23 ޑިސެމްބަރ 2016 - 12:54

ދޯހާ، ގަތަރު (ޑިސެމްބަރު 23) – އިޓާލިއަން ސުޕަ ކަޕް މެޗުގައި މިރޭ އޭސީ މިލާނާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗަކީ ޔުވެންޓަސްގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެ ޓީމަށް ކުޅެދޭ 600 ވަނަ މެޗެެވެ. އެކަމަކު އުމުރުން 38 އަހަރުގެ ކީޕަރު ބުނީ މިއީ އޭނާގެ ކެރިއަރުގެ ފަހު ހާއްސަ އަދަދަށް ނުވާނެ ކަމަށާއި އަދިވެސް ކުރިއަށް އޮތީ ކަމަށެވެ.
ޕާމާ އިން 2001 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ގޯލްކީޕަރު ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. ވޯލްޑް ކަޕް ވެސް އުފުލާލާފައިވާ ބުފޮން އަށް މިރޭގެ ސުޕަ ކަޕް ވެގެންދާނީ ކެރިއަރުގައި ކުޅެފައިވާ މެޗުތަކާ ބަލާއިރު އާދައިގެ މެޗަކަށެވެ. އެކަމަކު ބުފޮން ބުނީ އޭނާ ހުރީ ވަރަށް ބޮޑަށް މޯޓިވޭޓްވެފައި ކަމަށެވެ.
"ކްލަބަކަށް 600 މެޗު ހަމަކުރެވުމަކީ ބޮޑު ހާސިލްވުމެއް. އެކަމަކު މިއީ އަހަރެންގެ ފަހު ހާއްސަ ނަމްބަރެއް ނޫން. އަހަރެން އަދިވެސް މިހުންނަނީ ކާމިޔާބީ ހޯދަން ފެންބޮވައިގެންފައި. ތަށި ހޯދަން ނެރޭ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާދޭ. މިފަދަ މުހިއްމު ފައިނަލްތައް ކުޅުމަކީ އަހަރެންގެ އެ ހިތްވަރު އާވާ ކަމެއް،" ބުފޮން ބުންޏެވެ.
ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބުފޮން ރިޓަޔާކުރާނެ ކަމަށް ބެލެވުނަސް ދާދި ފަހުން އޭނާ ވަނީ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި މިރޭ ސުޕަ ކަޕް ކުޅެނީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގާއި އިޓާލިއަން ކަޕުގެ ޗެމްޕިއަން ޔުވެންޓަސް އާއި ކަޕުގެ ރަނަރަޕް މިލާނުގެ މެދުގަ އެވެ. ޔުވެންޓަސް އިން ވަނީ މީގެ ކުރިން މި ތަށި ހަތް ފަހަރު އުފުލާލައިފަ އެވެ. މިލާނުން ހަ ފަހަރު ކާމިޔާބުކޮށްފައިވާއިރު އެންމެ ފަހުން ހޯދާފައިވަނީ 2011 ވަނަ އަހަރެވެ.