12 އެޕްރީލް 2022 - 09:46

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓްގެ މަހު ކުއްޔަކީ މެއިންޓެނަންސް ފީ އާ އެކު 8،500ރ. ކަމަށް ސަރުކާރުން ކަނޑައެޅުމާ އެކު ފްލެޓްގެ ލިބުނު މީހުން އުދާސްތައް ބަންޑުން ކޮށްލި އެވެ. މިއީ ދެ ކޮޓަރީގެ ފްލެޓްތަކަކަށް ބޮޑު އަގެއް ކަމަށާއި އެވަރުގެ ތަނަވަސް ކަމެއް އެ މީހުންގެ ނެތް ކަމަށް ބުނެ ފްލެޓްގެ އަގު ހެޔޮކޮށްދޭން ރައީސް އޮފީހާއި އެޗްޑީސީގައި ވެސް އެތައް ފަހަރަކު އެދުނެވެ. އެ މީހުންގެ އާދޭހަކަށްވީ ފްލެޓް ކުލީގެ ގޮތުގައި ކުރީގެ ސަރުކާރުން ކަނޑައެޅި 5،600ރ. ނެގުމެވެ.

ސޯޝަލް ހައުސިން ސްކީމަކާ ބަލައި، މިހާރު ނަގަމުންދާ އަގު ބޮޑު ކަމަށް ސަރުކާރަށް ގަބޫލުކުރެވުނަސް ކުލި ކުޑަކުރެވެން ނެތް ސަބަބު އެތައް ފަހަރަކު އޮޅުން ފިލުވައިދީފި އެވެ. ސަރުކާރުން ބުނާ ގޮތުގައި ސަރުކާރުން ސަބްސިޑައިޒްކޮށް 8،500ރ. އަށް ބަދަލުކުރުމުން 138 މިލިއަނުގެ ކޭޝް ފްލޯ ޑެފިސިޓެއް މުޅި ޕްރޮޖެކްޓްގެ މުއްދަތުގައި ކުރިމަތިވެ އެވެ. އަދި 6،600ރ. އަށް އަގު ކުޑަކޮށްފި ނަމަ، 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އާދެ އެވެ.

އެހާ ބޮޑު މާލީ ގެއްލުމަކާ އެޗްޑީސީ ކުރިމަތިލާން ޖެހޭތީ މިހާރު އޮތް އަގުގައި ކުރިއަށްދާން ނިންމައި، އަދި ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުން ހަދައި، ހަތް މަސް ފަހުން ކުލި ނަގަން ފެށުމުން ވެސް ފެންނަނީ ބަޔަކު މީހުން ކުލި ދައްކަން ދެކޮޅު ހަދާ މަންޒަރެވެ.
އެ މީހުން ބުނަނީ ފިނިޝިން ނުނިންމާ ހަވާލުކުރި ފްލެޓްތަކެއް ނިންމުމަށް އެތައް ހަރަދެއް އަމިއްލަ ޖީބުން ހިންގުމަށް ފަހު، އެ ހަރަދު ފޫނުބެއްދެނީސް ކުލި ދެއްކުމަކީ ބޮޑު ބުރައެއް ކަމަށެވެ. ފްލެޓްގެ މަސައްކަތް އެންމެ އާދައިގެ ގޮތަކަށް ނިންމުމަށް ވެސް ލައްކައެއްހާ ރުފިޔާ އެ މީހުން ހަރަދުކުރި ކަމަށްވެ އެވެ. އެ މަސައްކަތްކުރީ ބައެއް މީހުން ލޯނު ނަގައިގެންނެވެ. އެހެންވެ މި ވަގުތަށް ކުލި ދެއްކުމަށް އެ މީހުން ދެކޮޅު ހަދަނީ އެވެ.
އެކަމަކު ހިޔާ ފްލެޓްގެ މީހުންނަށް އެކަނި މިގޮތަށް ކުލި އެތައް މަހަކު ފަސްކޮށްދިނުމަކީ އެންމެ އިންސާފުވެރި ގޮތްތޯ މީހުން ސުވާލު އުފައްދަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފްލެޓް ހަވާލުކޮށް އެ މަހުން ފެށިގެން ކުލި ނަގާ ގޮތަށް އޮތަސް އޭރު ތިން މަހަށް ކުލި ފަސްކޮށްދިނީ އެވަރުގެ ބޮޑު އެއްޗެއް ކުއްޔަށް ނުދެއްކޭނެ ބުނުމުންނެވެ. ފަހުން އިތުރު އެއް މަސް އަނެއްކާ ވެސް އިތުރުކޮށްދިނުމަށް ފަހު އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް ތިން މަހަށް ކުލި ފަސްކޮށްދިނެވެ.
