުރިއެކެވެ.

މި ހޮޅިބުރި ހިފައިގެން އޭނާ ފާހާނާއިން ނުކުތްއިރު ޒަފްރާން އިނީ ބަލަހައްޓައިގެންނެވެ.

"ފޯނު ނިވިއްޖެ،" ފޯނުގަނޑު އެނދުމައްޗަށް ޖަހާލާފައި ޒަފްރާން އެނދުން ފޭބިއެވެ.

"ދެން ޗާޖުކޮށްލާ،" ޒަކްވާން ހިނގައިގަތީ އަނެއްކާވެސް ކުޑަދޮރާ ދިމާލަށެވެ.

"ޗާޖަރެއް ކަލޭ ނުގެނެސްދެމެއްނުން. ދެން ކިހިނެތްތަ ޗާޖުކުރަނީ މީތި،" ޒަފްރާން އަނެއްކާވެސް ގޮސް ފޯނު ނަގައި އެނދުމައްޗަށް ފޯނު ޖަހާލިއެވެ.

"ކަލޭ ތި އުޅެނީ ކީއްކުރަން މިރޭ އަނެއްކާ؟،" ކުއްލިއަކަށް ޒަފްރާންގެގެ ލޮލުގައި ދެން އަޅައިގަތީ އޭނާގެ ބޭބެގެ އަތުގައި އޮތް ދަގަނޑުބުރިއެވެ.

ޒަކްވާން އެ ސުވާލަށް ޖަވާބު ދިނީ އޭނާގެ ލާނެއް ބެލުމާއި ކުރު ހިނިގަނޑުންނެވެ.

"ތިހެން އުޅެމުން ގޮސް ކަލޭ އަދި ބޮނޑިއެއް ބޯނެ،" ޒަކްވާން ފަށަން އެ އުޅޭ ޝޯ ބަލަން ޒަފްރާން އޭނާގެ އެނދަށް އަރައި ޖައްސާލިއެވެ.

އެއާއެކު ދޮރުފޮތިގަނޑު މަޑުމަޑުން ދެ އަތަށް ކަހާލައި ޒަކްވާންގެ އަތުގައި އޮތް ދަގަނޑުބުރި ކޮށްޕާލީ ކުޑަދޮރުގައި ލާފައި އޮތް އެލުވާ ތަޅުގެ ކަރުތެރެއަށެވެ. އަދި ކޮއްކޮއާ ދިމާލަށް ބަލައި ދިން ލާނެއް ހިނިތުންވުމާ އެކު ކުއްލިއަކަށް އެ ތަޅު ފެލައި ހަލާކުކޮށް ލުއްސުވާލިއެވެ.

ދޮރު ހުޅުވާލާފައި ޒަކްވާން ފުންމާލީ ބޭރުގައި އޮތް ހަނދުވަރުގެ އައްޔަށެވެ.

"އޭއި ކަލޭ ޗާޖަރެއް ގެންނާތި މަށަށް،" އެނދުން ފުންމާލައިގެން ގޮސް ކުޑަދޮރު ކައިރިއަށް ޒަފްރާން ހުއްޓުނުއިރު އޭނާގެ ބޭބެ ވަގުޖަހަމުން ގޮސް ދުރުން ފެންނަން ހުރި ފާރެއްގެ މަތިން އަރައިގެން ފުންމާލަނީ އެވެ.

ދޮރުލައްޕާލުމަށް ފަހު ޒަފްރާން ގޮސް އަނެއްކާވެސް އެނދަށް އަރައި ދެފައި ވަށްކޮށްލައިގެން ޖައްސާލިއެވެ. އޭރު ވެސް ފަތުބިޑީގެ ވަސްގަނޑުން އޭނާގެ ކޮޓަރި އަދިވެސް ސަލާމަތެއް ނުވެއެވެ. އެކަމަކު ކަންބޮޑުވުމަކީ އެއެއް ނޫނެވެ. ކަންބޮޑުވުމަކީ އޭނާގެ ބޭބެ ކޮންމެ ރެއެއްގެ ދަންވަރު މިގޮތަށް ބޭރަށް ދާ ނަމަ އެކަން ކޮންމެވެސް ދުވަހަކުން ފަޅާއަރާނެ ކަމެވެ. އަދި ފަޅާއެރީމަ މަންމަ އާއި ބައްޕަ އެމީހުންނަށް ދޭނެ އަނިޔާއެއް ނޭނގޭތީ ބޮޑުވާ ފިކުރެވެ.

