އޭޝިއާގެ ފުޓްސަލް ޗެމްޕިއަން، އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖަހައިފި
އޭޝިއާގެ ފުޓްސަލް ޗެމްޕިއަން، އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖަހައިފި

ސެޕްޓެމްބަރު މަހު ކުވައިތުގައި ބާއްވާ، އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕުގެ ކޮލިފައިންގައި އެންމެ ފަހުގެ ޗެމްޕިއަން އީރާނުން 17-0 ރާއްޖެ ބަލިކޮށްފި އެވެ.

އޭޝިއާގެ ފުޓްސަލްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ އިރާނުން ވަނީ 12 ފަހަރު އޭޝިއާގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެހެން ޓީމަކަށް އެ އަދަދާ ގާތް ކުރެވޭ ވަރަކަށް ވެސް އޭޝިއާގެ ޗެމްޕިއަންކަން ހޯދިފައެއް ނުވެ އެވެ. އޭޝިއާގެ ފުޓްސަލް ތަށި ދެން ހޯދުނު ޓީމަކީ ޖަޕާން އެވެ. އެ ޓީމަށް ވެސް ތަށި ހޯދުނީ ތިން ފަހަރު އެވެ.

މިއަދުގެ މެޗުގައި އީރާންގެ ޓީމު ފެނުނީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް ވުރެ ތަފާތުކޮށެވެ. ދިވެހި ކުޅުންތެރިންނަށް އިރާން ކައިރީ ހަމަޖެހިލައިގެން ކުޅެވޭ ގޮތެއް ނުވި އެވެ. އެކަަމަކު އިރާނުން ވަނީ ރާއްޖެއާ ދެކޮޅަށް ފަސޭހަކަމާ އެކު ކުޅެފަ އެވެ.

ކިރިގިސްތާންގައި ކުރިއަށްދާ ކޮލިފިކޭޝަނަށް، ދިވެހި ޓީމު މާލެއިން ފުރީ އިންޑޯ ހޯލެއްގައި ޕްރެކްޓިސް ނުކޮށެވެ. އެކަމަކު މިދިޔަ މަހު ތައިލެންޑްގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތެއްގައި ވާދަކޮށް ގައުމީ ފުޓްސަލް ޓީމުން ފަސް ވަަނަ ހޯދި އެވެ. އެ މުބާރާތުގައި ރާއްޖެއިން ވަނީ މޮންގޯލިއާ ބަލިކޮށްފަ އެވެ.

ރާއްޖެ އާއި އިރާންގެ އިތުރުން މިގުރޫޕްގައި ދެން ހިމެނެނީ ކޮލިފައިން ކުރިއަށްދާ ގައުމު ކިރިގިސްތާނާއި ތުރުކުމެނިސްތާނެވެ. ރާއްޖޭގެ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މާދަމާ ރޭ 7 ޖަހާއިރު އެވެ.