23 ޑިސެމްބަރ 2016 - 16:06

މަރުކަޒީ ބޭންކުން އެކަނި ދަތުރުވެރިންނަށް ޑޮލަރު ވިއްކަން ފެށިތާ އެއް މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 13 މިލިއަން ޑޮލަރު ވިއްކައިފި އެވެ.
ބޭންކުތަކުން ދަތުރުވެރިންނަށް ވިއްކަމުން ދިޔަ ޑޮލަރު، މިދިޔަ މަހުގެ 20 އިން ފެށިގެން ބޮޑު ޗުއްޓީ ނިމެންދެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކަނި ވިއްކަން ވަނީ ފަށައިފަ އެވެ. އެ ގޮތަށް ހެދީ ސްކޫލު ބޮޑު ބަންދު ފެށި، ޑޮލަރު ލިބުން ތާށިވުމާ އެކު ބޭންކުތަކުގެ ދޮރުމަތީގައި އާއްމުން ތޮށްޖެހެން ފެށުމުންނެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މިިދިޔަ މަހުގެ 20 އިން ފެށިގެން އެ މަހުގެ ނިޔަލަށް 5.3 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އެއީ 10،613 ޓިކެޓަށެވެ. އަދި މި މަހުގެ 1 އިން އިއްޔެގެ ނިޔަލަށް 8.5 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އެއީ 17،037 ޓިކެޓަށެވެ. އެހެންކަމުން، މިހާތަނަށް އެމްއެމްއޭ އިން ވަނީ ޖުމްލަ 129،403،90 ޑޮލަރު ވިއްކައިފަ އެވެ. އެއީ 27،650 ޓިކެޓަށެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުން އެވްރެޖުކޮށް ދުވާލަކު ގާތްގަނޑަކަށް 1،000 ޓިކެޓަށް، ޖުމްލަ 500،000 އަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވެ އެވެ.
މީގެ ކުރިން ދަތުރުވެރިންނަށް ވިއްކުމަށް އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރަމުން ދިޔައީ ހަފުތާ އަކު 1.2 މިލިއަން ޑޮލަރެވެ. އެހެންކަމުން، އެންމެ ގިނަ އަދަދަކަށް ޑޮލަރު ލިބޭ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ޑޮލަރު ވިއްކާފައި ވަނީ ދުވާލަކު ގިނަވަގެން 500 ޓިކެޓަށެވެ.
- ވިއްކަނީ މިދިޔަ މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ 7 ގެ ނިޔަލަށް
- ކޮންމެ ދުވަހަކު ވެސް ވިއްކާނީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަނި
- ޓިކެޓަކަށް 500 ޑޮލަރު
- ގިނަ މީހުންގެ ގްރޫޕެއް ނަމަ ދަތުރުކުރާ އެކަކަށް ގިނަވެގެން ފަސް ޓިކެޓަށް ޑޮލަރު ލިބޭ
- ޕާސްޕޯޓާއި ޓިކެޓް ޗެކުކުރުން: ހެނދުނު 9 އިން އިރުއޮއްސި 6 އަށް
- ޑޮލަރު ވިއްކުން: ހަވީރު 4 އިން ފެށިގެން (ސްލިޕުގައިވާ ގަޑިއަކަށް)
- އިރުއޮއްސި 6 ގެ ކުރިން ޓިކެޓާއި ޕާސްޕޯޓު ހުށަހަޅާ ނަމަ، އެ ދުވަހަކު ޑޮލަރު ލިބޭނެ
ސްކޫލު ބަންދުގައި އެމްއެމްއޭ އިން އެކަނި ޑޮލަރު ވިއްކިޔަސް، އަދިވެސް ރަށްރަށުގައި ހުންނަ ބީއެމްއެލްގެ ބްރާންޗުތަކުން ޑޮލަރު ވިއްކާނެ އެވެ. އެކަމަކު، ބޮޑު ޗުއްޓީ ނިމި، އަންނަ ޖެނުއަރީ އަށަކުން ފެށިގެން ޑޮލަރު ވިއްކާނީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން އެކަންޏެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓެއް ހިމެނެ އެވެ.
އެމްއެމްއޭ އިން ބުނީ ފުރާ މީހުންނަށް ދަތި ނުވާ ގޮތަށް ޑޮލަރު ފަސޭހަކަމާ އެކު އަދި އަވަހަށް ލިބޭނެ އިންތިޒާމު އެއާޕޯޓުގައި ހަމަޖެއްސުމުގެ މަސައްކަތް ބީއެމްއެލް އިން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލު އެ ބޭންކުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.