މީހެއްގެ ފިޔަވަޅުތަކުގެ އަޑު ބޭރުން އިވުމާއެކު ޒަފްރާން ކުއްލިއަކަށް ބޮކި ނިއްވާލައި ބެޑްޝީޓްދަށަށް ވަދެ ފިލައިފިއެވެ. ގަޑިން އޭރު މެންދަމުން އަނބުރައި ދޭއް ޖަހަނީއެވެ.

ސައިކަލްގައި ގޮސް ޒަކްވާން މަޑުކޮށްލައިގެން އިނީ އުޑުވިލާ އެޕާޓްމަންޓްސްގެ ބޮޑު ޕާކިންޒޯނު ތެރޭގައެވެ. ކޮކާ ހަނދުވަރަށް ގެއްލިފައި ހުއްޓައި ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އުޑުވިލާއާ ދިމާލުގައި އޮތް އަނދިރިގަނޑުގެ ތެރެއިން ނުކުމެގެން އޭނާއާ ދިމާލަށް ހިނގަމުން އަންނަ އަންހެނެކެވެ. ގާތްވަމުންދިޔަ ވަރަކަށް އެ އަންހެނާގެ ބުރުސޫރައިގައިވީ ޒުވާންކަމާއި ރީތިކަން ފާޅުވެ އޭނާ ލައިގެން ހުރި އޯރެންޖު ކުލައިގެ ހެދުމަށް ވުރެ ގަދަ އަށް ދިއްލިގަތެވެ.

އެ ޒުވާނާ އައިސް އަރައި ހަމަކޮށްލުމުން ޒަކްވާން އޭނާގެ ސައިކަލް ސްޓާޓްކޮށްލިއެވެ. އަދި ކައިރިއަށް އައިސް ހުއްޓުނު ލީސާ އަށް ހިނިތުންވެލިއެވެ. ލީސާ ބަލައިލީ ޒަކްވާން ލައިގެން ހުރި ޓީޝާޓާއި ރިޕްޑް އައިސްބްލޫ ޖީންސަށެވެ. އަދި ކައިރިއަށް ޖެހި ހިފާލީ ޒަކްވާންގެ ކަރުގައި އަޅާފައި އޮތް ރިހިކުލައިގެ ބަރު ޗޭނުފަށުގައެވެ. އަތުގައި އަޅާފައި ހުރި ފަށާއި އިނގިލިތަކުގައި އަޅާފައި ހުރި އަނގޮޓިތަކަށް ނަޒަރު އެއްލަމުންނެވެ.

"ކީއްވެގެންނޯ ދެރެއިން އެއްރޭ އަންނައިރު ހަމަ ސީދާ ފުލް ގޭންގްސްޓާ ޕާޓޭއެއްގެ ކިޓުގައި ތި އަންނަނީ މަށާ ބައްދަލުކުރަން،" ލީސާގެ ރާގުގައިވީ ސަކަގޮތެކެވެ.

"ކިހިނެތްވީ؟ ކަމުނުދަނީތަ؟،" ޒަކްވާން އޭނާގެ ލާނެއް ބެލުމުން ބަލައި ލީސާގެ މޫނަށް ހުއްޓުނެވެ.

"ނޫނޭ ނޫނޭ ބޭބީ ހަމަ ވަރަށް ވަރަށް ލޯބި. މާ ބޮޑަށް މިސްވީމަ ވާގޮތޭ މިއީ،" ޒަކްވާންގެ ގައިގައި އޮޅުލައި ބައްދައިގެންފައި ކުއްލިއަކަށް އޭނާގެ ކޮލަށް ދޮނެއް ދީ ނޭވާހުސްކޮށްލުމަށް ފަހު ފުންމައިގެން ގޮސް ސައިކަލް ފަހަތަށް އަރައި އައްޓަމަހެއްހެން ޒަކްވާންގެ ގައިގައި ލީސާ ތަތްވެގަތެވެ.

"ކާކު ސައިކަލެއް މިއީ މިރޭ؟"

އަނެއްކާވެސް ލީސާގެ އެހެން ސުވާލެކެވެ.

"ކިހިނެތްވީ؟ މިވެސް ކަމުނުދަނީތަ؟"

"ކޮންމެ ރެއަކު އާ ސައިކަލެއްގައި އަންނާތީއެއްނުން"

"ކިހާ ރޮމެންޓިކް،" މިހެން ބުނެ ހީގެންފައި މުއްގަނޑަށް ފެލާލައި ޒަކްވާން ކުއްލިއަކަށް ނައްޓާލުމުން ކުރިއަށްވުރެ ބާރަށް އޭނާގެ ގައިގައި ލީސާ ބައްދައިގަތެވެ.

