11 އެޕްރީލް 2022 - 07:22

ބޮލީވުޑްގެ ތަރި، ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ތައްޔާރީތައް ބާރަށް ކުރިއަށް ދާއިރު، މުޅި މީޑިއާތަކުގައި އޮތީ އެ ވާހަކަ އެވެ. ބެލެވޭ ގޮތުގައި އެވެސް ވާނީ ބޮލީވުޑްގެ ވަރަށް އަގުބޮޑު އެއް ކައިވެންޏަށެވެ.

ރިޝީ ކަޕޫރާއި ނީތޫގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު، ރަންބީރާއި އާލިއާގެ މެދުގައި އުމުރުގެ ގޮތުން ދިހަ އަހަރުގެ ފަރަގެއް ހުއްޓަސް، އެކަމަށް މާބޮޑު ފަރުވާލެއް ނެތެވެ. މީގެ ތިން އަހަރު ކުރިން، އެމީހުން މަސައްކަތްކުރާ ފުރަތަމަ ފިލްމު، "ބްރަހްމަސްތުރާ" ގެ ސެޓުން ހިތާވެގެން، އެ ދެ ތަރިން ކައިވެނިކުރަން އުޅޭއިރު، ކައިވެނީގެ ހުރިހާ މައުލޫމާތެއް އަދި އޮތީ ސިއްރެއްގެ ގޮތުގަ އެވެ.

އެހެންވީމަ، އެ ކައިވެނީގެ ހަރަދުގެ މައުލޫމާތެއް އަދި އެއްގޮތަކަށް ވެސް ނޭނގެ އެވެ.

މި ލިޔުމުގައި މި ހިމަނާލަނީ ބޮލީވުޑްގެ ތަރިންގެ ކައިވެނިތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކުރި ކައިވެނިތަކެވެ.

ބޮލީވުޑްގެ ކައިވެނިތަކާއި ކައިވެނީގެ ކުރިން ބާއްވާ އެކި ހަފްލާތަކުން ފެށިގެން، ކައިވެންޏަށް ފަހު ވެސް އިންޑަސްޓްރީގެ ގިނަ ބަޔަކަށް ދައުވަތު ދީގެން ބާއްވާ ވަރުގަދަ ޕާޓީތަކަށް އެތައް ހަރަދެއް ކުރެ އެވެ. އެކަމަކު އެއީ އެ ތަރިންނަށް މާބޮޑު އެއްޗެއްހެން ހިއެއް ނުވެ އެވެ.

މީޑިއާ އަށް ސިއްރުން ކައިވެނިކުރަން ބޭނުންވެގެން، އެ ދެ ތަރިން ކައިވެނިކުރީ އިޓަލީގެ ލޭކް ކެމޯގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އެމީހުން އެކޮޅުގައި ތިބި ވިލާ ޑެލް ބަލްބިއަނެއްލޯ އަށް ރެއަކަށް 2،475،000 ރުޕީސް ދެއްކި އެވެ. އޭގެ ފަހުން އެތަނުގައި ފަސް ހަފްލާއެއް ބޭއްވިިއިރު، އަނބުރާ އިންޑިއާ އަށް ގޮސް އެކި ސަރަހައްދުތަކުގައި ބޭއްވި ރިސެޕްޝަންތަކަށް ވެސް އެތައް ހަރަދެއް ހިނގި އެވެެ. ލަފާކުރާ ގޮތުގައި، އެ ކައިވެންޏަށް 77 ކްރޯޑް ރުޕީސް ހަރަދުކުރި އެވެ.

ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ތަރި ވިރާޓްގެ ކައިވެނި ވެސް ބޭއްވީ ވަރަށް ސިއްރުންނެވެ. އެމީހުންގެ އެންގޭޖްމަންޓް އަނގޮޓި އަށް އެކަނި ވެސް އެއް ކްރޯޑް ރުޕީސް ހަރަދުކޮށްލި އެވެ. އެ ކައިވެނީގެ އެކި ހަފްލާތަކުގައި އަނުޝްކާ ލައިގެން ހުރި ހެދުންތަކަކީ އިންޑިއާގެ އެންމެ އަގުބޮޑު އެއް ޑިޒައިނާ ކަމަށްވާ ސަބްޔަސާޗީގެ ހެދުންތަކުގަ އެވެ. ކޮންމެ ހެދުމަކަށް ވެސް 6-14 ލައްކަ ރުޕީސް ހަރަދުވި އެވެ. އެ ކައިވެންޏަށް ޖުމްލަ 100 ކްރޯޑް ރުޕީސް ހަރަދުކުރި ކަމަށްވެ އެވެ.

