ހިޔާ ސަރަހައްދުގައި ވިޔަފާރި ނުހުއްޓުމުން ތަންތަން ނަގަނީ
ހިޔާ ސަރަހައްދުގައި ވިޔަފާރި ނުހުއްޓުމުން ތަންތަން ނަގަނީ

ހިޔާ ޓަވަރުތަކުގެ ތިރީގައި ކާބޯތަކެތީގެ ހިދުމަތް ދިނުން ހުއްޓާލުމަށް އެޗްޑީސީން ދިން މުއްދަތު ހަމަވިއިރު ވެސް އެތަންތަން ނަގާފައިނުވާތީ ފުޑް ސްޓޯލްތައް ނެގުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް މިއަދު ބުނެފި އެވެ.

ހިޔާ ސަރަހައްދުގައި ވިޔަފާރި ނުހުއްޓުމުން ތަންތަން ނަގަނީ
ހިޔާ ސަރަހައްދުގައި ވިޔަފާރި ނުހުއްޓުމުން ތަންތަން ނަގަނީ

އެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭން ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އެޗްޑީސީން ވަނީ މިމަހުގެ ހަތަރަކުން ފެށިގެން އިއްޔެގެ ނިޔަލަށް ވަގުތު ދީފަ އެވެ. އެކަމަކު އެ ކުންފުނީގެ އެންގުމަށް ބެލުމެއް ނެތި ވަރަށް ފުޅާކޮށް އަންނަނީ ވިޔަފާރިކުރަމުންނެވެ.

އެޗްޑީސީން "މިހާރު" އަށް ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުން ހިޔާ ސަރަހައްދުގައި ބަހައްޓާފައި ހުރި މޭޒުތައް ނެގުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެތަންތަން ނަގަން އެޗްޑީސީން އެންގީ އެ ސަރަހައްދުގައި ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނާތީ، އެތަނުގައި ހުންނަ ކާބޯތަކެތީގައި ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑު ވެސް ނުހުންނަކަމުގެ ޝަކުވާ އެ ކުންފުންޏަށް ލިބެމުންދާތީ އެވެ. އަދި ގާޑިޔަލާއި މޭޒު ފަދަ އެއްޗެހި ބަހައްޓައިގެން ކާބޯތަކެތީގެ ވިޔަފާރިކުރެވެނީ ހުއްދަ ނަގައިގެން ކަމުގައި ވިޔަސް އެމީހުން އެކަން ކުރަމުންދަނީ އެއްވެސް ހުއްދައެއް ނެތި އެވެ.

އެޗްޑީސީން ބުނީ އާންމުންގެ ހިޔާލު ހޯދުމަށް ފަހު، ހިޔާ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ އުޅުމުގެ އުސޫލެއް ކަނޑައަޅައި ދާއިމީ ހައްލެއް ވަރަށް އަވަހަށް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މި ރޯދަ މަސް ފެށިއިރު، ޓަވަރުތަކުގެ ބޭރުގައި ވިޔަފާރިކުރަމުން އައީ ހެދިކާގެ އެކި ބާވަތްތައް މޭޒާއި ޕިކަޕުތަކުގައި އަތުރައިގެންނެވެ. އެކަމަކު އެއަށް ވުރެން ފުޅާކޮށް، ފިލައިން ތަންތަން ހަދައިގެން އެކި ބާވަތްތަކުގެ މުދާ ވަނީ ވިއްކަން ފަށައިފަ އެވެ. ކެފޭތަކުގައި ހުންނަ ސްޓައިލަށް އެތަނުގައި ތިބެގެން މީހުންނަށް ކައިބޮއެ ހެދޭނެ ގޮތަށް މޭޒާއި ގޮނޑި ވެސް ބަހައްޓައިގެން ދަނީ ހިދުމަތް ދެމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާ ހިޔާގެ އެކި ޓަވަރުތަކުގެ ބޭރުގައި މިގޮތަށް ވިޔަފާރިކުރަން ޖެހެނީ އެ ސަރަހައްދުގައި ވިޔަފާރި ކުރެވޭނެ ލުއި ގޮތެއް ނެތުމުން ކަމަށް އެ މީހުން ބުނެ އެވެ. ކޮމާޝަލް އޭރިއާގައި 11 ވަރަކަށް ފިހާރަ ހުޅުވާފައި ހުއްޓަސް އެތަންތަނުގައި ވެސް ތަކެތީގެ އަގު ބޮޑުކަމުގެ ޝަކުވާ ކުރެ އެވެ.