10 އެޕްރީލް 2022 - 06:27

ރާއްޖޭގައި މަސްވެރި މޫސުންތަކުގައި މިއީ އާ ވާހަކައެއް ނޫނެވެ؛ ބާނާ މަސްކޮޅު އަބަދު ވެސް އުކާލަން ޖެހެ އެވެ. އޭގެ ފައިދާ އަބަދު ވެސް ސިޔާސީ ފަރާތްތަކުން ނަގަ އެވެ. އޭރަކު އޮންނަ ސަރުކާރަކަށް ބަވަ އެވެ. އެ މޫސުން ނިމި އަނެއްކާ ވެސް، ދެން އަންނާނީ އަނެއް މޫސުމެވެ. އަނެއްކާ ވެސް މަސްކޮޅު ނުކިރޭ ވާހަކަ އެވެ. ސިޔާސީ މީހުން އަނެއްކާ ވެސް ސަރުކާރަށް ބެވުމެވެ.

މިހެން ބަވަބަވަ ތިބޭތާ 30-40 އަހަރުވީ އެވެ؛ މިފްކޯ އޮތްގޮތަށް އޮތީ އެވެ. މިފްކޯގެ ފަހުން ވެސް އެތައް ބައިވަރު ކުންފުންޏެއް މަސް ގަންނަން ކަނޑަށް ނުކުތެވެ. އެކަމަކު އެއް ކުންފުންޏެއް ފިޔަވައި، އެހެން ކުންފުނިތައް ބަނގުރޫޓުވީ އެވެ. ފެކްޓަރީތައް ނުއަގުގައި ވިއްކާލަން ޖެހުނީ އެވެ. އެއީ، ދިގު ތާރީހެއް އޮތް ކަމެކެވެ. ސަރުކާރުގެ ރަނގަޅު ޕްލޭންތަކެއް ނެތް ކަން ވެސް ވަރަށް ރަނގަޅަށް އެނގުނު ކަމެކެވެ. އޭގެ ފަހުން، ވޭތުުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ވަރުގަދަ ބިޒިނަސް ޕްލޭންތަކާ އެކު އާ ކުންފުނިތަކެއް ވެސް ނުކުތެވެ. އެކަމަކު ރާއްޖޭގައި މިއޮތް މަސްވެރި މޫސުމަކަށް އެ ކުންފުނިތައް ވެސް މުޅިން ފައްކަލެއް ނުވި އެވެ.

މިއީ އަނެއްކާ ވެސް މަސްވެރި މޫސުމެވެ. ދެކުނުގެ ބިޔަ ދޯނިފަހަރު ދުވާލަކު 15 ޓަނުގެ މަސް ބާނައިގެން އައިސް އޮންނަނީ ދިގު ކިޔޫތަކުގަ އެވެ. އެތައް ގަޑިއެއް ކިޔޫގައި އޮތުމަށް ފަހު ބޯޓާ ނުވަތަ ފެކްޓަރީއާ ކައިރިކޮށްލުމުން ކިރަނީ ގިނަވެގެން ފަސް ޓަނެވެ. އަނެއް 10 ޓަނުގެ މަސް ޖެހެނީ އުކާލާށެވެ!

އާންމުން ރަތަށް އަރަނީ، ކޮންމެ ފަހަރަކު، ސޯޝަލް މީޑިއާގަ އާއި ސިޔާސީ ދޫތަކުން އެ މަންޒަރު ރައްޔިތުންނަށް ދައްކާތީ އެވެ. ކޮންމެ މީހަަކަށް ވެސް ބުނެވެނީ، ސަރުކާރެއްގެ ބޭނުމަކީ ކޮބައި ހެއްޔޭ އެވެ؟