ދެ މީހުން ދިޔައީ ވިލިނގިއްޔަށެވެ. ދެ އަތް ޖޯޑުކޮށް ތޮށިގަނޑުމަތިން ހިނގާލާފައި ގޮސް ޖައްސާލީ ނެރުބައްތީގެ ބުޑުގައެވެ. ހަނދު އަރައި އެހެރީ ހެވި ދިއްލިފައެވެ. ފައިވާނުގެ ދެކިބަ އެއް ފަރާތެއްގައި ބެހެއްޓުމަށް ފަހު ޒަކްވާނާ ގާތަށް ޖެހިލައި އޭނާގެ ކޮނޑުގައި ބޯއަޅައި ލީސާ ހަމަޖެހިލިއެވެ. ދުރުން ފެންނަން އޮތް މާލޭގައި ދިއްލިފައިވާ ކުލަބޮކިތަކާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"ކިހާ ރީތި މިރޭ ވެސް،" ލީސާ އެހެން ބުނެލުމުން ޒަކްވާން ވެސް ހަނދު ދޫކޮށް މާލެއާ ދިމާލަށް އެނބުރުނެވެ.

"ސިނަމާލެ ބްރިޖު ވިއު އަށް ވުރެން ވެސް މާ ސަޅި ދޯ"

ލީސާގެ އެ ހިޔާލަށް ކިޔާނެ އެއްޗެއް ޒަކްވާންގެ ދުލަކަށް ނައެވެ. ނުވަތަ ރޭގަނޑެއްގެ ރީތި ވާހަކަ ލީސާ އަށް ކިޔައިދޭން ޒަކްވާން ކޮންމެހެން ބޭނުން ނުވަނީއެވެ.

ދެ މީހުން މިގޮތަށް ބައްދަލުވާތާ މިއީ ތިން ވަނަ މަހެވެ. މިއީ ލޯބިކަން ޒަކްވާނަށް ޔަގީންވިޔަސް ދެ މީހުންގެ މި ގުޅުމަށް އެ ދަރަޖަ ދޭކަށް ލީސާ އަދި ބޭނުމެއް ނުވެއެވެ. ލީސާގެ އާއިލާ އަށް ޒަކްވާން ތައާރަފްކޮށްދޭކަށް އޭނާ އަދި ބޭނުމެއް ނޫނެވެ. އަމުދަކުން އޭނާގެ ރައްޓެހިންނަށް ޒަކްވާން ދައްކާކަށް ލީސާ ބޭނުމެއް ނޫނެވެ. އަދި ދެރެއިން އެއްރޭ ލީސާއާ އެކު ހޭދަކޮށްލަން ލިބޭ ދަންވަރުގެ މި ހިމޭން ވަގުތުގައިވީ ހިތްހަމަޖެހުން ނަގާލަން އަނެއްކޮޅުން ޒަކްވާން ބޭނުމެއް ނޫނެވެ. އޭނާ އެ އިންތިޒާރުކުރަނީ ދެ މީހުންގެ ދެމެދަށް ލޯބި އަންނާނެ އިރަކަށެވެ.

އެކަމަކު ދެ މީހުންގެ ދެމެދުގައި އޮތް ހިމޭންކަން ނަގާލީ ލީސާގެ ކުޑަ އަތްދަބަސް ތެރޭގައި އޮތް ފޯނު ކުއްލިއަކަށް ރިންގުވެގަތުމުންނެވެ. ޒަކްވާންގެ ކޮނޑުން ބޯދަމައިގެން ލީސާ ދަބަސް ތެރެއިން ފޯނު ނަގައި ބަލައިލިއެވެ. ޒަކްވާނަށް ވެސް އޭގެ ދިއްލިފައިވީ ސްކްރީން ފެންނަ ގޮތަށެވެ.

ލީސާގެ ފޯނަށް އެ ގުޅަނީ ނާޗޯ އެވެ. މީގެ ތިން މަސް ކުރިން ހުޅުމާލޭގައި އޮތް މޮޓޯ ރޭސިން އިވެންޓެއްގެ ތެރެއިން ޒަކްވާނަށް ލީސާ ފެނި ފުރަތަމަ ނަޒަރުން ލޯބިވެވުނުއިރު އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި ޒުވާނާއެވެ.

ލީސާ ކުއްލިއަކަށް ކޯލު ބިޒީކޮށްލުމަށް ފަހު ފޯނު އަނެއްކާވެސް ދަބަސްތެރެއަށް ލައި ދަބަސް ވެސް ފައިވާން ކައިރީގައި ބާއްވާލިއެވެ.

