އެޗްޑީސީގެ އިންޒާރާ އެކު ކުލި ކުޑަކުރަން ގޮވާލައި އަނެއްކާވެސް ނުކުމެއްޖެ
އެޗްޑީސީގެ އިންޒާރާ އެކު ކުލި ކުޑަކުރަން ގޮވާލައި އަނެއްކާވެސް ނުކުމެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުމަށް ދެކޮޅު ހަދާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދީފައި ވަނިކޮށް ކުލި ކުޑަކުރަން ގޮވާލައި ބަޔަކު މިރޭ މުޒާހަރާކޮށްފި އެވެ.

އެޗްޑީސީގެ އިންޒާރާ އެކު ކުލި ކުޑަކުރަން ގޮވާލައި އަނެއްކާވެސް ނުކުމެއްޖެ
އެޗްޑީސީގެ އިންޒާރާ އެކު ކުލި ކުޑަކުރަން ގޮވާލައި އަނެއްކާވެސް ނުކުމެއްޖެ

މި މުޒާހަރާކުރީ ހިޔާ ފްލެޓުތަކަށް ކުލިދެއްކުމަށް އެހީތެރިވެދީ ކުލި ނެގުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ހިޔާ ޓަވަރުތައް ކައިރީގައި އެޗްޑީސީން ބެހެއްޓި ޑެސްކްތައް ކައިރިއަށް އެއްވެ އެވެ.

ބެނާތަކުގައި އެކި މެސެޖުތައް ލިޔެގެން ނުކުމެ ގޮވާލީ ފްލެޓުތަކުގެ ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށެވެ.

ދެ ކޮޓަރީގެ ހިޔާ ފްލެޓަށް މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ މެއިންޓެނަންސް ފީ އާ އެކު 8،500ރ. އެވެ. މިއީ ބޮޑު އަދަދެއް ކަމަށާއި އެވަރު ދެއްކޭހާ އެމީހުންގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ އަޑުއުފުލި އެވެ. ފްލެޓަށް ދެއްކޭނީ ވެސް 5،600 ރުފިޔާ ކަމަށް އެ ބެނާތަކުގައި ލިޔެފައިވެ އެވެ.

އެ މުޒާހަރާގައި އެޗްޑީސީން ބިރު ދެއްކުން ހުއްޓާލަން ވެސް ގޮވާލި އެވެ. މިގޮތަށް އަޑުއުފުލީ ކުލި ނުދެއްކުމަށް ބާރު އަޅައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މައްސަލަ ބަލައިދޭން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާ އެކު ކުލި ނުދައްކައިގެން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމުގެ އިންޒާރު އެޗްޑީސީން މިރޭ ދިނުމާ ގުޅިގެންނެވެ.

އެ ފަދަ އިންޒާރަކާ އެކު އެޗްޑީސީން ބަޔާން ނެރެން ޖެހުނީ ހިޔާ ފްލެޓްތައް ދޫކުރިތާ ހަތް މަސް ފަހުން މި މަހު ކުލި ނަގަން ފެށުމުން ވެސް ކުލި ނުދައްކަން ހިޔާ ޔޫނިއަނުން ގޮވާލަމުންދާތީ އެވެ.

އިންޓްރެސްޓް ބޮޑު ލޯނަކުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން މީގެ ކުރިން ވެސް ތަކުރާރުކޮށް އެދުނެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ އެގޮތަށް ލަސްކޮށްފި ނަމަ އެޗްޑީސީއަށް މާލީ ބޮޑެތި ގެއްލުންތަކެއް އިތުރަށް ވަމުންދާނެތީ އެކަން ކުރެވެން ނެތް ކަމަށެވެ.

މީގެ ކުރިން ވެސް ހިޔާ ޔޫނިއަނުން އިސްވެ ކުލި ކުޑަކުރަން ގޮވާލައި މުޒާހަރާތައް ކޮށްފައިވެ އެވެ.