ޝިލްޕާ އާއި ރާޖް، 2009 ގައި ކައިވެނިކޮށް، އެމީހުންގެ ޕްރައިވެޓް ޕާޓީ ބޭއްވީ "ވަރަށް ފެންސީކޮށް" ކަމަށްވެ އެވެ. އެ ޕާޓީ ބޮލީވުޑްގެ އެތައް ތަރިނަކަށް ދައުވަތުދީގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ކައިވެންޏަށް ޝިލްޕާ އަޅައިގެން ހުރި ސާޅީގެ އަގަކީ 50 ލައްކަ ރުޕީސް އެވެ. އަދި ކައިވެނީގެ އަނގޮޓީގެ އަގު އެކަނި ވެސް ތިން ކްރޯޑް ރުޕީސް އަށް އަރަ އެވެ. އެހެންވީމަ، މުޅި ކައިވެނީގެ ހަރަދު ވަރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ޕްރިޔަންކާ އާއި ނިކްގެ ކައިވެނިން ބޮލީވުޑަށް "އިންޓަނޭޝަނަލް ވައިބެއް" ގެނެސްދިނެވެ. އިންޑިއާގެ އުމައިދު ބާވަން ޕެލަސްގައި ބޭއްވި އެ ކައިވެންޏަކީ ވެސް އަގުބޮޑު އެއް ކައިވެންޏެވެ. އެމީހުން ތިބި ތަނަށް ރެއަކަށް 64 ލައްކަ ރުޕީސް ހަރަދުކުރި އެވެ. އެއީ ފަސް ދުވަހުގެ ހަފުލާތަކަށް ބަހާލާ ނަމަ، 3.2 ކްރޯޑް ރުޕީސް އެވެ. ޕްރިޔަންކާގެ އެންގޭޖްމަންޓް އަނގޮޓި އަށް ވެސް 1.5 ކްރޯޑް ރުޕީސް ހޭދަކުރިއިރު، ފަހުން ތަރިންނަށް ބޭއްވި ޕާޓީ އާއި އެ މީހުން ލައިގެން އުޅުނު ހެދުންތަކުގެ އަގު ވެސް ވަރަށް ބޮޑެވެ. އެ ކައިވެންޏަށް 800،000 ޑޮލަރު ހަރަދުވި ކަމަށްވެ އެވެ.
ސޯނަމް އާއި އަނަންދު 2018 ގައި ކައިވެނިކުރިއިރު، ކައިވެނީގެ ދުވަހު ސޯނަމް ލައިގެން ހުރި ލެހެންގާގެ އަގު 90 ލައްކަ ރުޕީސް އަށް އަރަ އެވެ. އަދި އޭނާގެ ކަރުގައި އަނަންދު އެޅުވި "މަންގަލްސޫތުރަ"ގެ އަގު 55 ލައްކަ ރުޕީސް އަށް އަރަ އެވެ. އެ ކައިވެނީގެ އެކި ހަފްލާތަކުގައި އެކި ހެދުންތަކުގައި ސޯނަމް އާއި އަނަންދު ފެނުނުއިރު، އެމީހުން ވަނީ ފިލްމީ ދާއިރާގެ ރައްޓެހިންނަށް ވެސް މުމްބާއީގައި ބޮޑު ޕާޓީއެއް ބާއްވައިފަ އެވެ. އެ ހުރިހާ ހަރަދަކަށް ބަލާ ނަމަ، އެ ކައިވެނީގެ އަގު ވެސް ބޮޑެވެ.
މީގެ 10 އަހަރު ކުރިން އޮތް ސައިފާއި ކަރީނާގެ ކައިވެނި ވެސް އަގުބޮޑު ކައިވެނިތަކުގެ ލިސްޓުގައި ހިމެނެ އެވެ. ކައިވެނީގެ ދުވަހު، ކަރީނާ އަޅައިގެން ހުރި ރަންތަކުގެ އަގު އެކަނި ވެސް ހަތަރު ކްރޯޑް ރުޕީސް އަށް އަރަ އެވެ. އަދި އޭނާގެ ކައިވެނީގެ ލެހެންގާގެ އަގަކީ 50 ލައްކަ ރުޕީސް އެވެ. އެމީހުން ވެސް ވަނީ ސައިފްގެ ފާމްހައުސްގައި ވަރުގަދަ ޕާޓީއެއް ބާއްވައިފަ އެވެ.
މިދިޔަ އަހަރު ކައިވެނިކުރި ކެޓްރީނާ އާއި ވިކީގެ ކައިވެނީގައި ބައިވެރިވުމުގެ ފުރުސަތު ދިނީ 120 އެއްހާ މީހުންނަށެވެ. ކައިވެނީގެ ކުރީގެ ހަފުލާތަކެއް ބޭއްވިޔަސް، ފަހުން ބޮޑު ޕާޓީއެއް ނުބާއްވަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ކައިވެނީގެ ހަރަދު އަރަނީ ހަތަރު ކްރޯޑް ރުޕީސް އަށެވެ. ކައިވެނީގައި ކެޓްރީނާ ލައިގެން ހުރި ރަތް ކުލައިގެ ލެހެންގާގެ އަގަކީ 17 ލައްކަ ރުޕީސް އެވެ.