"ކީއްކުރަން އޭނަ އެ ގުޅަނީ މި ގަޑީގަ؟،" ޒަކްވާންގެ ސުވާލަކަށްވީ ލޯބީގައި އާވާރާވެފައިވީ ކޮންމެ މީހެއްގެ ހިތުގައި ވެސް އެ ވަގުތު އުފައްދާނެ ސުވާލެވެ.

ޒަކްވާންގެ މޫނަށް ބަލައި ލީސާގެ އަތް ގެންގޮސް އޭނާގެ އަތާ ޖޯޑުކޮށްލިއެވެ. އެ އަތް ކިތަންމެ މަޑުމަޑުން ދަމައި ދުރަށް ލިޔަސް ޒަކްވާންގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް އޭނާގެ މޫނުމަތިން ހަނދުވަރުގެ މި ރީތިކަމުގައި ވަރަށް ވެސް ސާފެވެ. އަދި އެހާމެ ހުތުރެވެ.

"އަހަރެން ކުރީ ދުވަހު އޭނައާ ދިމާވީއޭ. އަހަރެން ބޭނުންވީ...،" ލީސާގެ ވާހަކަ ބުރިކޮށްލާފައި ޒަކްވާން ކުއްލިއަކަށް ފުންމައިގެން ތެދުވެ ހެދިގަތްގޮތުން ދެން ކިޔާނެ އެއްޗެއް ލީސާއަކަށް ވެސް ނޭނގުނެވެ.

ލީސާ މަޑުކޮށްލިއެވެ. އަނެއްކާވެސް މާލެއާ ދިމާލަށް އެނބުރި ހަމަޖެހިލިއެވެ. ފުންމައިގެން އެނބުރިގެން ދިޔަ ޒަކްވާން އަނެއްކާވެސް އައިސް ލީސާ ކައިރިއަށް މަޑުކޮށްލިއެވެ.

"އައިއެމް ސޮރީ. އެކަމަކު ކީއްކުރަންހޭ އޭނައާ މީޓްކުރަންވީ ލީސާ؟،" ހަމަޖެހިލަން މަސައްކަތްކުރި ނަމަވެސް ޒަކްވާން އަދިވެސް ހަމައެއް ނުޖެހެއެވެ.

ލީސާ އިސް އުފުލައި ޒަކްވާނާ ދިމާލަށް ބަލައިލިއެވެ. އެއަށް ފަހު ވާހަކަ ދެއްކީ އިރުކޮޅަކުންނެވެ.

"އޭނަ ހީކުރަނީ އަހަރެމެން ދެ މީހުންނަކީ އަދިވެސް ދެ ބިޓުން ކަމަށް. ދެ މީހުން އަދިވެސް ރައްޓެހިވެގެން އުޅޭ ކަމަށް. އެހެންވީމަ އަހަރެން ބޭނުންވީ އޭނައާ ބައްދަލުކޮށް އޭނަގެ މޫނުމަތީގައި ހުރިހާ އެއްޗެއް ކިޔައިދޭން،" ލީސާ ބުނެލިއެވެ.

އެކަމަކު އޭނާގެ ވާހަކަ ހުހެއް ނުވިއެވެ.

"އަހަރެން ބޭނުމެއް ނޫން އެއްކޮޅުން ނުނިމެ އަނެއްކޮޅުން އައިސް ފަށައިގަންނާކަށް. ޒަކްވާން ކިތަންމެ ހިތްހަމަނުޖެހުނަސް އަހަރެން ބޭނުން އޭނައާ ވާހަކަ ދައްކައި ރަނގަޅަށް އެ ކަންތައް ނިންމަން،" މިހެން ބުނެފައި ދަބަސް ތެރެއިން ސިނގިރޭޓް ފޮއްޓެއް ނަގައި ތުނބުގައި ޖެހި ސިނގިރޭޓް ރޯކޮށް ލީސާ ދުންގަނޑެއް އަރުވާލިއެވެ.

ޒަކްވާން ދެން ވެސް ހުރީ ހުރިގޮތަށެވެ. ދެ ޖީބަށް އަތް ޖަހާލައިގެން މާލޭގެ އަލިތަކަށް ގެއްލިފައެވެ. އެކަމަކު އޭނާގެ ސިކުނޑި މުޅިން އެހެން ދިމާލަކަށް ގެއްލިފައެވެ.

ލީސާގެ ފޯނު އަނެއްކާވެސް ރިންގުވެގަތެވެ. އަނެއްކާވެސް ނާޗޯ އެވެ. ލީސާ މިފަހަރު ވެސް ފޯނު ނަގައި ބިޒީކޮށްލިއެވެ. ނާޗޯ އަނެއްކާވެސް ގުޅަން ފެށިއެވެ. އަނެއްކާވެސް ބިޒީކޮށްލުމަށް ފަހު ނާޗޯ އަށް މެސެޖެއް ލިޔުމަށް ލީސާ ފޯނު ހުޅުވާލިއެވެ. އެވަގުތު ފަހަތުން ފުންމައިގެން އައިސް މީހަކު އޭނާގެ އަތުން ކުއްލިއަކަށް ފޯނު ޖަހައިގަތެވެ. ޒަކްވާނެވެ.

