މަސްތުވާތަކެތި ހުރި ގެއާ ގުޅޭ އެގްރީމެންޓްތަކާއި ޗެކުތަކެއް އަހުމަދުގެ އޮފީހުން ފެނުނު: ފުލުހުން
މަސްތުވާތަކެތި ހުރި ގެއާ ގުޅޭ އެގްރީމެންޓްތަކާއި ޗެކުތަކެއް އަހުމަދުގެ އޮފީހުން ފެނުނު: ފުލުހުން

ގެއެއްގެ ޓައިލްސްގެ ދަށުގައި ޖާގައެއް ހަދައި އެތަނުގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި އުހްމަދު ހުސައިން މަސައްކަތްކުރާ އޮފީހުން، އެ ގެއާ ގުޅޭ އެއްބަސްވުންތަކާއި ޗެކުތައް ފެނިފައިވާ ކަމަށް ފުލުހުން މިއަދު ކޯޓުގައި ބުނެފި އެވެ.

މަސްތުވާތަކެތި ހުރި ގެއާ ގުޅޭ އެގްރީމެންޓްތަކާއި ޗެކުތަކެއް އަހުމަދުގެ އޮފީހުން ފެނުނު: ފުލުހުން
މަސްތުވާތަކެތި ހުރި ގެއާ ގުޅޭ އެގްރީމެންޓްތަކާއި ޗެކުތަކެއް އަހުމަދުގެ އޮފީހުން ފެނުނު: ފުލުހުން

މާފަންނުގައި ހުންނަ ގެއެއްގެ ތެރޭގައި 42 ކިލޯގެ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ފުލުހުން އެންމެ ބޮޑަށް ތުހުމަތު ކުރަނީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކަށް އެހާތަނާ ޖެހެންދެން ހުރި އަހުމަދު ހުސައިން 39، އަށެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ހޯދިތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ.

އަހުމަދަށް ކުރާ ތުހުމަތާ ގުޅިގެން އޭނާގެ ބަންދަށް ދިން ފުރަތަމަ 10 ދުވަސް ހަމަވުމުން، މިއަދު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކޮށް، ފުލުހުން ހުށަހެޅި އާ ހެކިތަކަށް ބަލައި، ތަހުގީގުގެ ބޭނުމަށް އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ހުއްދަ ދިނެވެ.

މަސްތުވާތަކެތި ފެނުނު ގެއާ ގުޅޭ އެގްރީމެންޓްތަކާއި ޗެކުތަކުގެ އިތުރުން، އެ މައްސަލައާ ގުޅޭ ގޮތުން އަމިއްލަ ފަރާތަކުން ފުލުހުންނަށް ދީފައިވާ ބަޔާނަކާއި ސީން އަށް ދިޔަ ފުލުހުންގެ ބަޔާން ކޯލް ޗާޓް އަދި ބޭންކް ސްޓޭޓްމަންޓް ވެސް ހެކީގެ ގޮތުގައި ފުލުހުން ހުށަހެޅި އެވެ.

އެ މައްސަލައިގައި އަހުމަދު ބަންދުކުރުމަށް މިދިޔަ މަހުގެ 26 ގައި ފުރަތަމަ ކޯޓަށް ގެންދިއުމުން، ދިފާއުގައި އޭނާ ބުނީ މަސްތުވާތަކެތި ފެނުނީ އެންމެންނަށް ވެސް ވަދެވޭ ގޮތަށް ހުރި ތަނަކުން ކަމަށެވެ. އަދި އެއީ އޭނާއާ ދެކޮޅުވެރިކަމެއް އޮތް މީހަކު، ދެރައެއް ދިނުމަށް ޖެއްސި މައްސަލައެއް ކަމަށް ވެސް ބުންޏެވެ.

އެކަމަކު، ފުލުހުން ބުނީ އަހުމަދު ފިލަން ވެގެން ފޯނާއި ފޯނު ނަންބަރު ވެސް ބަދަލުކުރި ކަމަށެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހުސައިންއާ އެކު އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ. އެ ދެ މީހުންގެ މައްޗަށް ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުކޮށްފަ އެވެ.

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭ ބަޔަކާ ގުޅުން އޮތް ކަމަށް ބެލެވޭ މަސްތުވާތަކެތި ހުރީ އައިޖީއެމްއެޗް ކައިރީގައި ހުންނަ، ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓުގެ އޮފީސް ކުރިމަތީގައި ހުރި ގެއެއްގެ ޓައިލްސް ދަށުގަ އެވެ. ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި މީހުން ދިރިއެއް ނޫޅެ އެވެ.

މަސްތުވާތަކެތީގެ މައްސަލާގައި އަހުމަދު ހައްޔަރުކުރުމާ އެކު އެ ޕީއެންސީގެ ކައުންސިލުން އޭނާ ވަނީ ވަކިކޮށްފަ އެވެ.