އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އިމްރާން ޚާން ބޭރުކޮށްފި
އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އިމްރާން ޚާން ބޭރުކޮށްފި

އިސްލާމްއާބާދު (އެޕްރީލް 10) - ޕާކިސްތާނުގެ ޕާލަމެންޓުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ބޮޑުވަޒީރުގެ މަގާމުން އިމްރާން ޚާން މިރޭ ބޭރުކޮށްފި އެވެ.

ޕާކިސްތާން ގަޑިން މިރޭ ދަންވަރު 1 ޖެހިއިރު (ރާއްޖޭ ގަޑިން 1 ޖެހިއިރު) ނެގި ވޯޓުގައި ޕާލަމެންޓުގެ 342 މެންބަރުންގެ ތެރޭން 174 މެންބަރުން ވަނީ އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް ތާއީދުކޮށްފަ އެވެ. އިތުބާރު ނެތްކަމަށް ފާސްވާނީ 172 ވޯޓުންނެވެ. ވޯޓުގައި އިމްރާން ޚާންގެ ތަހްރީކީ އިންސާފް ޕާޓީ (ޕީޓީއައި) ގެ މެންބަރުން ބައިވެރިވެފައެއް ނުވެ އެވެ. ވޯޓުގެ ކުރިން އެ ޕާޓީގެ މެންބަރުން ވަނީ ޗެމްބަރުން ނުކުމެފަ އެވެ.

މިއަދު ނަގަން އޮތް ވޯޓު މިރޭ ދަންވަރަށް ލަސްވެގެން ދިޔައީ ޕާލަމެންޓުގައި ހައިޖާން ބޮޑުވުމުންނެވެ. ވޯޓުގެ ކުރިން ވަނީ ޕާކިސްތާނުގެ ޕާލަމެންޓް ނުވަތަ ނޭޝަނަލް އެސެމްބްލީގެ ރައީސް އައްސަދު ގައިސަރާއި ނައިބް ރައީސް ގާސިމް ސޫރީ އިސްތިއުފާ ދެއްވައިފަ އެވެ. އެ ދެ ބޭފުޅުންނަކީ ވެސް އިމްރާން ޚާނަށް ވަފާތެރި ދެ ބޭފުޅުންނެވެ.

އިތުބާރު ނެތްކަމުގެ ވޯޓުގެ ކަންކަން ކުރިއަށް ގެންދިޔައީ ވަގުތީ ރައީސް ސަރުދާރު އަޔާޒް ސޯދިގުގެ ބެލުމުގެ ދަށުންނެވެ.

ޕާކިސްތާނުގައި އަދި މިހާތަނަށް އެއްވެސް ބޮޑު ވަޒީރަކަށް ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. އިމްރާން ޚާންގެ ބޮޑުވަޒީރުކަމުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓަށެވެ. އިދިކޮޅު ފަރާތްތަކުން ވަނީ އާ އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ދައުރު ނިމެންދެން ވަގުތީ ބޮޑުވަޒީރެއް ހަމަޖައްސަން ނިންމައިފަ އެވެ. އެ މަގާމަށް އަންނާނެ ކަމަށް ބެލެވެނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ކޮއްކޯފުޅު ޝަހުބާޒް ޝަރީފެވެ.

މަގާމު ދިފާއު ކުރަން އިމްރާން ޚާން، 69، އަށް ކުރެއްވުނު ހުރިހާ މަސައްކަތެއް ވަނީ ކުރައްވައިފަ އެވެ. އިގްތިސާދު މެނޭޖް ނުކުރުމާއި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ނެތް ކަމަށް ބުނެ އިމްރާން ޚާންގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ނަގަން އުޅުނު ވޯޓު ހުއްޓުވީ ޕާލަމެންޓުގެ ނައިބް ރައީސް ސޫރީ އެވެ. އޭނާ ވިދާޅުވީ އެއީ "ބޭރު ބައެއްގެ ނުފޫޒުން" ނަގަން އުޅޭ ވޯޓެއް ކަމަށާއި އެހެންވެ އެ ކަމަށް ބަހުސް ކުރުމުގެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށެވެ. އޭގެ ފަހުން އިމްރާން ޚާން ވަނީ ރައީސް އަށް ދަންނަވައިގެން ޕާލަމެންޓް އުވާލައި އާ އިންތިޚާބެއް ބާއްވަން އިއުލާންކޮށްފަ އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދިއުމުން ޕާކިސްތާނުގެ އެންމެ މަތީ ކޯޓުން ބުރާސްފަތި ދުވަހު ނިންމާފައި ވަނީ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ހުއްޓުވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި ޕާލަމެންޓް ވެސް އުވާ ނުލެވޭނެ ކަމަށެވެ. އަދި އަލުން އެ ވޯޓު ހޮނިހިރު ދުވަހު ނެގުމަށް ކޯޓުން އަމުކޮށްފައިވެ އެވެ.

ޕާކިސްތާނަށް 1992 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ވިދާޅުވީ ރަޝިޔާ އާއި ޗައިނާއާ ގުޅޭ ގޮތުން ހުޅަނގުން ބޭނުންވާ ގޮތަށް އޭނާ ކަންތައް ނުކުރާތީ "ބޭރުގެ ނުފޫޒުން" އޭނާ މަގާމުން ދުރުކުރަން މަސައްކަތްކުރީ ކަމަށެވެ. އަދި ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަންނަމުންދާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އިމްރާން ޚާން 2018 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ މަގާމު ކާމިޔާބު ކުރެއްވީ ގައުމުން ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު އެވެ. އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން އިމްރާން ޚާން މިރޭ ވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައިގެންފަ އެވެ.