ފޯނު ޖަހައިގެން އެ ފޯނު ހާވަމުން ޒަކްވާން ދުރަށް ހިނގައިގަތުމުން ސިނގިރޭޓް އެއްލާލާފައި ލީސާ ފުންމައިގެން ތެދުވެ އޭނާގެ ފަހަތުން ދުއްވައިގަތެވެ. ލީސާ އެހެރީ މިހާރު ރަނގަޅަށް ވެސް ޒަކްވާން ދެކެ ނައްޓައިފައެވެ. ނަމަވެސް ޒަކްވާން އެ ފޯނެއް ނުދިނެވެ. އަދި އޭނާގެ އަތުން އެ ފޯނެއް ލީސާއަކަށް އަތެއް ވެސް ނުލެވުނެވެ.

ލީސާ އެންމެފަހުން ހުއްޓާލިއެވެ. ކަޅިއަޅައި ބަލައިލުމަށް ފަހު ލީސާގެ ފޯނުގެ އެތެރެއަށް ޒަކްވާން ފީނައިގަތެވެ.

ނާޗޯ އާއި ލީސާ ބަދަލުކޮށްފައިވާ މެސެޖުތައް ހާވައި ބަލަމުން ދަނިކޮށް ކުއްލިއަކަށް ޒަކްވާންގެ ލޮލުގައި އަޅައިގަތީ އޭނާގެ ކޮއްކޮ އާއި ލީސާއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކަކާއި ފޮޓޯތަކެކެވެ. ޒަފްރާން އެނދުމަތީގައި އިނދެ ވައްތަރު ޖައްސަމުން ނެގި ސެލްފީތައް މިހާރު އެހެރީ ލީސާގެ ފޯނުގައެވެ.

މި ހަގީގަތް ކައިވަތެއްހާ ގާތުން ފެނި ލީސާއާ ދިމާލަށް ޒަކްވާން ދެން އެނބުރުނުއިރު އޭނާގެ ލޮލުގައި ވަނީ އަލިފާން ރޯވެފައެވެ.

ނަމަވެސް މިވީ ގޮތެއް އޭނާއަކަށް އަދި ފަހުމެއް ނުވިއެވެ. އަދި ލީސާ އަށް އަނިޔާއެއް ދޭން އޭނާ ބޭނުމެއް ވެސް ނުވިއެވެ. އިރުގަނޑެއް ވަންދެން އަނގައިން ނުބުނެ ލީސާއާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ރުޅިގަނޑު މައިތިރިވެ ހުލިވުމުން ފޯނު، ތޮށިގަނޑު މައްޗަށް އެއްލާލާފައި ޒަކްވާން އެނބުރިގެން އެތަނުން ފެއްސިގެން ދިޔައީއެވެ.

މަޑުމަޑުން ކުރިއަށް ހިނގާލާފައި ގޮސް ލީސާ ފޯނު ނަގައި ހުޅުވާލުމުން ފުންމައިގެން އައީ ޒަކްވާނާއެކު އެންމެފަހުން ނެގި ސެލްފީތަކެވެ. އެއީ މިރޭ އެ ފެނުނު ޕާޓޭއެއްގެ ހެދުމާއި އުޅުން ހިފައިގެން އޭނާ އައި ދުވަހެއްގެ ފޮޓޯތަކެއް ނޫނެވެ.

** ** ** **

ޒަފްރާނަށް ސިއްސައިގެން ގޮސް ހޭލެވުނީ މީހަކު ކުއްލިއަކަށް އައިސް އޭނާގެ ކަރުގައި ހިފައި ބާރުކޮށްލުމުންނެވެ. ސަލާމަތްވުމަށް ތެޅިގަތުމުން އެމީހަކު އޭނާ އެނދުން ދަމައިގަނެ ނަގައި ދުރަށް ހޫރާލިއެވެ. ޖެހުނު ގޮތަކުން ބޮލަށާއި އުނަގަނޑަށް އެރި ތަދު ނުފިލައި ރަނގަޅަށް ލޯނުހުޅުވެ އުޅެނިކޮށް އަނެއްކާވެސް އެ މީހަކު ފުންމައިގެން އައިސް ޒަފްރާންގެ ލަފުގައި ހިފައި ގަދަކަމުން އޭނާގެ ބޯހިއްލުވާލިއެވެ.