ގއ. މާމެންދު އަކީ، މަސްވެރިކަމުގެ ރަން ތާރީހެއް އޮތް ރަށެކެވެ. އެ ރަށުގައި އޮތީ ޒަމާނީ މަސްވެރިކަމުގެ އެންމެ ދޯންޏެއް ނޫނެވެ. އެތައް ބައިވަރު ދޯންޏެކެވެ.
"މިއިން ދޯންޏެއް ދުވާލަކު އެބަ ބާނާލާ 15 ޓަނުގެ މަސް،" މާމެންދޫ އޮޑިވެރިޔަކު ބުންޏެވެ.
އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން އެންމެ ފަހުގެ ދޯނިތައް ބަނަސް، އޮޑިވެރިން ގަބޫލުކުރާ ގޮތުގައި ސަރުކާރުން މަސްވެރިކަމަށް އަޅާނުލާތީ، މަސްވެރިކަމުގައި ސަރުކާރު އޮތީ އޮޑިވެރިންނަށް ވުރެ މާ ފަހަތުގަ އެވެ. އަދި، މި ރިޕޯޓަށް ވާހަކަ ދެއްކި އޮޑިވެރިޔާ ވަރަށް ހިތްހަމަނުޖެހިފައި ހުރެ ބުނި ގޮތުގައި ސަރުކާރުން ގަސްތުގައި މަސްވެރިކަމަށް އަޅާ ނުލަނީ ސަބަބުތަކެއް ވެސް ހުރެގެންނެވެ.
"ސަބަބަކީ އަހަރެމެންނަކީ ސިޔާސީ އެކްޓިވިސްޓުންނަށް ނުވާތީ،" އޭނާ ބުންޏެވެ.
އޭގެ އެއް ސަބަބަކީ އޭނާ ބުނި ގޮތުގައި، ހުވަދުއަތޮޅުގައި ހުރި އައިސް ޕްލާންޓްތަކެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި ޕާޓީތަކުގެ މީހުންނަށް ވަޒީފާ ދޭން ހަދާފައި ހުރި އައިސް ޕްލާންޓްތަކަކީ އެއްވެސް ބޭނުމެއް ހުރި އެއްޗެއް ނޫނެވެ.
"އޭގެ ބަދަލުގައި އަޅުގަނޑުމެން އެސްއީއެމް ބޭންކަށް މި އެދެނީ އާރުއެސްޑަބްލިޔު (މަސް ފިނިކޮށްފައި ބަހައްޓާ ނިޒާމު) ގަންނަން ފައިސާ ދޫކޮށްދޭން. ޚުދު އަޅުގަނޑު އެދުނިން. އަޅުގަނޑުގެ ދޯންޏަކީ އަހަރަކު 12 މިލިއަން ރުފިޔާގެ ފައިދާ ލިބޭ ދޯންޏެއް. އެ ދޯނިން އޮޑިވެރިޔާ އަށް ލިބޭނެ އަހަރަކު 2.8 މިލިއަން ރުފިޔާ ވަރު. އެކަމަކު 10 އަހަރުން އަދާކުރާ ގޮތަށް ތިން މިލިއަން ރުފިޔާގެ ލޯނަކަށް އެދުނީމަ ދިން ޖަވާބު އިނގޭތޯ. ތި ލިބޭ އާމްދަނީން ލޯނު ދެއްކޭނެ ކަމަކަށް ނުބެލެވެއޭ. އެއޮތީ ރިޖެކްޓް ކޮށްފައި ފޮނުވި ސިޓީ،" އޭނާ ކިޔައިދިނެވެ.
"އަޅުގަނޑު ވެެސް ގަބޫލުކުރަމޭ ބާނާހާ މަހެއް މިހެން ބަހައްޓައިގެން ކިރުމަކީ ވާނެ ކަމެއް ނޫން ކަމަށް. އެކަމަކު އައިސް ޕްލާންޓްތަކަށް ކުރާ ހަރަދު ކުޑަކޮށްފައި ކީއްތޯ ވާނީ އާރުއެސްޑަބްލިޔު ސިސްޓަމް ގަންނަން އޮޑިވެރިންނަށް ލޯނު ދިނިއްޔާ.
"މަސްވެރިންނަަކަށް ލޯނެއް ނުދެވޭ. އެކަމަކު އެސްއީއެމްގެ 80 ޕަސެންޓް ލޯނު އެހުރީ ޓޫރިޒަމަށް ދޫކޮށްފައި. މިއީ ސިޔާސީ ކުޅިވަރު ނޫނީ ދެން ކޮން އެއްޗެއް؟"
އާރުއެސްޑަބްލިޔު ސިސްޓަމެއްގެ އަގަކީ، އޭނާ ބުނި ގޮތުގައި، އަގުގެ ގޮތުން އޮޑިވެރިޔާ އަށް ގަންނަން އެހާ ފަސޭހަ އެއްޗެއް ނޫނެވެ.
