23 ޑިސެމްބަރ 2016 - 15:32

މެނީލާ (ޑިސެމްބަރު 23) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ޑަވާއޯ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސް ވަރު އޭނާ އަމިއްލަ އަށް ތިން މީހުން މެރި ކަމަށް އެއްބަސްވެޑައިގެންފައިވާ މައްސަލަ ބަލާނެ ކަމަށް އެ ގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
ޑުޓާޓެ މީހުން މެރި މައްސަލަ ބަލާނެ ކަމަށް ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނިއިރު އެ މައްސަލަ ބެލުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ގޮވާލައިފަ އެވެ. ޑުޓާޓެ މީހުން މެރި ކަމަށް އެއްބަސްވެވަޑައިގެންނެވީ ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މެއި މަހު ފިލިޕީންސްގެ ވެރިކަމަށް ވަޑައިގެންނެވި ޑުޓާޓެ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސްގައި ހަނގުރާމަ ފައްޓަވައިފަ އެވެ. ޑުޓާޓެ ވަނީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުން ހުއްޓުވާނެ ކަމަށާއި އެފަދަ މީހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރާ އިރު ގަދަ ދައްކާ ނަމަ ބަޑިޖަހާ މެރުމަށް އަންގަވައިފަ އެވެ. މި ގޮތުން މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް 6،000 މީހުން ވަނީ މަރައިފަ އެވެ. މީގެ ތެރޭން ތިންބައިކުޅަ އެއްބައި މަރާފައި ވަނީ ފުލުހުންގެ އޮޕަރޭޝަންތަކުގަ އެވެ.
އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވަނީ ޑުޓާޓެ މީހުން މެރިކަމަށް އަމިއްލަ އަށް އިއުތިރާފްވި މައްސަލަ ބެލުމުގެ ކުޅަދާނަކަން ފިލިޕީންސްގެ ޝަރުއީ ދާއިރާ އަށާއި މިނިވަން މުއައްސަސާތަކަށް ލިބިފައިވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މީހުން މެރި ކަމަށް ފާޅުގައި މީހަކު ބުނެފައިވާ އިރު ހިނގަމުންދާ ޝަރުއީ ނިޒާމަކުން އެކަން ތަހުގީގު ނުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިނިވަން ޝަރުއީ ނިޒާމެއް ނަމަ އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް ޗިޓޯ ގެސްކޮން ވިދާޅުވީ ތަހުގީގީ ހާއްސަ ޓީމަކުން ޑުޓާޓެގެ މައްސަލަ ބަލާނެ ކަމަށެވެ. އަދި ޑަވާއޯ ސިޓީގައި ހިންގި ކަންކަމާ ގުޅޭ ގޮތުން ކުރިން ކުރި ތަހުގީގުގައި ޑުޓާޓެ ކުށްވެރިވާ ފަދަ ހެއްކެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަކު މީހުން މެރިކަމަށް ޑުޓާޓެ އަމިއްލަ އަށް އެއްބަސްވުމުން އާ ހެކީގެ ގޮތުގައި އެކަން ފާހަގަކޮށް އެ މައްސަލަ ބަަލާނަން. އަދި ޑުޓާޓެ ވެރިކަމުގައި ހުންނަވާ އިރު އޭނާގެ މައްޗަށް ދައުވާ ނުކުރެވުނު ނަމަވެސް މައްސަލަ ބަލާ ހެކި ފައިލް ކުރާނަން،" ހިއުމަން ރައިޓްސް ކޮމިޝަނާ ވިދާޅުވި އެވެ.
ފިލިޕީންސްގެ ޕާލަމެންޓުގައި ތިބޭ ޑުޓާޓެ އަށް ތާއިދުކުރާ ފަރާތްތަކުން ބުނެފައި ވަނީ ރައީސް އަކީ އިމްތިޔާޒު ލިބިގެންވާ ބޭފުޅެއް ކަމަށާއި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކޮށްފައިވާ ކުށެއްގެ މައްސަލަ ނުބެލޭނެ ކަމަށެވެ. އަދި ރައީސްގެ މައްސައެއް ބެލޭނީ ވެރިކަމުން ދުރުކޮށްގެން ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ރައީސް ވެރިކަމުން ދުރުކުރުވޭނީ ވެރިކަމުގައި ހުންނަ އިރު ކުރާ ކުށެއްގެ ސަބަބުން ކަމަށް ވެސް ޑުޓާޓެގެ ވަފާތެރިން ބުނެފައިވެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސްގައި ފަށާފައިވާ ހަނގުރާމައިގައި އދ. އިން ފާޑު ކިޔަމުންދާތީ އެ ޖަމާއަތުން ވަކިވެދާނެ ކަމުގެ އިންޒާރު ޑުޓާޓެ ވަނީ ދެއްވައިފަ އެވެ. އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައި އެތައް ބަޔަކު މަރަމުންދާ އިރު އެ ވާހަކަ ދައްކަން އދ. ނުކުޅެދިފައިވާ ކަމަށް ވެސް ޑުޓާޓެ ވަނީ ވިދާޅުވެފަ އެވެ.
ފިލިޕީންސްގެ ދެކުނުގެ ޑަވާއޯގެ މޭޔަރަކަށް ޑުޓާޓެ ހުންނެވި ވިއްސަކަށް އަހަރު އޭނާ ވަނީ އެ ސިޓީން ވަރަށް ބޮޑަށް ކުށްމަދުކޮށްފަ އެވެ.