ޒަކްވާންގެ މޫނު ޒަފްރާނަށް ފެނުނީ އެހިސާބުންނެވެ. އެކަމަކު އެވަރަށް ރުޅިއަރައިގެންފައި ވަނިކޮށް މީގެ ކުރިން ދުވަހަކުވެސް ފެނިފައެއް ނެތެވެ. ސަބަބު އެނގި ވެގެން މި އުޅޭ ގޮތަކާއި ޖެހިގެން އުޅޭ މައްސަލައެއްގެ އަސްލަށް ދެބެއިންނަށް ވާސިލުވެވުނުއިރު އެކަކު އަނެކެއްގެ ހަތަރެސްފައި ބިންދައިގެން ނުދިޔަޔަސް ދެ މީހުން ވެސް ތިބީ ލޭކޮށައި އަވަދިން އަވަދިވެ ނިމިފައެވެ.

މިހާރު ދެ މީހުން އެ ތިބީ އެކަކު އަނެކަކަށް ދެވުނު އަނިޔާއާ މެދު މޮޔަ ހީވެ އެނދަށް އަރައި އެކަކު އަނެކަކަށް ފުރަގަސްދީގެން ދެ ފައި ވައްޓާލައިގެންނެވެ. ފާހާނާގެ ސީލިންގުގައި ފޮރުވައިގެން ގެންގުޅުނު ޗާޖަރު ނަގައިގެން ގެނެސް ޒަފްރާންގެ އައިފޯނު މިހާރު އެ އޮތީ ޗާޖަށް ޖަހައިފައެވެ. އެ ފޯނު ހުޅުވުނީމަ ހަގީގަތް ހުޅުވުނީއެވެ. ލީސާގެ ހަގީގަތް ހާމަވީއެވެ. ލީސާގެ މުޑުދާރު ދެ ސިފަ ބޭޒާރުވީއެވެ.

ޒަފްރާން ކިޔައިދިން ގޮތުން ނަމަ އޭނާއާ ލީސާ ބައްދަލުވީ އެ ބުނާ މޮޓޯ ރޭސިން އިވެންޓަކަށް ފަހުއެވެ. އެކަން ޒަފްރާނަށް އެނގެނީ އެ މޮޓޯ ރޭސިން އިވެންޓެއްގެ ވާހަކަ ދެ މީހުންގެ ފުރަތަމަ ބައްދަލުވުމުގައި ލީސާ އެކި ދިމަދިމާލުން ފަށައިގެން އެކި ގޮތްގޮތަށް ކިޔައިދިނުމުންނެވެ. ލީސާ ޒަފްރާނަށް ކިޔައިދީފައިވާ ގޮތުން ނަމަ ދެ މީހުން ބައްދަލުވީ މޮޓޯ ރޭސިން އިވެންޓް ތެރެއިންނެވެ. އަދި އެ ދުވަހަކީ މުޅި އެ ދުވަހު އަތާއި އަތްޖޯޑުކޮށްގެން އެކުގައި އުޅުނު ސަންޗޯއާ އޭނާއާ ދެމެދު އެންމެ ފުރަތަމަ މައްސަލަ ޖެހުނު ދުވަހެވެ.

ނަމަވެސް މޮޓޯ ރޭސިން އިވެންޓެއްގެ ތެރެއިން ލީސާއާ ބައްދަލުވި އެއްވެސް ހަނދާނެއް ޒަފްރާންގެ ނެތެވެ. އަދި މި ވަގުތާ ހަމަ އަށް ޒަފްރާން ހީކޮށްގެން ހުރީ ލީސާގެ އަސްލު ނަމަކީ ލީޒާ ކަމަށެވެ.

ކޮން ފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟ ދެބެއިންގެ ހިތް ލީސާ އެ ހަލާކުކޮށް ކުދިކުދިއަރުވާލީ އެއްވެސް ރަހުމެއް ނެތިއެވެ. އެކަމަކު މި ދެބެއިންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެކަކު ދެކެ ލޯބިވެވުމަކީ ކުށެއް ހެއްޔެވެ؟ އެކަމަކު ލޯބިވެވުނީ އަދި ބޭރަށް ދެވުނީ އެކަކާ އެކުގައި ކަން ދެބެއިންނަށް ނޭނގޭ ނަމަ މީގައި ގޯސް ހަދާފައި މި އޮތީ ކާކުކަން ވަރަށް ވެސް ސާފެވެ.

