10 އެޕްރީލް 2022 - 12:22

ސައުދީ އަރަބިއްޔާ އިން ކޮންމެ ރޯދަމަހަކު ރާއްޖެ އަށް ހަދިޔާކުރާ ކަދުރު މިފަހަރު ލިބުން ލަސްވެފައި ވަނީ ކަދުރު މޫސުން ލަސްވުމުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އާންމު ގޮތެއްގައި ސައުދީން ހަދިޔާކުރާ ކަދުރު ރޯދަމަސް ފެށުމުގެ ކުރިން ލިބެ އެވެ. އެކަމަކު، މި އަހަރުގެ ރޯދަމަސް ފެށި ހަފުތާއެއްވީ އިރު ވެސް ކަދުރެއް އަދި ނުލިބެ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހު "މިހާރު" އަށް ވިދާޅުވީ މި އަހަރު ވެސް ސައުދީން ރާއްޖެ އަށް 50 ޓަނުގެ (50،000 ކިލޯގެ) ކަދުރު ހަދިޔާކުރާނެ ކަމަށެވެ.
"ލަފާކުރެވެނީ މި ރޯދަމަހުގެ ފަހު 10 އިގައި ކަދުރު ލިބޭނެ ކަމަށް،" އަފްރާހް ވިދާޅުވި އެވެ.
އާންމު ގޮތެއްގައި ސައުދީން ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް ހަދިޔާކުރަނީ 50 ޓަނުގެ ކަދުރެވެ. އެކަމަކު، ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު ފޮނުވީ 25 ޓަނުގެ ކަދުރެވެ.
މި އަހަރަށް ކަދުރު ބަހާނެ އުސޫލެއް އަދި އާންމެއް ނުކުރެ އެވެ. މިދިޔަ އަހަރު ކަދުރު ބެހިއިރު އިސްކަންދިނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށް އެއް ޕެކެޓް ދިނެވެ.