"އާރުއެސްޑަބްލިޔު ސިސްޓަމެއްގެ އަގަކީ 300،000ރ. އިންސްޓޯލްމަންޓާ އެކު 500،000ރ. ނުގޮހެއް ނުވޭ. އަޅުގަނޑުމެން މި އެދެނީ 100 އެއެއްހާ ދޯންޏަށް ސަރުކާރުން އެވަރުކޮށްލަދޭށޭ. ލޯނު ހޯދައިދޭށޭ. މައްސަލަ އޭރުން ހައްލުވީ. ސާޅީސް ޓަނުގެ މަސް އޭރުން ފިނިކޮށްފައި ބެހެއްޓޭނެ،" އޭނާ ބުންޏެވެ.
"އައިސް އަޅައިގެން ތިން ހަތަރު ޓަނުގެ މަސް ވެސް ރަނގަޅަށް ފިނިކޮށްފައި ބެހެއްޓުމަކީ ލާހިކު ކުޅަދާނަ ކަމެއް ނޫން."
މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާހުރި ބޭފުޅުން ވިދާޅުވި ގޮތުގައި ރާއްޖެ އަށް ދިމާވެފައިވާ މައްސަލައަކީ މަސް ގަނޑުކުރާ ނިޒާމުގެ ކެޕޭސިޓީ މާ ބޮޑަށް ކުޑަވުމެވެ.
"ކޯލްޑް ސްޓޯރޭޖްތައް ވެސް މިވަގުތު ނެތިގެނެެއް ނޫން މިހާރު މި މައްސަލަ ދިމާވެގެން މި އުޅެނީ. މައްސަލައަކީ ބްރައިން ޓޭންކްތަކުގެ ކެޕޭސިޓީ،" ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވި އެވެ.
މިފްކޯގެ ބްރައިން ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 450 ޓަނެވެ. އެއީ މަސްވެރި މޫސުންތަކަށް ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. މަސް ގަތުމަށް ފަހު، ކޯލްޑް ސްޓޭޖުގައި އެ މަސްތައް ގުދަން ކުރާނީ، ބްރައިން ފްރީޒަރުގައި ގަނޑުކޮށްލުމަށް ފަހު އެވެ.
"މިއީ މުޅި ޕެކޭޖް ރަނގަޅު ކޮށްގެން ނޫނީ ހައްލުވާނެ ކަމެއް ނޫން. މުހިންމު ތިން ކަމެއް ކުރަން އެބަޖެހޭ. އެއް ކަމަކީ ކޯލްޑް ސްޓޯރޭޖް އިތުރުކުރުން، ދެން ބްރައިން ކެޕޭސިޓީ އަދި ޕްރޮސެސިން ކެޕޭސިޓީ ވެސް އިތުރުކުރުން."
އޭނާ ވިދާޅުވި ގޮތުގައި، މަސްވެރިން މަސް ފިނިކޮށްފައި ބަހައްޓާ ނިޒާމުން މަސްތައް ފިނިކޮށްފައި ބެހެއްޓުމަކީ ވެސް މި މައްސަލަ އަށް މި ވަގުތު ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމެކެވެ.
"އެކަމަކު މިހާރު މަސްވެރިން މި ހަދާ ގޮތަކީ ގިނަ ފަހަރަށް ފެންގަނޑަށް އައިސް އަޅަން މި ފަށަނީ ވެސް މަސް ބާނައިގެން. އޭރުން ގަންނަ ފަރާތް ރިޖެޓް ކުރުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.
"މިއީ 30 އަހަރަށް ވުރެ ވެސް ގިނަ ދުވަސްވީ އިރު އަޅާ ނުލެވި އޮތް ކަމެއް. އެކަމަކު މިހާރު މަސްވެރިކަމުގެ ބައެއް މަޝްރޫއުތައް އެބަ ކުރިއަށް ދޭ. އެހެންވެ، އެކަން ނިމެންދެން މިއީ އަދި ކެތްތެރިވާންވީ ވަގުތުކޮޅެއް.
"މިވަގުތު ހަމަ ރަނގަޅީ ނުކިރޭނެ ކަން އިނގޭ އިރު ފަސް ޓަނަށް ވުރެ ގިނައިން މަސް ނުބޭނުން. މަސް ބޭނުމަކީ ވެސް ހަމަ ހަރަދު ހިނގާނެ ކަމެއް."
ބާނާ މަސްކޮޅު ނުކިރޭ މައްސަލަ އަށް މި ވަގުތު އޮތީ، ތަޖުރިބާކާރުން ވެސް ވިދާޅުވާ ގޮތުގައި މަޝްރޫއުތައް ނިމެންދެން މަޑުކުރުމެވެ. އެކަމަކު މަސްވެރިން ސުވާލު ކުރަނީ އެއީ ކިހާ ދުވަހެއް، ކިތައް އަހަަރު ހެއްޔޭ ކިޔައިފަ އެވެ.