ފޯނު ހުޅުވިއްޖެއެވެ. ލީޒާ ކަމަށް ޒަފްރާން ބުނާ އަންހެނަކު އޭނާ އަށް ފޮނުވާފައިވާ މެސެޖުތަކާއި ފޮޓޯތަކުން ފުރިގެން ފޯނުން އެ މަންޒަރާއި ހަގީގަތް ބަންޑުންވަމުންދިޔައީ ފެންކަޅިވެފައި ހުރި ޒަކްވާންގެ އުނގަށެވެ. ލީޒާގެ ނަމުގައި އެ ނަމްބަރު ސޭވްކޮށްފައި އޮތަކަސް އެއީ ހަމަ ލީސާއެވެ. ސެލްފީއަކަށް ފަހު ސެލްފީއެއް ކަހައި ގެއްލުވަމުން ގޮސް ފޮޓޯތައް ހުސްކޮށް ޒަކްވާން ބަލައިލީ އޭނާގެ ކޮއްކޮއަށެވެ.

ޒަފްރާން ދިއްކޮށްލީ ރޯކޮށްލާފައި އޮތް ފަތުބިޑިއެކެވެ. އަ ފަތުބިޑި އަތުލައިގެން ފުލުފުލުގައި ނިކަން ގަދަ އަށް ދެ ތިން ފަހަރަށް ޒަކްވާން އެއަށް ދަމާލިއެވެ. ހީވީ އަރު ތެރޭގައި އަލިފާން ޖެހިހެންނެވެ. ނަމަވެސް ލީސާ ދިން ކެއްސަށް ވުރެ ބޮޑު ވޭނެއް އޭނާ އަށް ދެވޭނެ އެއްވެސް ގޮތެއް ދެން ވާނެ ހެއްޔެވެ؟

ފަތުބިޑި ބޮއެ އަމަލުވެގެން ތިބެ ޒަފްރާނާއި ޒަކްވާން ދެން ރޭވީ ލީސާގެ ކިބައިން ބަދަލުހިފާނެ ގޮތެވެ. އޭނާ އަށްޓަކައި ދެ މީހުން ހުސްކުރި ހިތް ނަފުރަތުގެ ހިލައިން ބަރުކޮށް ނިމުނީއެވެ.

ދެ މީހުންގެ ރޭވުމާ އެއްގޮތަށް ލީސާ އަށް މެސެޖުކުރީ ޒަފްރާނެވެ. ބައްދަލުކުރަން އެދި ދައުވަތު ދިނީ ދެ މީހުންގެ ރަސްމީ ސްޕޮޓަށެވެ. ސިނަމާލެ ބްރިޖުގެ ހިނގާ ލޭނަށެވެ. ބްރިޖު އޭގެ ބައްޓަމުގައި އުފުލި އެންމެ އުސްވާ ހިސާބަށެވެ. ކަނޑުގެ ލޮނުގަނޑު އެންމެ އުސްވާ މެންދަމުގެ ރަސްމީ ވަގުތަށެވެ.

އެ ބައްދަލުވުން އައީ އޭގެ ތިން ރޭ ފަހުންނެވެ. ލީސާ ބޭނުންވި ގޮތެވެ. އޭނާ އެތަނަށް ދިޔައިރު މާ ކުރިން ޒަފްރާން ގޮސް އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ. ނަމަވެސް ޒަފްރާން ހުރީ މީގެ ކުރިން ދުވަހަކުވެސް ލީސާ އަށް އޭނާ ނުފެންނަ ހާލަކާއި ސިފައެއްގައެވެ. އެއީ ޒަފްރާންކަން ޔަގީންކުރަން ވެސް ލީސާ އަށް އިރުކޮޅެއް ނެގިއެވެ. ނަމަވެސް ލީސާގެ މުޑުދާރު ދެ ސިފައިގައިވީ އޮޅުވާލުމާއި ކެހިވެރިކަމުގެ އިމުން ފަށައި ހަޅޭފަޅޭޖަހައިގަތުމަށް ޒަފްރާނަކަށް ހިނދުކޮޅެއް ވެސް ބޭނުމެއް ނުވިއެވެ.

"ކަލޭ ތިއީ ހާދަ ދޮގުހަދާ ނުލަފާ ރަންޑީ އަންހެނެކޭ ލީޒާ. މަށަކަށް ނޭނގޭ ކަލެއަށް ގޮވަންވީ ނަމެއް ވެސް މިހާރަކު. ލީޒާތޯ ލީސާތޯ. ހަމަ ހުސް އޮޅުވާލުން،" ލީސާ ގޮސް މަޑުކޮށްލުމާއެކު އޭނާއާ ދިމާލަށް އެނބުރި ޒަފްރާންގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ.

