10 އެޕްރީލް 2022 - 04:59

މާސީސައިޑް (އޭޕްރީލް 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގެ ކުޅުން ކުޅެގެން އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅެން އެޓީމަށް ހައްގު ނޫން ކަމަށް ބުނެ، ޔުނައިޓެޑުގެ ކޯޗު ރަލްފް ރަންގްނިކް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރެލިގޭޝަން ޒޯނަށް ވުރެ ޕޮއިންޓެއް ކުރީގައި އުޅޭ އެވަޓަން އަތުން ޔުނައިޓެޑް 1-0 އިން ބަލިވި މެޗަށް ފަހު ރަންގްނިކް ބުނީ، ބައިނަލްއަގުވާމީ ކުލަބް ފުޓުބޯޅަ ކުޅެވޭނީ، ކުޅުންތެރިން ވެސް އެކަމަށް އެދި މަސައްކަތް ކޮށްގެން ކަމަށެވެ.
"މިތާ މިރޭ (އެވަޓަންއާ ދެކޮޅަށް) ކުޅުނުހެން ކުޅެން ވެއްޖެ ނަމަ އަހަރެމެންނަށް ހައްގެއް ނޫން (އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި) ކުޅޭކަށް. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެން ބޭނުން ނަމަ ކުޅުންތެރިން ވެސް އެބަ ޖެހޭ އެކަމަށް އެދިގެން މަސައްކަތް ކުރަން. ޔޫރަޕުގެ މުބާރާތަކަށް ކޮލިފައިވާން ބޭނުން ނަމަ މެޗެއްގެ 95 މިނިޓެއްހާއިރު ކުޅެފައި ލަނޑެއް ޖެހެން ވާނެ،" ރަންގްނިކް ބުންޏެވެ.
"އެވަޓަން އަށް އިހުތިރާމް ކުރަން. އެމީހުންގެ ރަނގަޅު ޓީމެއް އޮވޭ. އެކަމަކު ބާންލީ ކައިރިން ތިން ގޯލު ވަން ބައެއް ކައިރިން ލަނޑެއް ނުޖެހުނު ޓީމެއްގެ ފަރާތުން އިތުރު ކަމަކަށް އުންމީދެއް ނުކުރެވޭ."
އެވަޓަން ވަނީ ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން، ލީގުގެ 18 ވަނައިގައި އޮތް ބާންލީ އަތުން ބަލިވެފަ އެވެ. ނަމަވެސް ޔުނައިޓެޑް ބަލިކޮށް، 17 ވަނައިގައި އޮތް އެވަޓަން ވަނީ ބާންލީ އަށް ވުރެ އެއް މެޗް އިތުރަށް ކުޅެ، ހަތަރު ޕޮއިންޓް ކުރިޔަށް ޖެހިލައިފަ އެވެ.
"ފުރަތަމަ 25 މިނިޓު މެޗުގެ ކޮންޓްރޯލް އޮތީ އަހަރެމެންގެ އަތުގައި. އެވަރުން ވެސް އެ 25 މިނިޓުގައި ވެސް އަހަރެމެންނަށް އެންމެ ފުރިހަމައަށް އޭގެ ފައިދާ ވެސް ނުނެގުނުތަން ފެނުނީ،" މާޔޫސްވެފައި ހުރި ރަންގްނިކް ބުންޏެވެ.
"އެވަޓަން ކުޅުންތެރިންގެ ފަރާތުން ސާފުކޮށް ފެންނަމުން ދިޔައީ ބާންލީ އަތުން ބަލިވި މެޗުގެ އަސަރު ނުފިލާކަން. އެމީހުން ތިބީ (މެޗުން ނަތީޖާއެއް ނެރެވޭނެ ކަމާ މެދު) އެއްވެސް އިތުބާރެއް ނެތް ގޮތަށް. އޭގެ ފައިދާ ވެސް އަހަރެމެންނަށް ނުނެގުނު."
ޔުނައިޓެޑުގެ ކޯޗުކަމާ ސީޒަންގެ މެދުތެރޭން ރަންގްނިކް ހަވާލުވީ މި ސީޒަންގެ ނިޔަލަށް މަގާމުގައި ހުންނާށެވެ. މި ސީޒަނަށް ފަހު ޔުނައިޓެޑުގެ އެޑްވައިޒަރެއްގެ ގޮތުން ރަންގްނިކް މަސައްކަތްކުރަން ނިންމާފައިވާއިރު، ޔުނައިޓެޑުން ވަނީ އޭނާގެ ބަދަލުގައި އަޔެކްސްގެ ކޯޗު އެރިކް ޓެން ހޭގް ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. ނަމަވެސް ދާއިމީ ކޯޗެއް ހޯދަން ކުލަބުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ޓީމުގެ ނަތީޖާ ގޯސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވަގުތީ ކޯޗު ރަންގްނިކް ބުނެފައިވެ އެވެ.
ރަންގްނިކް ހަވާލުވި ފަހުން ޔުނައިޓެޑް ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން އެޓީމު މޮޅުވެފައި ވަނީ އަށް މެޗުންނެވެ. އަދި ރޭގެ ނަތީޖާއާ އެކު 31 މެޗުން 51 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް އޮތީ ޓޭބަލްގެ ހަތްވަނައިގަ އެވެ. ހަވަނައިގައި އޮތް ވެސްޓް ހޭމް އަށް ވެސް 31 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ފައިދާ ގޯލުގެ ތަފާތުން ވެސް ޔުނައިޓެޑަށް ވުރެ ކުރީގަ އެވެ.