އެކަމަކު އެވަރުން ވެސް އެ މީހުންނަށް ނުފުދުނީ ކަމަށް ބުނެ ބައެއް މީހުން ދަނީ "ތިތަންތަން ހިލޭ ދޭށޭ" ކިޔައި، މި މައްސަލާގައި އެ މީހުންގެ ރުޅިގަނޑު ބާލަމުންނެެވެ. ކުލި ނަގަން އެއްވެސް ބަޔަކު ބޭނުން ނުވިޔަސް އެހެން މީހުން ވެސް ބޮޑު ކުލި ދީގެން އުޅެމުން އަންނައިރު ވަކި ހިޔާ ފްލެޓްގެ މީހުން އިސްތިސްނާވާން ޖެހޭ ސަބަބެއް ނެތް ކަމަށް މީހުން ދެކެ އެވެ.
އަނެއްކޮޅުން ސަރުކާރުން ބޮޑު ކުލި ނަގާތީ އެކަމަށް ރުޅި ބޭލުމަށް ފަހު އެ މީހުން ބޮޑު ކުލީގައި އެ ތަންތަން ކުއްޔަށް ދޭންވީމަ އެކަން "ވަރިހަމަތޯ" ބުނެ އެތައް ޝަކުވާއެއް މި މައްސަލައާ ގުޅިގެން ފުނިޖެހުނެވެ. އެކަމަކު އޭގެ ޖަވާބަކީ ތިމަންނާމެން އަމިއްލަ ޖީބުން ހެދި ތަންތަނެއްގެ ހަރަދު ފޫބައްދަން އެވަރު ނެގުމުގައި މައްސަލައެއް ނެތް ކަމަށެވެ.
"ކާއެތިކޮޅު ރޯފިލުވަން އުނދުނަށް އަރުވާލިތަނުން ކެތް ނުލަވައިގެން ހުރިމީހާ ބުނީ އަވަހަށް ކާން ތައްޔާރުކުރަން. ދެން ކާންދޭމީހާ ކުރިކަމަކީ ކާއެތިކޮޅު ރޯނުފިލަނީސް ކާން ތައްޔާރުކޮށްފި. ކާންހުރި މީހާ ރުޅިގަދަވެގެން ޝަކުވާ ފުނިވަރު އޮއްސާލައިފި. ހިޔާ ފުލެޓަށް ވެސް ދިމާވެގެން އުޅެނީ މިހެން. ރަނގަޅު އެއްގޮތެއް ވެސް ނެތް. ތަން އެއްކޮށް ނިންމާ ހަވާލު ކުރެވެންދެން ވެސް ކެތެއް ނުކުރެވުނު،" މިހާރުގައި ހިޔާ ފްލެޓާ ގުޅިގެން ޝާއިއުކުރި ހަބަރަކަށް މީހަކު ކުރި ކޮމެންޓެއްގައިވެ އެވެ.
އަނެއް ބަޔަކު ގަބޫލުކުރަނީ ފްލެޓަށް ކުލި ދައްކަން ދެކޮޅު ހަދާ ނަމަ، އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކަށް ފްލެޓް ދިނުމެވެ.
މީހުން އުޅެން ފެށުމުގެ ކުރިން ފްލެޓް ލިބުނު މީހުންގެ ފަރާތުން ހިޔާ ޔޫނިއަނުން މަސައްކަތް ކުރަމުންދިޔައީ ފްލެޓްތަކުގެ ކުލި ކުޑަކުރެވޭތޯ އެވެ. ޕެޓިޝަނާއި ސިޓީ އަދި ފަރުދީ ގޮތުން އެކި ފަރާތްތަކުން މިކަމުގައި ކަމާ ބެހޭ ފަރާތްތަކުގެ ފަރާތުން ފެހި ސިގްނަލެއް ލިބޭތޯ މަސައްކަތްކުރި އެވެ.
އެކަމަކު މިހާރު ކުލި ނެގިޔަސް އެ ޔޫނިއަނުން އުއްމީދުކުރަނީ ކުލި ކުޑަކުރެވޭނެ ދުވަހެއް އަދި އަންނާނެ ކަމަށެވެ.
އެ ޔޫނިއަންގެ ހެޑް ފައުންޑަރު، އަބްދުﷲ އަމްޒަލް، "މިހާރު" އަށް ވިދާޅުވީ ފްލެޓަށް ކުލި ދެއްކުމަށް ދެކޮޅު ހަދަމުން އަންނަ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އޭނާ ފާހަގަކުރެއްވި ފުރަތަމަ ކަމަކީ އެޗްޑީސީން ތިން ފަހަރެއްގެ މަތިން އެ ސަރަހައްދުގައި ސާވޭއެއް ކުރިއަށް ގެންދިޔައީ މީހުންގެ މާލީ ހާލަތު ބެލުމަށް ނަމަވެސް އެކަމަށް ރިއާޔަތްކުރުމެއް ނެތި އެންމެން އަތުން ކުލި ނަގަން ފެށުމެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޔޫނިއަނުން ދެކޮޅު ހަދަނީ ހުރިހާ ފްލެޓަކުން ކުލި ނެގުމަށެވެ. އެ ޔޫނިއަނުން ބެލި ބެލުމުން ވެސް އެތަނުގައި މާލީ ގޮތުން ވަރަށް ދަތި ހާލުގައި އުޅޭ 1500-2000 އެއްހާ މީހުން އެބަ ދިރިއުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޔޫނިއަނަށް ވެސް އެނގޭ ވަރަށް އެޗްޑީސީ އަށް ފްލެޓްތަކުގެ މީހުންގެ ހާލަތު ނޭނގޭތީ މައްސަލައަކީ. ތިން ފަހަރަކު އެތަނުގައި އެޗްޑީސީން ސާވޭ ހަދައިފި ފައިނޭންޝަލް ހާލަތު ބެލުމަށް. އެކަމަކު އެންމެން އަތުން ކުލި ނަގަން ނިންމިއިރު ސާވޭއަކަށް ނުބަލާ،" އޭނާ ވިދާޅުވި އެވެ.