ކިޔާނެ އެއްޗެއް ނޭނގި ލީސާގެ ހިތަށް ވަނީ ބިރުވެރިކަމާއި ހާސްކަމެވެ. ވަކިން ހާއްސަކޮށް މިރޭ ޒަފްރާން ހުރި ގޮތުންނެވެ.

ބޭއިހުތިޔާރުގައި ލީސާ އަށް ފަހަތަށް ޖެހިލެވުނެވެ. ޒަފްރާން އޭނާއާ ދިމާލަށް ކުރިއަށް ޖެހެން ފެށިއެވެ. އެއާއެކު ޒަފްރާންގެ ފަހަތުން ހަމަ އޭނާގެ ސިފައިގައި ހުރި އިތުރު ފިރިހެނަކު ކުއްލިއަކަށް ފާޅުވެއްޖެއެވެ. އެއީ ޒަކްވާނެވެ. އަތުގައި އޮތް ދަގަނޑު ހޮޅިބުރިގަނޑު އޭނާ ކޮއްކޮގެ އަތަށް ދިއްކޮށްލިއެވެ.

"ޒަފްރާން ބަލަ ކިހިނެތްވެގެން އުޅޭ ރެއެއްތަ؟ ކޯއްޗެއްތަ ލައިގެން ތިހިރީ. އަހަރެން މިތަނަށް ގެނައީ މަށާ ޒުވާބުކޮށް މާރާމާރީ ހިންގަންތަ. އެވެސް އަދި މަށަށް ކިޔާ ނަން ކަމުނުގޮސްގެންތަ،" ލީސާ މަޑުކޮށްލިއެވެ. ޒަފްރާނާ ކުރިމަތިލުމުގެ އަޒުމުގައެވެ.

"ނަން އެކަންޏެއް ނޫން ކަލޭ އޮޅުވާލީ. ކަލޭ އޮޅުވާލީ މަށަށާ މަގޭ ބޭބެއަށް. ކަލޭ ހިތާތިވީ އަހަރެމެން ދެބެއިންނާ މިހިރަ މުޑުދާރު ރަންޑީގަނޑާ،" ޒަފްރާން ކުރިއަށް ޖެހެމުން އައިސް ކުރިމައްޗަށް ހުއްޓުނުއިރު ވެސް ލީސާ އަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. ބަސްހުއްޓި ދެފައި ގަނޑުވެ އަންތަރީސްވެފައެވެ.

"ލީސާ އަކީ އަމިއްލަ އަށް ރީތިވެގެން އަމިއްލަ އަށް މަށަށް ގޮވާ ގޮތެއް ނޫން ހެއްޔެވެ؟ ކޮން ބޭބެއެއް ހެއްޔެވެ؟"

ވީއެއްނުވީއެއް ނޭނގި މި ފިކުރެއްގެ ތެރޭގައި ބަނދެވި ހުއްޓުން އަރާފައި ވަނިކޮށް ޒަފްރާންގެ އަތުގައި އޮތް ދަގަނޑުބުރިން ލީސާގެ ބޮލުގައި ވަރުގަދަ އެތިފަހަރެއް އަޅުވައިލިއެވެ. ފަޅައިގެން ދިޔަ ބޮލުން ދުނިޖަހާފައި ލޭ ބުރައިގަތެވެ. ޒަފްރާންގެ މުޅި މޫނަށެވެ. އޭނާ ލައިގެން ހުރި ޕޭޝަންޓް ގައުން ވެސް އިސާހިތަކު ލީސާގެ ލެއިން ކަޅިވެއްޖެއެވެ.

ލީސާގެ ހަށިގަނޑު ނަގައި ބްރިޖު މަތިން ކަނޑަށް ވައްޓާލީ ދެބެއިންވެގެންނެވެ. ލީސާގެ ގަބުރު ޖެހިގެން އައި ދުވަހު ފެނުނީ ރާޅަށް ގޮސް އުޅުނު ޒުވާނުންގެ ބަޔަކަށެވެ. މި ޚަބަރު ދުވަހުގެ ފަލަ ސުރުހީ އަށް އެރިއިރު ފަލަ ސުރުހީ އަށް އަދި ނާރާ ޚަބަރަކީ މާލޭގައި ހިންގާ ސައިކިއެކްޓްރިކް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ނުރައްކާތެރި ބަލި މީހަކު އެތަނުން ފިލައިގެން އުޅޭ ޚަބަރެވެ.

މަލްޓި ޕާސަނާލިޓީ ޑިސްއޯޑާ ހުރި ކަމަށް ޑޮކްޓަރުން ބުނާ މި ބަލި މީހާގެ ނަމަކީ ޒަފްރާން ޝާކިރެވެ. ތިރީސް ދެ އަހަރެވެ.