ބައެއް މީހުން ތިން ހަތަރު ލޯނު ނަގައިގެން ފްލެޓް ހެދިއިރު އޭރު ބައެއް މީހުން އަވަހަށް ބަދަލުވުމަށް އެތަން ނުހަދާ ވެސް ބަދަލުވި އެވެ. އެ މީހުންގެ ކަންބޮޑުވުން އޮތީ ރޯދަ މަހާ ވެސް ދިމާކޮށް ކުލި ނަގަން ފެށުމެވެ.
"ހަމަ ކުލި ދައްކާނެ ވަރު ނެތިގެން ކުލި ނުދައްކާ މިއުޅެނީ. ފުލެޓަށް ވަދެވޭ ވަރުވީ ތިން ލޯނު ނަގައިގެން. ލޯނުތަކަށް މަހަކު 8000 ކަނޑާފައި، ތިބައިގަނޑަށް 8500 ދައްކާފައި ނުކައި ނުބޮއެތަ ދެން ހުންނަންވީ،" އިތުރު މީހަކު ކުރި ކޮމެންޓެއްގައިވެ އެވެ.
ފްލެޓް ލިބުނު މީހުން 5600 ކުލި ބަދަލުކޮށްދޭން އެދުނަސް އޭރު ފްލެޓްގެ ހިސާބު ހަދާފައި އޮތީ ނުބައިކޮށް ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެ އަގު ކަނޑައެޅިއިރު ބިމުގެ އަގާއި އެތަނުގެ އެހެން ހިދުމަތްތަކުގެ އަގު ވެސް ނުހިމެނޭ ކަމަށާއި ލޯނު ރިޕޭ ޕީރިއަޑްގައި އޮންނަ އިންޓަރެސްޓް ވެސް އޭގެ ތެރޭގައި ނެތެވެ.
އަށް ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށް ނެގި އެ ލޯނު މި ސަރުކާރުން ވަނީ ބިމުގެ އަގާއި މެނޭޖްމެންޓް ފީތައް ކަނޑައިލުމަށް ފަހު، ފްލެޓެއްގެ އަގު އެއް މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. ފްލެޓް އަޅަން ނެގި ލޯނުގެ އިންޓްރެސްޓް 6.7 ޕަސެންޓަށް ކުޑަކޮށް ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު 25 އަހަރުގެ މުއްދަތަށް ސަރުކާރުން ވަނީ އިތުރުކޮށްފަ އެވެެ. ބަދަލުތަކާ އެކު ވެސް ސަރުކާރުގެ ބަޖެޓުން ލޯނު ދެއްކުމަށް އިތުރަށް 3.2 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އިއްޔެ މާލިއްޔަތު ކޮމިޓީގައި ވެސް އޮޑިޓަ ޖެނެރަލް ހުސެން ނިޔާޒީ ވަނީ މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ނިޔާޒީ ބާރު އެޅުއްވީ ހާއްސަ ސަމާލުކަމެއް ދީގެން އެޗްޑީސީން ސްކީމްތަކުގެ ފައިސާ ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެއީ އެޗްޑީސީން މިހާތަނަށް ލޯނުގެ ގޮތުގައި ނަގާފައިވާ 700 މިލިއަން ޑޮލަރު (10.7 ބިލިއަން ރުފިޔާ) ގެ ތެރެއިން 400 މިލިއަނެއްހާ ޑޮލަރު (ހަ ބިލިއަން ރުފިޔާ) އަކީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނަށް ވާއިރު އެ ރަނގަޅަށް މެނޭޖް ނުކުރެއްވިއްޖެ ނަމަ، ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެތީ އެވެ.
އެކަމަކު މި މައްސަލައާ ގުޅިގެން ފެންނަނީ އެޗްޑީސީން ވެސް ދޫދޭ މަންޒަރެވެ. ކޮންމެ މަހެއްގައި ވެސް ޖޫރިމަނާއަކާ ނުލައި ކުލި ދެއްކުމުގެ އެންމެ ފަހު ތާރީހަކީ އެ މަހެއްގެ 10 ވަނަ ދުވަހެވެ. އެކަމަކު މި މަސް ނިމެންދެން ހިޔާ ފްލެޓުގެ ކުލި ދައްކަން ޖެހޭ މީހުންނަށް ޖޫރިމަނާއަކާ ނުލައި، ކުލި ދެއްކޭނެ ގޮތަށް އެ ކުންފުނިން އޮތީ ނިންމައިފަ އެވެ.